ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރެން ފެށުމާއެކު އެކި ކުންފުނިތަކާއި އަމިއްލަ މީހުންގެ އިތުރުން ސަރުކާރުގެ އޮފީސްތަކުންވެސް އަންނަނީ މިކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކަށް ދީލަތި އެހީތައް ވަމުންނެވެ. އެގޮތުން ކޮވިޑް-19 އަށް ޓެސްޓް ކުރަން ސާމްޕަލް ނެގުމަށް 15 ސާމްޕަލިން ކިއޮސްކް ދިރާގުން ހެލްތް މިނިސްޓްރީއަށް ހަދިޔާކޮށްފި އެވެ.
ސާމްޕަލް ނަގާ ކިއޮސްކަކީ ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ކިޓުތަކުގެ ބަދަލުގައި ސާމްޕަލް ނެގުމަށް ސިއްހީ ހިދުމަތްތެރިން ބޭނުން ކުރާ ބޫތެކެވެ. މީގެ ސަބަބުން ޕީޕީއީ ކިޓު ބޭނުން ކުރާ މިންވަރު މަދުވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
މި ކިއޮސްކުތައް މާލޭގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ބޭނުން ކުރާނެ ކަމަށާއި މިއީ އެމްއެންޑީއެފާ ގުޅިގެން ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ޕްރިންޓް ލެބުން ތައްޔާރު ކޮށްފައިވާ ކިއޮސްކުތަކެކެވެ.
ހެލްތް މިނިސްޓްރީން ބުނީ ސާމްޕަލް ކިއޮސްކު ހަދާފައި ވަނީ ސާމްޕަލް ނަގާ ހެލްތު އޮފިޝަލާއި ބަލިމީހާއާ ދެމެެދު ސޯޝަލް ޑިސްޓެންސިން ބެހެއްޓޭ ގޮތަށެވެ. އެހެންކަމުން، ސާމްޕަލް ނަގާ މީހާއަށް މީގެ ސަބަބުން ރައްކާތެރިކަން އިތުރަށް ޔަގީން ވާނެ ކަމަށެވެ.
މި ކިއޯސްކުތަކަކީ ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމުގައި ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަމަށް ވެވޭ ވަރަށް ބޮޑު އެހީއަކަށް ވާނެ ކަން އެ ދިރާގުން ފާހަގަކޮށްފައިވެ އެވެ. ޕީޕީއީ ލިބުމުގައި ދަތިވެފައިވާ މި ދުވަސްވަރު ކިއޮސްކު ބޭނުންކޮށްގެން ގިނަ އަދަދެއްގެ ސާމްޕަލް ނެގޭނެ ކަަމަށް އެކުންފުނިން ބުންޏެވެ.
ދިރާގުން ބުނީ ރާއްޖެ ވެއްޓިފައިވާ ބަލިމަޑުކަމުން އަރައިގަތުމަށް ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް އެ ކުންފުނިން އެހީތެރިވާނެ ކަމަށެވެ.