twitterviber whatsapp telegramfacebookyoutube instagram
25th April 2024

އައިސޮލޭޓްކޮށްފައިވާ މީހުންނަށާއި ކަރަންޓީންކުރި ފަރާތްތަކަށް ނަފްސާނީ އެހީ ދެނީ

Mar 9, 2020

ރާއްޖޭގައި ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން އައިސޮލޭޓް ކޮށްފައިވާ މީހުންނާއި ޕޮސިޓިވް ވެގެން ކަރަންޓީނުކޮށްފައިވާ މީހުންނަށް ދިވެހި ރެޑްކްރެސެންޑްގެ ފަރާތުން ނަފްސާނީ އަދި އިޖްތިމާއީ އެހީތެރިކަން ފޮރުކޮށްދޭން ފަށައިފިއެވެ.

ދިވެހި ރެޑް ކްރެސެންޓުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ރައީސް އަލީ ނާޝިދު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން އެ ޖަމިއްޔާއިން މައިގަނޑު ތިން ހަރަކާތެއް ކުރިއަށްގެންދާ ކަމަށާއި އެގޮތުން އެންމެ ފުރަތަމަ އިސްކަމެއްދީގެން ކުރާ ކަމަކީ ސަރުކާރަށް ވާގިވެރިވުން ކަމަށެވެ.

އަދި މިހާރު އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއްގެގޮތުގައި ފާހަގަކުރެއްވީ ސައިކޯ ސޯޝަލް ސަޕޯޓު ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ދިނުމުގެ މަސައްކަތެވެ.

މީގެ އިތުރުން އެގޮތުން ކޮވިޑް 19 އަށް ހާއްސަކޮށް އުފައްދާފައިވާ ޓާސްކްފޯހުގެ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެ އެމީހުންނާއެކު މަސައްކަތް ކުރަމުންދާ ކަމަށާއި

ސައިކޯ ސޯޝަލް ސަޕޯޓު ފޯރުކޮށްދެމުންދަނީ ސަރުކާރާއި ގުޅިގެން ފޯނުކޯލު މެދުވެރިކޮށް ކަމަށްވެސް ވިދާޅުވިއެވެ.

މިބައްޔަށް ރާއްޖެއިން މީހަކު ޕޮޒިޓިވްވުމުގެ ކުރިން ރެޑް ކްރެސެންޓުގެ ދަރުމަވެރިން ދޮރުންދޮރަށް ހިނގައި މި މައުލޫމާތު ވެސް ވަނީ ފޯރުކޮށްދީފަ އެވެ.

އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް، ސާފުތާހިރުކަމާ ގުޅޭގޮތުން ހޭލުންތެރިކޮށް، ބަލިފެތުރުމާ ގުޅޭގޮތުންނާއި ބައްޔާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި އަތޮޅުތެރޭގައި ގާއިމް ކުރެވިފައިހުރި އެ ޖަމްއިއްޔާގެ ގޮފިތަކުން ރަށްރަށުގައިވެސް ބައްޔާގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355