ކޮވިޑް-19 އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކާލުގެ ހާލަތު އިއުލާން ކޮށްފައިވަނީ ޓެކްސް ދެއްކުމުގައި ލުއިތަކެއް ދިނުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމައިފި އެވެ.
މީރާއިން މިއަދު ބުނީ ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ޓެކުހާއި އެހެނިހެން ފައިސާ ނުދެއްކިވާ ފަރާތްތަކަށް އެ ފައިސާ އިންސްޓޯލްމަންޓް އުސޫލުން ދެއްކުމަށް އިތުރު ލުއިފަސޭހަތަކެއް ހަމަޖައްސައިފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް ހަމަޖައްސައިދީފައިވާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ތިން މަސްދުވަހުގެ މުއްދަތަށް ވަނީ ފަސްކޮށްދީފައެވެ.
އިންސްޓޯލްމަންޓަށް ބަހާލައިގެން ފައިސާ ދެއްކުމަށް އިންސްޓޯލްމަންޓް އެގްރިމަންޓެއްގައި ސޮއިކޮށް ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމަންޓެއް އޮތް ނަމަވެސް، އެ އިންސްޓޯލްމަންޓްގެ ތެރޭގައި ނުހިމެނޭ މުއްދަތުތަކާ ގުޅިގެން އިތުރު އިންސްޓޯލްމަންޓަކަށް އެދިއްޖެ ހިނދެއްގައި އެ ފުރުސަތު ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ދިނުމަށް ވަނީ ނިންމާފައެވެ.
މި ލުއިތައް ދިނުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަދި ޑިސެންބަރު 1 2019 އިން ފެށިގެން ފެބުރުވަރީ 29 2020 އަށް ހާއްސަ އިނާޔަތެއްގެ ގޮތުން އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް ހަމަޖައްސަމުންދިޔަ ލުއިތަކާ އެކު އިންސްޓޯލްމަންޓް ތަކަކަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ ފުރުސަތުވެސް އިތުރު ކޮށްފައިވާ ކަމަށް މީރާއިން ބުނެފައެވެ.