ތޮއްޖެހިފައިވާ ތަންތަނުގައި މިހާރު އުޅެމުންދާ ބިދޭސީން ވަގުތީ ގޮތުން އެހެން ތަންތަނަށް ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ.
ނޭޝަނަލް އިމަޖެންސީ ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އަމިއްލަ ގައުމަށް އެނބުރި ދިޔުމަށް ބޭނުންވާ ބިދޭސީން ފޮނުވާލުމުގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށާއި ތޮއްޖެހިފައިވާ ތަންތާންގައި ދިރިއުޅޭ ބިދޭސީން ވަކި ކުރުމަށް ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
މަބުރޫކް ވިދާޅުވީ، ތޮއްޖެހިފައިވާ ގެ ތަކުން އެ އަށް ވުރެ ރަނގަޅު ތަންތަނަށް ގެންދާ ބިދޭސީންގެ އަދަދާއި އެ ތަންތަނުގެ މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި އިކޮނޮމިކް މިނިސްޓްރީން ހާމަކުރާނެ ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެ ގައުމަށް ގެންދިޔުމަށް އެހީތެރިވާން ދިވެހި ސަރުކާރުން ބަންގްލަދޭޝް ސަރުކާރުގައި ވަނީ އެދިފަ އެވެ. އެ ގައުމުގެ ފޮރިން މިނިސްޓަރާ ފޯނުން ވާހަކަ ދައްކަވަމުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ކޮރޯނާވައިރަސް ރާއްޖޭގައި ފެތުރިއްޖެ ނަމަ، އެ ވައިރަހުގެ ނުރައްކާ އެންމެ ބޮޑުވާނެ އެއް ބަޔަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ކަމަށެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރާ ގިނަ ބިދޭސީންނަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނެވެ. ގިނަ ބިދޭސީން އުޅެމުން އަންނަނީ ކުދި ކުދި ތަންކޮޅުކޮޅުގައި ތޮއްޖެހިގެނެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ސަރުކާރުގެ ހަރަދުގައި ފޮނުވަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ. އެކަމަށް އެދި 300 އަށް ވުރެ ގިނަ މީހުން ރަޖިސްޓަރީ ކޮށްފައިވާ ކަމަށް މަބްރޫކް ރޭ ވިދާޅުވި އެވެ.