މިހާރު ދުނިޔެއަށް ކުރިމަތިވެގެން އުޅޭ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް ދިމާވެދާނެ އިގްތިޞާދީ އިނދަޖެހުމުން ސަލާމަތް ވެވޭތޯ ގިނަ ރަށްރަށުން އަންނަނީ އިސްނަގައި، ދަނޑު ގޮވާމުގެ މަސައްކަތައް ތައްޔާރުވަމުން ނެވެ.
އެގޮތުން ހދ ވައިކަރަދޫ އަދި ހއ ހޯރަފުށީ ކައުންސިލުން ދަނޑުވެރިކަން ކުރަން ބޭނުންވާ ބިން ދޫކުރަން ނިންމާ ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފި އެވެ.
ވައިކަރަދޫ ކައުންސިލުން ބުނީ ކޮވިޑް-19 އާ ގުޅިގެން ދިމާވެދާނެ އިގްތިޞާދީ ހީނަރުކަމަށް ބަލާ ރައްޔިތުންނަށް ބޭނުންވާ ކާނަގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި ރަށުގެ އެކި ސަރަހައްދުގައި ހުސްކޮށް ހުރިކަމަށް ފާހަގަކުރެވޭ ބައެއް ބިންތައް ވަގުތީ ގޮތުން ދަނޑުވެރިކަންކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ވައިކަރަދޫއިން ދޫކުރުމަށް ހަމަޖެހިފައިވަނީ ރަށުގައި ދިރިއުޅޭ ކޮންމެ ގޭބީސީއަކަށް އެއްދަނޑެވެ. އަދި ދަނޑުގެ ބޮޑުމިން ކަނޑައެޅޭނީ އެ ގޭބީސީއެއްގެ ދިރިއުޅޭ މީހުންގެ ނިސްބަތުން ކަމަށާއި މި ގޮތަށް ދޫކުރެވޭ ދަނޑުބިންތަކަކީ ކުރުމުއްދަތަށް ދޫކުރާ ވަގުތީ ބިންތައް ކަމުން މި ދަނޑުތަކުގައި ހެއްދޭނީ ގޮވާމާއި ފަލަމަޑީގެ ބާވަތްތައް ފަދަ ކުރު މުއްދަތެއްގައި ކަނޑަން ލިބޭ ބާވަތްތަކެވެ.
އެ އުސޫލުން ބިން ބޭނުންވާ ފަރާތް ތަކުން މި މަހު 7 ވަނަ ދުވަހުގެ ކުރުން ވައިކަރަދޫ ކައުންސިލަށް ގުޅައި ނަންނޯޓް ކުރުމަށް އެއިދާރާއިން އެދެ އެވެ. ނަންނޯޓް ކުރުން ކުރިއަށްދާނީ ކޮންމެ ދުވަހަކު 13:00 ން 16:00 އަށެވެ.
ހޯރަފުށީ ކައުންސިލުން ބުނީ މިހާރު ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކާއި އަލަށް އެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތް ތަކުން އެއިދާރާގައި ރަޖިސްޓްރީވުމަށް ފޯމު ހުށައެޅުމަށް އެދޭ ކަމަށެވެ. ކުރިން ރަޖިސްޓްރީވާން ފޯމް ހުށައަޅާފައިވާ ފަރާތްތައް ވެސް އަލުން ފޯމްހުށައަޅަން ވާނެ ކަމަށެވެ.
އެއިދާރާއިން ބުނީ ކޮވިޑް-19 އާ ގުޅިގެން ހޯރަފުށީގައި ދަނޑުވެރިކަމުގެ އުފެއްދުންތަށް އިތުރުކުރަން ބޭނުންވާތީ ބިމުގެ ތަނަވަސްކަން ހުރި މިންވަރަކުން ބިން ދޫކުރަން ގަސްތުކުރާ ކަމަށެވެ. އަދި މިކަމަށް ސައުގުވެރިވާ ފަރާތް ތަކުން އެހީތެރިކަން ލިބޭނެ ކަމަށާއި ފޯމު ދޫކުރުމާއި ބަލައިގަތުން އާދީއްތަ އަދި އަންގާރަ ދުވަހުގެ މެންދުރު ފަހު 13:00 ން 14:00 އަށް އެއިދާރާ ގައި އޮންނާނެ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ގިނަ ގައުމުތަށް ލޮކްޑައުން ކޮށްފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ބިންތަކުގައި އުފެއްދޭނެ ފަދަ ކާނާގެ ބާވަތްތަށް ހެއްދުމަކީ ވަރަށް މުހިންމު ކަމެކެވެ.