ވިލާ ގްރޫޕުން ހިންގާ ޕެރެޑައިސް އައިލެންޑް ރިސޯޓުން 58 މީހަކު އެކަހެރިކޮށްފި އެވެ. އެ ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓް ކުރި ހުރިހާ މީހުންގެ ނަތީޖާތައް ވަނީ ނެގެޓިވްވެފަ އެވެ.
ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން ޕެރެޑައިސް ރިސޯޓުން އިއްޔެ އެކަހެރިކުރީ އަށް ދިވެހިންނާއި ދެ ބިދޭސީއެކެވެ.
މީހުންގެ ނަތީޖާ ނެގެޓިވްވެފައިވުމުން ރިސޯޓްގެ ލޮކްޑައުން ވަނީ އުވާލާފަ އެވެ. ނަމަވެސް އެކަހެރިކޮށްފައިވާ 58 މީހުން ބައިތިއްބާފައިވާ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ.
ކޮވިޑް-19 އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވީ އެމީހުންގެ ނަތީޖާ ނެގެޓިވްވެފައިވީ ނަމަވެސް ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު 58 މީހަކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެކަހެރިކޮށްފައިވާ ކަމަށެވެ.
ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވެފައިވަނީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. ރާއްޖެއިން މި ބަލި އެންމެ ފުރަތަމަ ފެނުނީ ކުރެއްދޫ ރިސޯޓުންނެވެ. އެ ރިސޯޓަށް ބަލި ފެތުރި ފަސް މީހަކަށް ބަލި ޖެހުނެވެ.
ދެން ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ ޓޫރިސްޓުންގެ އިތުރުން އައިލެންޑް ސަފާރީގެ ދެ ޓޫރިސްޓަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ ޓޫރިސްޓަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ ޓޫރިސްޓެއްގެ ފަރާތުންނެވެ. ބަތަލާ ރިސޯޓްގެ ދެ މީހުން މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
މިހާރު ރާއްޖެއިން މި ބަލީގެ މީހަކު ނުފެންނަތާ ފަސް ދުވަސް ވަނީ ވެފަ އެވެ. ސަރުކާރުން ގެންދަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ސަރުކާރު އޮފީސްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ކޮންމެހެން ބޭރަށް ދާން ޖެހުގެން ނޫނީ ނުދިޔުމަށް ދަނީ އިލްތިމާސްކުރަމުންނެވެ. ޖަމާއަތުގައި ނަމާދު ކުރުމާއި ޕާކްތަކާއި ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ގިނަ ޓެސްޓްތަކެއް މިހާރު ދަނީ ހަދަމުންނެވެ. ކިރިޔާ އަލާމާތެއް ފެނުނަސް އެމީހެއްގެ ސާމްޕަލްތައް ނަގަ އެވެ. އެގޮތުގެ މަތިން މިހާރު ވެސް 500 އަށްވުރެ ސާމްޕަލްތައް ނަގައިފި އެވެ.