twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޗެކްރިޕަބްލިކުގެ ރީތީގެ ރާނީއަށް އިސްލާމް ދީނުގެ ހިދާޔަތް ލިބުނުގޮތް

އަހުމަދު ހާމީ
May 1, 2020

އިސްލާމް ދީނަކީ އިންސާނުން އުޅުމަށް މާތްﷲ އެންގެވި ދީނެވެ. އިންސާނުންގެ ދިރިއުޅުމުގެ ހުރިހާ ކަމަކަށް ފެތޭ މިދީން ފިޔަވައި އެހެން އެއްވެސް ދީނެއް މާތްﷲ ގެ ހަޟްރަތުގައި ޤަބޫލުކުރެވިގެން ނުވެއެވެ. މިދީނުގެ ފުރިހަމަ އުސޫލުތަކާ އަސާސްތައް ފަހުމުވުމުން، އިސްލާމްކަން ޤަބޫލްކޮށް ޝަހާދަތް ކިޔައި އިސްލާމް ދީނަށް ވަންނަމުންދާ މީހުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

މިގޮތުން މިއީ ރީތީގެ ރާނީއަކަށް އިސްލާމް ދީނުގެ ހިދާޔަތް ލިބުނުގޮތުގެ ވާހަކައެވެ. އޭނާގެ ރީތިކަމާ ހުނަރަށް ބަލައި ރީތީގެ ރާނީގެ ލަގަބު ވަނީ ލިބިފައެވެ. މޮޑެލް ކުރުމުގެ ދާއިރާގެ އެންމެ ކުރީ ސަފުގައި އޭނާވިއެވެ. ފިލްމުތަކުގައި މަސައްކަތް ކުރިއެވެ. ދުނިޔޭގެ އެތައް ބޮޑެތި ވިޔަފާރިތަކުން އޭނާގެ މަޝްހޫރުކަމާ ގުޅިގެން އެމީހުންގެ ވިޔަފާރި އިޝްތިހާރު ކުރުމަށް އޭނާގެ އެހީ ހޯދައެވެ.

ނަމަވެސް، މިހުރިހައި ކަމެއް ދޫކޮށް އޭނާ އިސްލާމް ދީނުގެ މަތިވެރި ހިދާޔަތަށް މިވަނީ ވަދެފައެވެ. އެއީ ޗެކްރިޕަބްލިކަށް އުފަން، ކުރީގެ ނަމުން ނަމަ މާކެޓާ ކޮރިންކޯވާ އެވެ. އިސްލާމް ދީން ޤަބޫލްކުރި ހިސާބުން އޭނާގެ ނަން މަރްޔަމްގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ. އަދި ބޮލާއި އިސްތަށިގަނޑު ބުރުގާ އަޅައި ވަނީ ނިވައު ކޮށްފައެވެ.

ބީބީސީގައިވެސް ކުރިން މަސައްކަތް ކޮށްފައިވާ މަރްޔަމަކީ، ޕްރާގުގެ ޗަރލްސް ޔުނިވަރސިޓީން އިންގްލިޝް ލިޓްރޭޗަރއިން މަރސްޓަރސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތެކެވެ. އަދި ފަހުން ލަންޑަންގެ ރޯޔަލް ކޮލެޖް އޮފް އަރޓްސް އިން ޕްރޮޑަކްޝަން ޑިޒައިނިންގ ގެ ދާއިރާއިން ވެސް މާސްޓަރސް ހާސިލްކޮށްފައިވެއެވެ.

މަރްޔަމް ބުނެފައިވާ ގޮތުގައި އޭނާއަށް މިހުރިހައި ކަމެއް ހާސިލް ވެވުމުންވެސް، ހިތަށާއި ސިކުނޑިއަށް ހަމަޖެހުމެއް ނުލިބެއެވެ. ރާބުއިމާ، މިޔުޒިކް ކުޅުމާ، ޖުވާ ފަދަކަންތަކުން އޭނާ ދުރުހެލިވިއެވެ. އެކަންކަމުންވެސް ފުރިހަމަ ހައްލެއް ނުލިބުނެވެ. އޭނާގެ ގާތް ރައްޓެއްސެއްގެ އެދުމުގެ މަތިން އެކި ދީންތައް ކިޔަވަން ފެއްޓިއެވެ. ކްރިސްޓިއަނެއްގެ ގޮތުގައި ބޮޑުވެގެން އައި މަރްޔަމް އަށް އެ ދީން ކިޔެވުމުން ވެސް ހައްލެއް ނުފެނުނެވެ.

ދެން އޭނާ އިސްލާމް ދީން އުނގެނެން ފެށިއެވެ. އެދީނުގެ ކަންތައްތައް އޮޅުން ފިލުވައި ކިޔަވަންފެށި ދުވަހުން ފެށިގެން އިސްލާމް ދީނުގެ މަތިވެރިކަން ހިތަށްކޮށް ލޯ ހުޅުވެން ފެށުނެވެ. އެގޮތުން ބޭރުގެ މީޑިޔާތަކުން އިސްލާމް ދީނޭ ކިޔައިގެން ފަތުރާ ޚަބަރުތަކުގެ ދޮގުކަންވެސް ސާފުވެގެން ދިޔައެވެ. މިހުރިހައި ކަމެއްގެ މައްޗަށް އޭނާއަށް އެންމެ ބޮޑަށް ފާހަގަވެގެންދިޔަ ކަމަކީ، އިސްލާމް ދީނުގައި އަންހެނުންނަށް ދީފައިވާ މަތިވެރި ދަރަޖައެވެ. އިސްލާމް ވުމަށް އޭނާގެ ހިތް ޖެއްސުވި މައިގަނޑު ސަބަބަކީ އެއީއެވެ. އަދި ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތައް ކިޔެވުމުން، ޒަމާނުއްސުރެ އޭނާގެ ހިތާއި ސިކުނޑިއަށް ލިބިފައިވާ ނުތަނަވަސްކަން ފިލައިގެން ގޮސްފައިވާކަމަށް، މިހާރު ދުބާއީއަށް ދިރިއުޅުން ބަދަލުކޮށްފައިވާ މަރްޔަމް ބުނެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355