ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްގެ އަލާމާތްތަކެއް ފެނިގެން ކަރަންޓީނު ކުރި ށ ފޯކައިދޫއިން ބައްޔަށް ޝައްކުވި ކުރެއްދޫ މުވައްޒަފާއި އެމިރޭޓްސްގެ ޓިކެޓް އޮފީހުގެ މުވައްޒަފު ކޮރޯނާއަށް ނެގެޓިވްވެފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފި އެވެ.
އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް 19 އަށް ޝައްކުވެގެން ބައްޔަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގި ތިން މީހަކު ބައްޔަށް ނެގެޓިވް ވެފައިވާކަމަށެވެ. އޭގެ ތެރޭގައި ފަރުކޮޅުފުށީގައި އައިސޮލޭޓް ކޮށްފައިވާ އެމިރޭޓްސްގެ ޓިކެޓިން އޮފީހުގެ މުވައްޒަފަކާއި ށ. ފޯކައިދޫން ފަރުކޮޅުފުއްޓަށް ގެނައި ކުރެއްދޫގެ މުވައްޒަފު ހިމެނޭ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އިއްޔެ އެޗްޕީއޭ އިން ވަނީ ޅ. ހިންނަވަރުގައި ހޯމް އައިސޮލޭޝަންގައި ހުރި މީހެއްގެ ސާމްޕަލް ނަަގައި ބައްޔަށް ޓެސްޓު ކުރާނެކަމަށް ވެސް ބުނެފަ އެވެ.
އެމިރޭޓްސްގެ މުވައްޒަފު އެކަހެރިކޮށް ބައްޔަށް ޓެސްޓުކޮށްފައިވަނީ ކުރެއްދޫގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށް ދިޔަ އިޓަލީ ފަތުރުވެރިޔާ މާލެ އައިސް ޓިކެޓް ގަތުމަށް އެމިރޭޓްްސް އޮފީހަށް ދިޔުމުން އޭނާއާ ކޮންޓެކްޓު ކުރި މީހަކަށް ވާތީ އެވެ.
އިޓަލީ ފަތުރުވެރިޔާ މާލެ އައިސް ހުރީ މާގިރި ހޮޓަލުގަ އެވެ. އެ ހޮޓަލުގެ 15 މުވައްޒަފަކު ސެލްފް އައިސޮލޭޝަންއަށް ދާން އަންގާފައިވާކަމަށް އިއްޔެ ވަނީ ހާމަކޮށްފަ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ ހަ މީހެކެވެ. އެއީ ޅ. ކުރެއްދޫ ރިސޯޓްގެ ހަތަރު މުވައްޒަފަކާއި އއ. ބަތަލާ ރިސޯޓުގެ ދެ މުވައްޒަފެކެވެ.