ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދިޔަ ކޮވިޑް-19 ތޫފާނުގެ ބިޔަ ރާޅުތައް ރާއްޖެއަށް ބިންދާލާއި ރާއްޖޭގެ އިގްތިސޯދު މިވަނީ ހުއްޓުމަކަށް އައިސްފައި އެވެ. އެ ގޮތުން ދުވަހު މުސާރައަށް މަސައްކަތް ކުރާ އެތައް އެތައް ބައެއް މިވަނީ ހާލުގައި ޖެހި މަގުމަތި ވެފަ އެވެ. ފުރަބަންދާއެކު ވިޔަފާރިތައް ހުއްޓި އިގްތިސާދު ވަނީ އިނދަޖެހިފައެވެ. ރިސޯޓްތަކާއި ކުންފުނިތަކުން މުސާރަ ނުލިބޭ ގޮތަށް މީހުންނަށް ޗުއްޓީ ދިނުމާއި މުސާރަ ކުޑަކުރުންފަދަ އެތަކެއް ކަމެއް ދަނީ ހިނގަމުންނެވެ. މިއާއެކު ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަކީ މިކަމުގެ ތަކްލީފް އެންމެ ބޮޑަށް އުފުލާ އެއްބައެވެ.
އެގޮތުން ކުޅުދުއްފުށީގައި އުޅޭ ބިދޭސީން ވެސް ހާލުގައި ޖެހި ސަލާން ޖަހަން މަގުމަތީގައި އުޅޭ މަންޒަރަކީ ހިތާމަ ހުރި މަންޒަރެކެވެ. މިއިން ކޮންމެ ބިދޭސީއެއްގެވެސް ބެލެނިވެރި ފަރާތެއްގެ ގޮތުގައި ދިވެއްސަކު ވާނެކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. މިފަދަ ދަނޑިވަޅެއްގައި ސަރުކާރުގެ ބޮލަށް ހުރިހާކަމެއް ނުޖަހާ، އިންސާނިޔަތުކަން އިސްކޮށް އެ މީހެއްގެ ބެލެނިވެރިކަމުގައިވާ ފަރާތުން އެ މީހުންނަށް ކުޑަމިނުން ޒަރޫރީ ބޭނުންތައް ފުއްދާލެވޭނެ ފަދަ ނަމަވެސްކޮށްލައި ދިނުން ކީއްތޯވާނީ އެއީވެސް އިންސާނުންނެވެ.
"ދައްތާ! ކާނެ އެއްޗެއް ނެތީ، 6 މީހުން ހުންނަނީ ރޫމްގަ، ކުޑަ ކުޑަ ހެލްޕް ކޮށްދެނީމަވެސް ވަރަށް ބޮޑު ޝުކުރިއްޔާ، މަސައްކަތް ނެތީ. އެވެސް ރުފިޔާވެސް ކާނެ އެއްޗެށްވެސް ނެތީ. ސިމެންތި ހުރިހާ މަސައްކަތް ކުރަން އެނގެނީ މަސައްކަތް ހުންނަނީތަ؟" ސަލާން ޖަހަން މަގުމަތީގައި އުޅޭ މީހުން ބުންޏެވެ އެވެ.
ބިދޭސީ މަސައްކަތް ތެރިންނަކީ އެއްތަނެއްގައި ގިނަ މީހުން ނިދައި ކައިބޮއި ހަދާ ތަންތަން ކަމުން މިފަދަ ގައިން ގަޔަށް އަރާ ބައްޔެއްގެ ޝިކާރައަކަށް އެއިން މީހަކު ވެއްޖެ ނަމަ މި ކަހަލަ އާބާދީ ބޮޑު ރަށަކަށް އެކަމުގެ ނުރައްކާ އިންތިހާއަށް ބޮޑުވެދާނެ ކަންކަމެވެ.
ކޭއޯއަށް މައުލޫމަތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއް ލަތީފް ހަސަން ވިދާޅުވީ ލޭބަރުންގެ ގޮތުގައި ކުޅުދުއްފުށީގައި އުޅޭ ބިދޭސީންގެ ހާލަތު ދަށްވެ އެ މީހުންނަށް ކާނެ އެއްޗެއް ނުލިބި ސަލާން ޖަހާކަމުގެ މައުލޫމާތު ކައުންސިލަށް ލިބެމުންދާ ކަމަށެވެ. ލަތީފް ވިދާޅުވީ، ރަށުގައި އުޅޭ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކޮވިޑްގެ ކުރިން ފަށާފައިވާ ކަމަށެވެ.
އަދި މިހާރުވެސް، ޓާސްކް ފޯސްގެ ތެރެއިން ކައުންސިލާއި ރެޑްކްރެސެންޓް ގުޅިގެން ބިދޭސީން އުޅޭ ހާލަތު ދެނެގަނެ އެ މީހުންނަށް އެހީވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކުޅުދުއްފުށީ ކައުންސިލުން ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމުގެ ކުރިންވެސް ވަނީ ކުޅުދުއްފުށީގައި ދިރިއުޅޭ ބިދޭސީގެ ދަފުތަރެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައި އެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ މިހާތަނަށް އައިއިރު 600 އެއްހާ ބިދޭސީން ނަންނޯޓްކުރެވިފައިވާ ކަމަށެވެ. އަދިވެސް މި މަސައްކަތް ކުރިއަށްދާ ކަމަށް ލަތީފް ވިދާޅުވި އެވެ. ލަތީފް ވިދާޅުވީ ދަފްތަރުކުރެވުނު އެންމެނަކީ ލޭބަރުންނެއް ނޫން ކަމަށާއި އެބައި ވަކި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މަސައްކަތް ހުއްޓިފައި އޮތުމުން ކާނެ އެއްޗެއް ނުލިބިގެން ބިދޭސީ ލޭބަރުން ސަލާން ޖަހާކަމުގެ މައުލޫމާތު އާންމުގެ ފަރާތްތަކުންވެސް އަންނަނީ ކޭއޯއަށް ގުޅައި ހިއްސާކުރަމުންނެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމަކީ އެންމެންގެ ދިރިއުޅުމަށްވެސް އައި ބޮޑު އިންގިލާބެކެވެ. އެ ގޮތުން ދިވެހިންގެ ގިނަ ބަޔެއްގެ ވަޒީފާ ގެއްލި އެ އާއިލާތައްވެސް ވަނީ ހާލުގައި ޖެހިފަ އެވެ. ކުޅުދުއްފުށީ ކައުންސިލުން ވަނީ މި ފަދަ އާއިލާތަކަށް އެހީވުމަށްޓަކައި އެ ފަދަ ފަރާތްތަކުގެ މައްސަލަ ވެސް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފަ އެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ އެފަދަ އާއިލާތަކުގެ ހާލަތުގެ ރިޕޯޓްވެސް ލިބެމުންދާ ކަމަށާއި އާންމުކޮށް ލިބެމުންދަނީ ކާބޯތަކެއްޗާއި ބިލްތައް ނުދެއްކޭ ކަމުގެ ރިޕޯޓްތަކެވެ.
މާލޭ ސަރަހައްދުގައި އުޅޭ ބިދޭސީ ލޭބަރުން ކަރަންޓީނު ފެސިލިޓީތަކަށް ގެންދާއިރު އަތޮޅުތެރޭގައި އުޅޭ ބިދޭސީންވެސް ކަރަންޓީނު ފެސިލިޓީތަކަށް ގެންދިޔުމަށް ސަރުކާރުން މަޝްވަރާކުރަމުންދާކަމަށް ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ދާދި ފަހުން ހާމަކުރައްވާފައި އެވެ.