މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެތުރިއްޖެ ހިނދެގައި ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ގޮތުގައި އަތޮޅުތެރޭގައި ބޭނުންކުރުމަށް ގާއިމުކޮށްފައިވާ ފެސިލިޓީސްތަކުގެ އަދަދުތައް ސަރުކާރުން ހާމަކުރައްވައިފި އެވެ.
ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ކޮރޯނާވައިރަސް އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒް މިރޭ ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަލި ފެތުރިއްޖެ ހިނދެގައި މީހުން ކަރަންޓީނު ކުރެވޭނެ ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތައްو އަތޮޅުތަކުގައި ގާއިމުކޮށްފައިވާ އަދަދުތައް ވަކިވަކިން ވިދާޅުވެދެއްވާފަ އެވެ.
އެގޮތުން ބޮޑުތިލަދުންމައްޗަށް ބަލާއިރު 123 ކަރަންޓީނު ފެސިލިޓީއެއް ގާއިމުކޮށްފައިވާއިރު އައިސޮލޭޝަން ފެސިލިޓީއެއްގޮތުގައި ޖުމްލަ 74 ފެސިލިޓީއެއް ވަނީ ގާއިމުކޮށްފަ އެވެ.
މަބުރޫކް ވިދާޅުވީ، ހއ އަތޮޅުގައި 29 ކަރަންޓީނު ފެސިލިޓީއަކާއި 19 އައިސޮލޭޝަން ފެސިލިޓީ އެބަހުރިކަމަށެވެ. އަދި ހދ އަތޮޅުގައި 64 ކަރަންޓީ ފެސިލިޓީއަކާއި 34 އައިސޮލެޝަން ފެސިލިޓީއެއް ގާއިމުކޮށްފައިވާއިރު ށ އަތޮޅުގައި 30 ކަރަންޓީނު ފެސިލިޓީއަކާއި 21 އައިސޮލޭޝަން ފެސިލިޓީ ގާއިމުކޮށްފައިވާ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިއުލާން ކޮށްފައިވާއިރު މިހާތަނަށް ރާއްޖޭން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވި 10 މީހަކު ވަނީ ފެނިފައި އެވެ.
މިއަދު ހެލްތު ޕްރޮޓެކްޝަން އޮތީރިޓީ (އެޗްޕީއޭ)އިން ވަނީ ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން މުހިންމު ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން އެޗްޕީއޭއިން މިއަދު ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން މަނާކޮށްފައިވާއިރު ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ.
އޭގެ އިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ.