މިއަހަރުގެ ރަމަޟާން މަހުގެ އިނާޔަތްދޭންޖެހޭ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ ވިހި ވަނަ ދުވަސް ކަމަށް ހާމަކޮށް އެދުވަހުގެ ކުރިން އެއިނާޔަތް ދިނުމުގައި ދައުލަތުގެ އިދާރާތަކުން އަމަލުކުރާނެ ގޮތްތަކެއް ފިނޭންސް މިނިސްޓްރީން އާންމުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މިއަހަރުވެސް ރޯދަ އިނާޔަތުގެ ގޮތުގައ ކޮންމެ މުސްލިމް މުވައްޒަފަކަށް 3000 ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ.
މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު ހަމައެކަނި އެމުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.
އިނާޔަތުގެ ފައިސާ ދީފައިވާ މުވައްޒިފަކު ރަމަޟާން މަހުގެ ތިންބައިކުޅަ އެއްބައި ފާއިތު ނުވަނީސް ވަޒީފާއިން ވަކިވެއްޖެނަމަ ވަކި ދުވަހަކާއި ހަމަޔަށްވާ ފައިސާ ފިޔަވައި އިތުރުފައިސާ އެމުވައްޒަފެއްގެ އަތުން އެފައިސާ އަނބުރާ ހޯދަން ޖެހޭނެކަމަށްވެސް މިބަޔާނުގައިވެ އެވެ.
ރޯދަ މަސް ފެށޭ ފަހުން އަލަށް ވަޒީފާއަކާ ގުޅޭ މުވައްޒަފެއް ނަމަ އެ މީހަކު އެ ވަޒީފާއަކާ ގުޅޭ ދުވަހުން ފެށިގެން ރަސްމީ ހަތް ދުވަހުގެ ތެރޭގައި ރޯދަ އިނާޔަތް ދޭންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީގެ އުސޫލުގައި ބަޔާންކުރެ އެވެ.
މި އަހަރުގެ ރޯދަ މަސް އަންނައިރު ކޮވިޑް އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ވަނީ ވަރަށް ބޮޑަށް އަޑި އަޅާލައި، އެތައް ކުންފުންޏެއްގެ މުވައްޒަފުންގެ ވަޒީފާގެ ގެއްލި ބައެއް މުވައްޒަފުން ނޯޕޭއަށް ފޮނުވާލުން ފަދަ ވަޒީފާގެ ހާލަތައް ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ނަމަވެސް ރޯދަ އިނާޔަތަކީ ވަޒީފާ އަދާކުރާ ކޮންމެ މުސްލިމަކަށް ގާނޫނީ ގޮތުން ދޭންޖެހޭ އެއްޗެކެވެ.