twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކައުންސިލުން ދޭ މުހިންމު ބައެއް ހިދުމަތްތައް ބަންދު ތެރޭގައި ދެނީ

ނަބީލާ އިސްމާޢީލް
Apr 6, 2020

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އަސަރު ރާއްޖެއަށްވެސް ކޮށްފައިވާތީ ރައްކާތެރިކަމުގެ ގޮތުން ރާއްޖޭގައިވެސް ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ސްކޫލުތަކާއި ސަރުކާރުވެސް ބަންދުކޮށްފައި ހުންނަތާ މިވަނީ ގިނަދުވަސްތަކެއް ވެފަ އެވެ. އެހެންނަމަވެސް ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ދިނުމަށް ގިނަ އިދާރާތަކެއްގެ މުވައްޒަފުން އަންނަނީ މަސައްކަތްކުރަމުންނެވެ.

އޭގެ ތެރެއިން އެއް އިދާރާއަކީ ކައުންސިލްތަކެވެ. ސަރުކާރު ބަންދުވި ނަމަވެސް ކައުންސިލުތަކުން އަންނަނީ ރަށުގެ ގިނަ މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއަށް އިތުރުވެގެން މިދިޔައީ އާންމު ހިދުމަތެވެ. ބައެއް ކައުންސިލުތަކުގެވެސް އެދުމުގެ މަތިން އެލްޖީއޭއިން މިވަނީ ކައުންސިލުތަކުން ދެމުންދާ ހިދުމަތްތަކުގެ ތެރެއިން މުހިންމު ބައެއް ހިދުމަތްތައް ދިނުމަށް އެދިފަ އެވެ.

އެގޮތުން ދިނުމަށް ހަމަޖެހިފައިވަނީ އުފަންދުވަހުގެ ރެޖިސްޓްރީއާއި ސެޓްފިކެޓް ހެއްދުން، ރަށްވެހިވުމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ދޫކުރުންފަދަ ހިދުމަތްތަކެވެ. މި ހިދުމަތްތައް އިއްޔެއިން ފެށިގެން ކުޅުދުއްފުށީ ކައުންސިލުން އަންނަނީ ދެމުންނެވެ. އެގޮތުން ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ 10:00 ން 12:00 އަށް ލިބޭނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ކޭއޯ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނިންމުމެއް ކަމަށާއި މި ހިދުމަތް ބަންދުތެރޭގައި ފޯރުކޮށްނުދެވިގެން އަދި ޝަކުވާއެއް ލިބިފައި ނުވާކަމަށެވެ. އަދި މި ހިދުމަތްތައް ލިބުނު ކަމުގައި ވީނަމަވެސް ކައުންސިލުން އާންމުކޮށް ދެމުންއަންނަ ހިދުމަތްތައް އަދި ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ބަލިމަޑުކަން ކޮންޓްރޯލު ކުރުމުގެ ގޮތުން އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުން ސިއްހީ މާހިރުންނާއި ކަމާބެހޭ ފަރާތް ތަކުން ދަނީ ގޭގައި ތިބުމަށް ކެނޑިނޭޅި ނަސޭހަތް ތެރިވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355