ކޮވިޑް-19 އަށް ފަރުވާދިނުމަށް ބޭނުންވާ ބައެއް މެޑިކަލް ސާމާނު ދުބާއީ އިން ރޭ ގެނެސްފިއެވެ.
މިތަކެތި ރާއްޖެ ގެނެސްފައިވަނީ މޯލްޑިވިއަންގެ ކާގޯ ފްލައިޓެއްގައެވެ. މޯލްޑިވިއަން އިން ބުނީ ރޭގެ ފްލައިޓުގައު 5000 ކިލޯގެ ސާމާނު ގެނެސްފައިވާ ކަމަށާއި މީގެ ތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ ކޮވިޑަށް ފަރުވާ ދޭނެ މެޑިކަލް ސަޕްލައިސް ކަމަށެވެ.
މޯލްޑިވިއަން އިން ދަނީ އިންޑިއާ އާއި ސްރީލަންކާ އަދި ބެންކޮކް އަށް ކާގޯ ފްލައިޓުތައް ބާއްވަމުންނެވެ. އެއީ ރާއްޖެ އަށް ބޭނުންވާ ޒަރޫރީ މުދާ ގެނައުމެވެ.
ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމުގެ މަސައްކަތްވެސް މޯލްޑިވިއަން އިން ދިޔައީ ކުރަމުންނެވެ. އެގޮތުން އިންޑިއާ ސްރީލަންކާ އަދި މެލޭޝިއާ އަށްވެސް ރެސްކިއު ފްލައިޓުތައް ބާއްވާ ދިވެހިން ގެނަ އެވެ. އަދިވެސް ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހިން ބޭރުގައުމުތަކުގައި ތިބި ނަމަވެސް މާލެ ލޮކްޑައުން ކުރުމާ ގުޅިގެން މިހާރު ވަނީ މި ދަތުރުތައް މެދުކަނޑާލާފަ އެވެ. އެތެރޭގެ އުދުހުންތައްވެސް ވަނީ ހުއްޓާލާފަ އެވެ.
ޕޮޒިޓިވް 11 ކޭހެއް މާލެއިން ފެނި ކޮމިޔުނިޓީ ސްޕްރެޑެއް އޮތްކަން ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. މިއާއެކު މާލެ ސަރަހައްދުގައި 14 ދުވަހުގެ ލޮކްޑައުން އިއުލާނުކޮށް އެއްރަށުން އަނެއްރަށަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ.