ކޮވިޑް-19 ގެ ބިރުވެރިކަން މުޅި ރާއްޖެއަށް ފެތުރިފައިމިވާ މިދަނޑިވަޅުގައި އެންމެ ދަތިވާ އެއްކަމަކީ ބައްޔަށް ފަރުވާދިނުމަށް ކުރީ ސަފުގައި އުޅުއްވާ ސިއްހީ އޮފިޝަލުން ރައްކާތެރިވުމަށް ބޭނުންވާ ބައެއް ސާމާނު ނުލިބިދާނެ ކަމުގެ ބިރެވެ. ފޭސް މާސްކާއި ފޭސް ޝީލްޑް ފަދަ ތަކެއްޗެވެ. އެހެންވެ ކޮންމެ ބަޔަކުވެސް ބެލީ އެފަދަ ތަކެތި އަމިއްލައަށް ތައްޔާރުކުރެވޭނެ ގޮތަކީ ކޮބާތޯ ބަލައި އެގޮތަކަށް އަމަލުކުރުމެވެ. ރާއްޖޭގެ އެކި ރަށްރަށުގެ ރައްޔިތުން މިހާރު ދަނީ އެ ނަމޫނާ ދައްކަމުންނެވެ.
އެގޮތުން ބައެއް ފަރާތްތަކުން ދަނީ އެ ބަޔަކަށްވީ ވަރަކު ކޮވިޑް-19 އިން ރައްކާތެރިވުމަށް މަސައްކަތްކުރަމުންނެވެ. ޓާސްކް ފޯސްތަކަށް އެހީވަމުންނެވެ. ކުޅުދުއްފުށީ/ އާވެހި، އަލީ ޒަކަރިއްޔާ ފާހަގަކުރެވިފައިވަނީ މިފަދަ ކޮންމެ ދަނޑިވަޅެއްގައިވެސް އޭނާގެ ފަރާތުން ރަށަށް ކޮށްދެއްވޭނީ ކޮންކަމެއްތޯ ބަލައި އެކަމެއްގައި ކުރުމެވެ. މިފަހަރުވެސް އޭނާ އިސްކުރީ ރަށެވެ. ކުރިން އެމްއެންޑީއެފްގައި ވަޒީފާއަދާކުރުމަށް ފަހު، މިހާރު މެޑިކަލް ދާއިރާއިން ކިޔަވައި ހެލްތް އޮފިޝަލެއްގެ ގޮތުގައި އަލީ މަސައްކަތްކުރަމުންދަނީ ރިސޯޓްތަކުގައި އެވެ.
އޭނާ މިފަހަރު މިވަނީ އަމިއްލަ ފޭސް ޝީލްޑް ތައްޔާރުކޮށް 99 ފޭސް ޝީލްޑް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ހަދިޔާކޮށްފަ އެވެ. އޭނާ މިމަސައްކަތުގައި ހޭދަކުރި 12 ގަޑިއިރެއްހާއިރު ތެރޭގައި ތައްޔާރުކުރި ފޭސް ޝީލްޑްތައް ތައްޔާރުކޮށްފައިވަނީ އެކަންޏެވެ. ރަށުން ލިބެން ހުރި ތަކެތީގައި އެވެ. އަދި ގިނަ ބަޔަކު އެދުމުގެ މަތިން ފޭސް ޝީލްޑް ތައްޔާރުކުރާނެ ގޮތުގެ ވީޑިއޯއެއް ހަދައި އެ ވީޑިއޯ ވަނީ މީސް މީޑިއާއަށް ދޫކޮށްލާފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ކުޅުދުއްފުށީގައި ފުލޫ ކުލިނިކެއް ތައްޔާރުކުރަމުންދާ ޙަބަރު ލިބުމާއެކުވެސް އަލީ އެންމެ ފުރަތަމަ ބެލީ އެތަނަށް އެންމެ ބޭނުންވަނީ ކޮން އެއްޗެއް ތޯ ބެލުމަށެވެ. ކޭއާރުއެޗުގެ މެނޭޖަރަށް ގުޅައި އެކަން ސާފުކުރުމަށްފަހު އެތަނަން އަލީ ވަނީ ލެޕްޓޮޕެއް ހަދިޔާކޮށްފައި އެވެ. މިއީ އަބަދުވެސް އަލީ އުޅޭ ގޮތެވެ. ބޮޑުކަމެއް ކުރަންޔާ އެކަމަކަށް ކޮންމެވެސް ވަރެއްގެ އެހީއެއް ކޮށްދެވޭތޯ ބަލަ އެވެ.
ކުރިން އެމްއެންޑީއެފްގައި އަދި ބައެއް ސްކޫލުތަކުގައި މެޑިކަލް އޮފްޝަލެއްގެ ގޮތުގައި މަސައްކަތްކުރި އަލީ ޒަކަރިއްޔާ ކޭއޯއަށް ވިދާޅުވީ، ކުރިއަށް އޮތްތަނުގައިވެސް ފޭސް ޝީލްޑް ތައްޔާރުކޮށް ބޭނުންވާ ފަރާތްތަކަށް ހަދިޔާކުރާނެ ކަމަށެވެ. ނަމާދުކޮށް ކެއުމަށް ވަގުތު ހުސްކޮށް، ރެސްޓްކުރަމުން ގާތްގަނޑަށް 12 ގަޑިއިރުތެރޭގައި 100 ފޭސް ޝީލްޑް ވަނީ ތައްޔާރުކޮށްފަ އެވެ. އެތަނުން އެކަތި އޭނާގެ އަމިއްލަ ބޭނުމަށް ބޭވީ އެވެ.
މިފަދަ ނާޒުކު ވަގުތުގައި ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުމެވެ. ވީވަރަކު އެހީތެރިކަން ފޯރުކޮށްދިނުމެވެ. ގޭގައި ތިބުމަކީވެސް މިއަދު ދެވޭނެ އެންމެ ބޮޑު އެއްބާރުލުންކަން ކަށަވަރެވެ.