twitterviber whatsapp telegramfacebookyoutube instagram
26th September 2026

11 ޓަނުގެ މުދާ މޯލްޑިވިއަނުން ރާއްޖެ ގެނެސްފި

ޚަދީޖާ އާދަމް
Apr 10, 2020

ކޮވިޑް-19 އާ ގުޅިގެން ގިނަ ގައުމުތަކުން ވައިގެ ދަތުރުފަތުރު މަޑުޖައްސާލާފައިވާތީ މުދާ އެތެރެ ކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލު ކުރަން މޯލްޑިވިއަން އިން މިހާރު ދަނީ ރާއްޖެ އަށް ބޭނުންވާ މުދާ ގެނައުމަށް ކާގޯ ފްލައިޓްތަކެއް ބައެއް ގައުމުތަކަށް ބާއްވަމުންނެވެ.

އެގޮތުން ރޭ ވަނީ ތައިލެންޑުން ރާއްޖެ އަށް ބޭނުންވާ 11 ޓަނުގެ މުދާ މޯލްޑިވިއަނުން ގެނެސްފަ އެވެ. ތައިލެންޑްގެ އިތުރުން ސްރީލަންކާ އާއި އިންޑިއާގެ އިތުރުން ދުބާއީ އިން ވެސް މުދާ ގެންނަން ކާގޯ ފްލައިޓްތަކެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

މީގެ އިތުރުން އެހެން ބައެއް ގައުމުތަކުގައި ތިބި ދިވެހިންނަށް އެ މީހުން އާއިލާތަކުން ފޮނުވަން ބޭނުންވާ އެހީގެ ތަކެތި ގެންގޮސް ދިނުމާއި ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހިން ރާއްޖެ ގެންނަން ވެސް ބައެއް ގައުމުތަކަށް މޯލްޑިވިއަން އިން ފްލައިޓްތައް ދަނީ ބާއްވަމުންނެވެ.

އެގޮތުން ލަންކާ އާއި މެލޭޝިއާގެ އިތުރުން އިންޑިއާގެ ކޮޗިންގައި ތިބި ބައެއް ދިވެހިން ވަނީ ގެނެސްފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް 19 މީހަކު ޕޮޒިޓިވް ވިޔަސް، އޭގެ ތެރެއިން 13 މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ. ބާކީ ތިބި ހަ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެހިންނެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޮފީސްތަކާއި ސްކޫލްތައް ބަންދުކޮށް، ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293