ކޮވިޑް-19 އާއި ގުޅިގެން ކުޅުދުއްފުށީގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ފަރާތްތަތައް ދެނެގަނެ އެފަރާތްތަކަށް ހައްލު ހޯދައިދިނުމަށް ކުޅުދުއްފުށި ކައުންސިލުން ނިންމައިފި އެވެ.
އެކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ވަޒީފާ އަދާކުރާ ގިނަ ފަރާތްތަކެއް މުސާރައާއި އިނާއަތްތައް ކުޑަކުރުމާއި މުސާރައާއި އިނާއަތްތައް ނުލިބޭގޮތަށް ނޯޕޭ ލީވް ނަގަން މަޖުބޫރު ކުރުމާއި ބައެއް ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވާކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުން ދާކަމަށެވެ.
އެގޮތުން ކުޅުދުއްފުށީ ރަށްވެހިންނާއި ކުޅުދުއްފުށީގައި ދިރިއުޅޭ އާއިލާތަކަށް ނިސްބަތްވާ ފަރާތްތަކުގެ ތެރެއިން މިމަހު އެއްވަނަ ދުވަހުން ފެށިގެން އެއްވެސް ފަރާތްތެއްގެ ވަޒީފާގެ ހާލަތަށް ބަދަލެއް އައިސްފައިވާނަމަ އެފަރާތްތަކުގެ މައުލޫމާތު އެއްކޮށް ކަމާއި ގުޅުންހުރި އިދާރާތަކަށް ހުށައަޅައިގެން ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.
އެހެންކަމުން އެފަދަ ހާލަތެއް ދިމާވެއްޖެނަމަ އެފަރާތްތަކުގެ މައުލޫމާތު އެ އިދާރާއިން ގާއިމްކޮށްފައިވާ އޮންލައިން ފޯމް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެެވެ. ފޯމް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރަން ދަތި ބޭފުޅުންނަށް އެކައުންސިލުގެ ހޮޓްލައިން 9531312 އަށް ފުރިހަމަ ނަމާއި އައިޑީ ކާޑް ނަންބަރު އަދި ގުޅޭނެ ނަންބަރެއް ޖައްސަވާ މެޖެސް ނުވަތަ ވައިބަރ ކުރުމުން ފޯމް ފުރައި ދިނުމުގެ އިންތިޒާމް ހަމަޖެހިގެން ދާނެކަމަށްވެސް އިއުލާނުގައި ވެއެވެ.
ކޮވިޑް19 ގެ ސަބަބުން ވަޒީފާއިން ވަކިކޮށްފިނަމަ ނުވަތަ މުސާރައާ އެލަވަންސްތަކަށް އެއްވެސް ބަދަލެއް ގެނެސްފިނަމަ އިކޮނޮމިކް މިނިސްޓްރީގައި ގާއިމްކޮށްފައިވާ ޖޮބް ސެންޓަރަށް ރިޕޯޓް ކުރުމަށް އެ މިނިސްޓްރީން ވެސް ވަނީ އެދިފައެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަން ދިނުމުގައި ބަލާނެ އެންމެ ބޮޑު ކަމަކީ ދިވެހިން ވަޒީފާތަކުން ވަކިނުކުރުން ކަމަށެވެ. އެހެން ކަމުން ދިވެހިން އަދާކުރަމުންދާ ވަޒީފާތަކުން އެމީހުން ވަކިނުކުރުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.