ކޮވިޑް-19 އާ ގުޅިގެން ގައުމުތަށް ލޮކްޑައުން ވުމުގެ ސަބަބުން ފުލައިޓްތައް ކެންސަލްވެ ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގައި ނާދެވި ތިބި ދިވެހިން ގެންނަން ގައުމީ އެއާލައިން މޯލްޑިވިއަންއިން ބާއްވަމުންދާ ރެސްކިއު ފްލައިޓްތަކުގެ ޓިކެޓް އަގު ހެޔޮކޮށްފި އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ މީޑިއާ ޑިރެކްޓަރު މޫސާ ވަސީމް ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެންނަން ބާއްވާ ފްލައިޓުތަކުގެ އަގުގެ ޝަކުވާ ވަރަށް ބޮޑަށް ލިބުނު ކަމަށެވެ. އެހެންވެ އަގުތައް ކުޑަ ކުރުމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި މަޝްވަރާތަކަށް ފަހު އަގުތަކަށް ގެނައި ބަދަލު ވެސް ވަނީ ހާމަކުރައްވައިފަ އެވެ.
އެގޮތުން މޯލްޑިވިއަންއިން ކުރިއަށް އޮތް ތަނުގައި ކުރާ ދަތުރުތަކަށް އެއްކޮޅަށް ހަމަޖައްސާފައިވާ އަގުތަކަކީ ސްރީލަންކާ، ކޮލަމްބޯ - 220 ޑޮލަރު އިންޑިއާ، ކޮޗިން - 149 ޑޮލަރު އިންޑިއާ، ޓްރިވިންޑްރަމް - 199 ޑޮލަރު މެލޭޝިއާ، ކުއާލަލަމްޕޫރު - 330 ޑޮލަރެވެ.
މޯލްޑިވިއަންއިން މިހާތަނަށް ރެސްކިއު ފްލައިޓުތައް ބާއްވާފައިވާ އަގުތަކަށް ބަލާއިރު، ލަންކާއިން ދަތުރުކޮށްފައި ވަނީ 300 ޑޮލަރަށެވެ. އިންޑިއާގެ ކޮޗިންއިން ދަތުރުކުރީ 260 ޑޮލަރަށެވެ. އަދި މެލޭޝިއާއިން ކޮށްފައިވަނީ 330 ޑޮލަރަށެވެ. އަގުތަކަށް ބަދަލު ގެނައި ނަމަވެސް މެލޭޝިއާއިން ކުރާ ދަތުރުތަކުގެ އަގަށް ބަދަލެއް އައިސްފައެއް ނުވެ އެވެ.
މޯލްޑިވިއަން އިން ރެސްކިއު ދަތުރުތަކުގައި ލަންކާއިން ވަނީ، 100 މީހުން ގެނެސްފަ އެވެ. އަދި ކޮޗިން އިން ގެނެސްފައިވަނީ 183 މީހުންނެވެ. އަދި މެލޭޝިއާއިން ކުރާ ފުރަތަމަ ދަތުރުގައި ރޭ ފަތިހު 200 މީހުން ގެންނާނެ ކަމަށް މޫސަ ވިދާޅުވި އެވެ. އަދި މެލޭޝިއާގައި ތިބި ދިވެހިން ބަލާ ދިޔަ ދަތުރުގައި ރާއްޖޭގައި ތިބި އެ ގައުމުގެ 30 މީހުން ގެންގޮސްދީފައިވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އަދިވެސް އެ މަންޒިލްތަކަށް އިތުރު ފްލައިޓުތައް ބާއްވަން މަސައްކަތް ކުރަމުންދާއިރު ދެން އެންމެ އަވަހަށް ދަތުރެއް ބާއްވާނީ ޓްރިވެންޑަރަމަށާއި އެ ދަތުރު ބާއްވަން ހަމަޖައްސާފައި ވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.
އެކި އެކި ބޭނުންތަކަށް ރާއްޖޭން ބޭރުގައުމު ތަކަށް ގޮސްތިބި އެތަށް ބައިވަރު ދިވެހިންނެއް ވަނީ ގައުމަށް އެންބުރި ނާދެވި އެގައުމުތަކުގައި ތާށިވެފަ އެވެ.