ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކުޅުދުއްފުށީގައި ހުންނަ މިސްކިތްތަކާއި ނަމާދުގެތައް، ކޮންމެ ނަމާދަކަށް ފަހު ޑިސްއިންފެކްޓް ކުރަން ފަށައިފި އެވެ.
ކޭއޯއަށް މައުލޫމާތު ދެމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން އުފައްދާފައިވާ ޓާސްކްފޯސްގެ މަޝްވަރާގެ މަތިން ކޮންމެ ނަމާދަކަށްފަހު ކުޅުދުއްފުށީގައި ހުންނަ މިސްކިތްތަކާއި ނަމާދުގެތައް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ޑިޓޯލް ބޭނުންކޮށްގެން ޑިސްއިންފެކްޓް ކުރަމުންދާ ކަމަށެވެ.
އިތުރަށް ލަތީފް ވިދާޅުވީ ކެއްސާ ކިނބިހި އަޅާ ފަރާތްތަކުން މިސްކިތްތަކަށް މިދުވަސްވަރު ނުދިއުމަށް ނަސޭހަތް ތެރިވެފައިވާނެ ކަމަށާއި ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން ދިރިއުޅޭ ރަށެއްކަމުން ބަންގްލަދޭސް ބަހުންވެސް އެކަން އަންގާ އިއުލާނުކޮށްފައިވާނެ ކަމަށެވެ.
ކުޅުދުއްފުށީގައި ނަމާދުކުރާ ހަ މިސްކިތާއި އަންހެނުން ނަމާދު ކުރަން ހާއްސަކޮށް ދެ ނަމާދުގެ ހުންނަ ރަށެކެވެ. މިސްކިތް ތަކަކީ ކޮންމެ ދުވަހަކު އެތައް ފަހަރެއްގެ މަތިން ގިނަބަޔަކު އެއްޖަމާއަތެއްގައި ބައްދަލުވާނެ ތަނެކެވެ.
މި ވައިރަސްއިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ދާދި ފަހުން އިސްލާމިކް މިނިސްޓްރީން ވަނީ ދުވަސްވީ މީހުންނާއި ކުޑަކުދިން މިދުވަސްވަރު މިސްކިތުގެ ޖަމާއަތަށް ނުދިއުމަށްވެސް އިލްތިމާސްކޮށްފަ އެވެ. އަދި މިސްކިތްތަކުގައި ހުރި ކާޕެޓްތައްވެސް ވަނީ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ނަގާފަ އެވެ.
މި ނުރައްކާތެރި ވައިރަހަށް ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވްވެފައި ވާއިރު ކޮންމެ މީހަކުވެސް އެ މީހެއްގެ ފަރުދީ ޒިންމާ އަދާކޮށް ސާފުތާހިރުކަމަށް ސަމާލުކަންދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.