ގައުމީ އެއާލައިން މޯލްޑިވިއަން އިން ހުރިހާ ޑޮމެސްޓިކް އެއާޕޯޓުތަކަށް ކާގޯ ފްލައިޓުތައް ބާއްވަން ނިންމައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ މޯލްޑިވިއަންގެ ބޯޓުތަކުގައި ކާގޯ ދަތުރުތައް ބާއްވަނީ ރަށްރަށަށް ބޭނުންވާ މުދާ ގެންދިޔުމުގައި ހުރި ދަތިތަކުގެ ސަބަބުން ދިމާވާ މައްސަލައަށް ހައްލު ހޯދުމަށް ކަމަށެވެ.
މި ދަތުރުތަކުގައި ގެންދާ މުދަލަކީ ކައުންސިލްތަކުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ދޭ މައުލޫމާތާ އެއްގޮތަށް ރަށްރަށަށް ގެންދާ މުދާކަމަށް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ކޮންމެދުވަހަކުވެސް ކާގޯ ދަތުރުތައް ބާއްވާނެ ކަމަށާއި މި ދަތުރުތަކުގައި ގެންދާ މުދަލާ ގުޅޭކަންތައް އެލްޖީއޭ އިން ކައުންސިލްތަކާ ގުޅައިގެން ހަމަޖައްސާނެ ކަމަށެވެ. އަދި މި ދަތުރުތަކުގައި މިހާރު ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ކަރަންޓީނުން ދޫކޮށްލާ މީހުންނަށް އެމީހުންގެ ރަށަށް ދިޔުމުގެ ފުރުސަތު ދޭނެ ކަމަށެވެ.
އެ އަރލައިނުން ދަނީ ރާއްޖެއަށްބޭނުންވާ މުދާ ރާއްޖެއިން ބޭރުން ގެނައުމަށްވެސް ކާގޯ ދަތުރުތައް ކުރަމުންނެވެ. އެގޮތުން އިންޑިއާ، ލަންކާ، ތައިލެންޑް އަދި ޔޫއޭއީ އިން ވަނީ މުދާ ގެނައުމަށް ފުލައިޓް ބާއްވާފަ އެވެ.
ކޮވިޑް-19 އަށް މާލެއިން މިހާކު ޕޮޒިޓިވްވުމާ ގުޅިގެން މާލެ ސަރަހަށްދު ލޮކްޑައުން ކުރުމާއި ގުޅިގެން މޯލްޑިވިއަން އިން ވަނީ އެ އެއާލައިންގެ ޑޮމެސްޓިކް ޝެޑިއުލް ދަތުރުތައް މެދުކަނޑާލައިފައެވެ.