twitterviber whatsapp telegramfacebookyoutube instagram
25th September 2026

އިންޑިޔާ ލޮކްޑައުން ކުރިއަސް ރާއްޖެއަށް ކާޑު ލިބޭނެ

ޚަދީޖާ އާދަމް
Mar 25, 2020

އިންޑިއާ ލޮކްޑައުން ކުރި ނަމަވެސް އެގައުމުން ރާއްޖެއަށް އެތެރެކުރާ ކާޑުގެ ބާވަތްތައް އެއްވެސް ދައްޗެއް ނެތި ރާއްޖެއަށް އެތެރެކުރެވޭނެކަމަށް އިންޑިއާއިން ބުނެފިއެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްއާ ގުޅިގެން އިންޑިޔާ ވަނީ 21 ދުވަހަށް ލޮކްޑައުންކޮށްފަ އެވެ. ނަމަވެސް ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް އެތެރެކުރުމުގައި ދައްޗެއް ކުރިމަތި ނުވާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މައުލޫމާތު ދެއެވެ.

ވިހި ދުވަހަށް ބޭނުންކުރެވޭނެ ހަނޑުލާއި ހަކުރު މިހާރު ވަނީ ރާއްޖެ އައުމުގެ މަގުމަތީގައި ކަމަށާއި އިތުރު 1،500 މެޓްރިކް ޓަނުގެ ހަނޑުލާއި 500 މެޓްރިކް ޓަނުގެ ހަކުރު ރާއްޖެއަށް އެކްސްޕޯޓު ކުރުމަށް މިހާރު ވަނީ ޓުޓިކޮރިން ބަނދަރަށް ގެންދެވިފައި ވާ ކަމަށް ހައިކޮމިޝަނުން މައުލޫމާތު ދެއެވެ.

ހަނޑޫ ހަކުރު އަދި ފުށް އެތެރެކުރުމަށް ލޮޖިސްޓިކަލް ދަތިތަކެއް ހުރި ނަމަވެސް އެކަންތައް ހައްލުކޮށް ރާއްޖެއަށް އެތަކެތި އެތެރެކުރެވޭނެ މަގު ތަނަވަސް ކުރެވިފައިވާކަން ހައިކޮމިޝަނުން ފާހަގަ ކުރެއެވެ.

ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރާ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ވެސް ވަނީ ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ދައްޗެއް ނެތި ލިބޭނެކަމުގެ ޔަގީންކަން އެކި ފަހަރު މަތިން އަރުވައިފައެވެ.

އިންޑިއާގެ 519 މީހަކަށް ކޮރޯނާ ޖެހިފައިވާއިރު މިހާތަނަށް 10 މީހުން ވަނީ މަރުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293