twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރެސިޕީ: ހަވާދުލީ ބިސް

ނަބީލާ އިސްމާޢީލް
May 2, 2020
1

މަސްގަނޑަށް ބޭނުންވާ ތަކެތި:

  • 01 ފިޔާ ބޮޑު (ކުދިކޮށް ކޮށާފައި)
  • 3/1 ޖޯޑު ހިކަނދިފަތް (ކުދިކޮށް ކޮށާފައި)
  • 2 ގިތެޔޮ މިރުސް ( ކުދިކޮށް ކޮށާފައި)
  • 1 ލުނބޯ
  • 1 ދަޅު މަސް
  • 1 ޖޯޑު ހުނި
  • ލޮނު

މަސްގަނޑު ތައްޔާރުކުރާނެ ގޮތް:

ފިޔާ، މިރުސް އަދި ހިކަނދިފަތް ރަނގަޅަށް މޮޑެލާށެވެ. އޭގެ ތެރެއަށް ލޮނު އަޅާފައި ލުނބޯ ހުތް ވެސް އަޅާލާފައި އިތުރަށް މޮޑޭށެވެ. އެއަށް ފަހު މަސްދަޅު (ރަނގަޅަށް ފެލާފައި) އަޅާލާށެވެ. ހުރިހާ އެއްޗެއް އެއްކޮށްލުމަށް ފަހު އެންމެ ފަހުން ހުނި އަޅާފައި އެއްކޮށްލާށެވެ. މަސްގަނޑުން ކުދި ގުޅަ ހަދާށެވެ.

ފުއްގަނޑަށް ބޭނުންވާ ތަކެތި:

  • 3 ޖޯޑު ފުށް (ފުރާނާފައި)
  • 1 ސައިސަމުސާ ލޮނު
  • 3/1 ޖޯޑް ތަރުކާރީ ތެޔޮ
  • ހޫނު ފެން

ފުއްގަނޑު ތައްޔާރު ކުރާނެ ގޮތް:

ފުށް، ލޮނު އަދި ތެޔޮ އެއްކޮށްފައި އޭގެ ތެރެއަށް ހޫނުފެން އަޅާފައި ރަނގަޅަށް ފުށްގަނޑު މޮޑެލާށެވެ. އެއަށް ފަހު ފުށްގަނޑުން ކުދި ގުޅަ ހަދާށެވެ.

ހަވާދުގަނޑަށް ބޭނުންވާ ތަކެތި:

  • 1 ބޮޑު ފިޔާ (ކުދިކޮށް ކޮށާފައި)
  • 3/1 ޖޯޑު ހިކަނދިފަތް
  • 2/1 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)
  • 2 ލޮނުމެދު (ގާނާފައި)
  • 1 ސައިސަމުސާ އިނގުރު (ގާނާފައި)
  • 2 ސައިސަމުސާ ކުކުޅު ހަވާދު
  • 2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
  • 2 މޭޒުމަތީ ސަމުސާ ތެޔޮ
  • ލޮނު

ހަވާދުގަނޑު ތައްޔާރު ކުރާނެ ގޮތް:

ތަވަޔަށް ތެޔޮ އަޅާފައި އުނދުން މައްޗަށް އުދާފައި، ތެޔޮ ހޫނުވުމުން އޭގެ ތެރެއަށް ފިޔާ، ހިކަނދި ފަތް، ލޮނު އަދި މިރުސް އަޅާފައި ރަނގަޅަށް ވަޅޯ ވުމުން ގާނާފައިހުރި ލޮނުމެދު، އިނގުރު އަޅާފައި އެއްކޮށްލާށެވެ. ދެން ހަވާދުކޮޅު ވެސް އަޅާފައި އިރުކޮޅެއް ވަންދެން ދޭފަތުން ރަނގަޅަށް އެއްކޮށްލާށެވެ. ހަވާދުގަނޑު ރޯފިލީމާ އޭގެ ތެރެއަށް ޓޮމާޓޯ ޕޭސްޓް އަޅާފައި ރަނގަޅަށް އެއްކޮށްފައި ރޯ ފިލަންދެން މަޑުގިނި މަތީގައި ބަހައްޓާށެވެ.

ހަވާދުލީ ބިސް ތައްޔާރު ކުރާނެ ގޮތް:

ފުއްގުޅަތައް ތުނިކޮށް ވަށްކޮށްފައި އޭގެ ތެރެއަށް މަސްގުޅަތައް އަޅާފައި، ވަށައިގެން ކޮޅު ރަނގަޅަށް ބައްދާލާފައި ބިސްތައް އޮމާންކޮށްލާށެވެ. ހުރިހާ ބިހެއް ހަދައި ނިމުނީމާ ގާތްގަނޑަކަށް 8 ޖޯޑު ފެން އުނދުން މައްޗަށް އުދާފައި ކައްކާށެވެ. ފެން ކެކެން ފެށުމުން އޭގެ ތެރެއަށް ބިސްތައް އަޅާފައި 5-8 މިނެޓަށް ކައްކާށެވެ. ކައްކާ ނިމުނީމައި ބިސްތައް ނަގާފައި ކުރިން ތައްޔާރުކުރި ހަވާދުގަނޑުގެ ތެރެއަށް އަޅާފައި، ހަވާދުގަނޑާއި އެކު ރަނގަޅަށް އެއްކޮށްލާށެވެ.

އެހެން ރޯދަމަސްތަކާއި ހިލާފަށް މި ރޯދަ މަހު ވީހާވެސް މަދުން ކާތަކެތި ތައްޔާރުކޮށް އިސްރާފުކުރުން އެކޮށްހެން ނައްތާލާ، ބާކީވެފައި ހުންނަ ކާނާ ރައްކާކޮށް އެހެންފަހަރަކުން ބޭނުންކުރެވޭނެ ކަހަލަ ގޮތަކަށް ރާވަންވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355