ސައުދީ އަރަބިޔާގައި ކޮވިޑް-19 ފެތުރޭ މިންވަރު މައްޗަށްދާތީ އެ ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން އެގައުމުގައި 21 ދުވަހުގެ ކާފިއު އިއުލާން ކޮށްފި އެވެ.
ސައޫދީގެ ރަސްމީ ޕްރެސް އެޖެންސީން ބުނާގޮތުގައި ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ވަނީ ރޭގަނޑު 7:00 އިން ހެނދުނު 6:00 އަށް 21 ދުވަސްވަންދެން މަގުތަކަށް މީހުން ނިކުތުމާއި އެއްވެއުޅުން މަނާކުރުމުގެ ޝާހީ އަމުރެއްގައި ސޮއިކުރައްވައި އެކަން ތަންފީޒު ކުރުމަށް ސައޫދީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އަމުރު ކުރައްވާފަ އެވެ. އެއާއެކު އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ވަނީ ސިވިލް އަދި މިލިޓަރީ ފަރާތްތަކަށް މިއަމުރު ތަންފީޒުކުރުމަށް އަންގާފަ އެވެ.
ސައޫދީގައި ކާފިއު އިއުލާންކުރުމަށް ސަލްމާން ރަސްގެފާނު އަމުރުކުރައްވާފައި މިވަނީ އެގައުމުގެ 119 މީހަކު އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެގައުމުގައި މިހާރު މިވައިރަސް ޖެހުނު މީހުން 511 އަށް އެރީއެވެ. އެއާއެކު އެގައުމަށް މިވައިރަސް ފެތުރިގެން ހިނގައިދާނެކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
އަދި ވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާފިޔަވަޅެއްގެ ގޮތުން މައްކާ އާއި މަދީނާގައިވާ މުސްލިމުންގެ ދެ ހަރަމްފުޅު ވަނީ ވަގުތީގޮތުން ބަންދުކޮށްފަ އެވެ.
ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި ސައޫދީއިންވަނީ އުމްރާއަށް ވިސާ ދޫކުރުމާއި ފަތުރުވެރިކަމަށް ވިސާ ދޫކުރުންވެސް މިމަހުގެ ކުރީކޮޅުގައި ހުއްޓާލާފަ އެވެ. އަދި ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ހަރަކާތްތައްވެސް ދާދިފަހުން ސައޫދީގައިވަނީ ހުއްޓުމަކަށް ގެނެސްފަ އެވެ.