ކޮވިޑް-19 ގެ ފަރުވާއެއްގެ ގޮތުގައި މިހާރު ދުނިޔޭގައި ބޭނުން ކުރަމުންދާ އެންޓި މެލޭރިއާ ޑްރަގް "ހައިޑްރޮސިކޮލްރޯކުއަނިން" ޓެބްލެޓްތައް އިންޑިއާއިން ދޫކުރަން ނިންމި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ އެވެ.
އެންޓި މެލޭރިއާ ޑްރަގް ނުވަތަ ހައިޑްރޮކްސީކްލޮރޮކުއިން އަކީ އިންޑިއާގައި އުފައްދާ ބޭހެކެވެ. ނަމަވެސް ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އެގައުމުން މި ބޭސް އެކްސްޕޯޓް ކުރުން މެދުކަނޑާލާފައި އޮތުމަށްފަހު އެކްސްޕޯޓް ކުރުމުގައި އިސްކަންދޭނެ 13 ޤައުމެއް ވަނީ ކަނޑައަޅާފައެވެ. ސަރަހައްދީ ބައެއް ޤައުމުތައް ހިމެނޭ މި ލިސްޓުގައި ރާއްޖެ ހިމެނުމުން ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ އެންމެ ދަތި އުނދަގޫ ވަގުތުތަކުގައިވެސް އެކުވެރި ގާތްގައުމެއްގެ ހައިސިއްޔަތުން އިންޑިއާއިން ވެދެމުންގެންދާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.
ރާއްޖޭގެ އިތުރުން މި ބޭސް ފޮނުވުމަށް އިންޑިއާއިން ހަމަޖެއްސި އަނެއް 12 ގައުމަކީ އެމެރިކާ، ސްްޕެއިން، ބަހްރެއިން، ބްރެޒިލް، ނޭޕާލް، ބޫޓާން، އަފްގާނިސްތާން، ބަންގްލަދޭޝް، ސީޝެލްސް، އަދި މޮރިޝަސްގެ އިތުރުން ޑޮމިނިކަން ރިޕަބްލިކެވެ. މީގެ ތެރެއިން ބައެއް ގައުމުތަކަށް އެންޓި މެލޭރިއަލް ބޭސް ފޮނުވަން މިހާރު ވަނީ ފަށައިފަ އެވެ.
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީވެސް ވަނީ އިންޑިއާއިން މި ބޭސް ފޯރުކޮށްދޭ ގައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމަނާފައިވާތީ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ. ހައިޑްރޮކްސީކްލޮރޮކުއިން އަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ކޯވިޑް-19އަށް ފަރުވާދިނުމަށް ބޭނުންކުރާ ބޭހެކެވެ. އަދި ރާއްޖޭގައިވެސް މިބައްޔަށް ފަރުވާ ދިނުމުގައި ބައެއް ހާލަތުގައި މި ބޭސް ބޭނުންކުރާކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) އިން ވަނީ ހާމަކޮށްފައެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ގެ 19 މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން 13 މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ. ބާކީ ފަރުވާ ދެމުން އަންނަނީ އިނގިރޭސި ވިލާތުން ރާއްޖެ އައި ފަހުން ޕޮޒިޓިވްކަން އެނގުނު ހަތަރު ދިވެހިންނަށެވެ. އަދި ދެން ތިބި ދެ މީހުންކީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުން ޕޮޒިޓިވްކަން އެނގުނު އިޓަލީގެ ފަތުރުވެރިންނެވެ.