ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމަށް އެމެރިކާ އިން ރާއްޖެ އަށް ދެ މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފި އެވެ.
މިއީ ކޮރޯނާވައިރަހާ ގުޅިގެން، ހުރިހާ ގައުމުތަކަށް އެމެރިކާ އިން ދޭ މާލީ އެހީގެ ތެރޭގައި ހިމެނޭ ދެ މިލިއަން ޑޮލަރެވެ. އިގްތިސާދީ ގޮތުން ގައުމުތަކަށް އެހީވުމަށް އެ ގައުމުން ވަނީ 150 މިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅައިިފަ އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމެރިކާއިން ރާއްޖެއަށް 2 މިލިއަން ޑޮލަރުގެ އެހީއެއް ދިންކަން ހާމަކުރައްވައިފައެވެ. އެކަމަށްޓަކައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ އަށާއި، އެމެރިކާއިން ސްރީލަންކާ އަދި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޓްސްއަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.
އަދި އޭގެ އިތުރުން ކޮވިޑް-19 ޕެންޑެމިކުން އަރައިގަތުމަށް ރާއްޖެއަށް އެފަދަ އެހީތެރިކަން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެމެރިކާ އިން ބުނީ، ދިވެހި ސަރުކާރާއި އަމިއްލަ ފަރާތްތަކަށް މާލީ އިދާރާތަކުން އެހީތެރިކަން ހޯދައިދިނުމުގައި ވެސް އެ ގައުމުން އެހީވާނެ ކަމަށެވެ.
އެމެރިކާއިން ރާއްޖެއަށް 2 މިލިއަން ޑޮލަރު ހަދިޔާކޮށްފައިވާއިރު އިއްޔެ ޖަޕާނުން ވަނީ ރާއްޖެއަށް 8.4 މިލިއަން ރުފިޔާގެ އެހީ ދީފައެވެ. އެ ފައިސާ ބޭނުން ކުރަން ނިންމާފައި ވަނީ މެޑިކަލް އިކުއިޕްމެންޓާއި ބޭސް ގަތުމުގެ އިތުރުން އޮންލައިން ކްލާސްތައް ބާއްވާށެވެ.
ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް އެކި ގައުމުތަކުން އަންނަނީ އެހީތެރިކަން ފޯރުކޯށްދެމުންނެވެ. މީގެ ތެރޭގައި ޗައިނާ އާއި އިންޑިއާ އަދި ބަންގްލަދޭޝް ހިމެނެ އެވެ. މީގެ އިތުރުން ދެކުނު ކޮރެއާ އާއި ރަޝިއާ އާއި ތުރުކީ އަދި ކުވައިތުގެ އެހީއަށް ވެސް ސަރުކާރުން ވަނީ އެދިފަ އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއިންވެސް ވަނީ އެތައްބައެއްގެ ވަޒީފާގެއްލި ހާލުގައި ޖެހިފަ އެވެ. ސައުތު އޭޝިއާގައި ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އެންމެ ބޮޑު އަސަރެއް ކުރާނެ ކަމަށް ވޯލްޑު ބޭންކުން ލަފާ ކޮށްފައިވަނީ ވެސް ރާއްޖެ އަށެވެ.