twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދަރިންގެ ގައިގާ އަށަގެންނެވުން މުހިއްމު ބައެއް ރަނގަޅު އާދަތައް

އަހުމަދު ހާމީ
May 4, 2020

އަޅުގަނޑުމެން ދަރިންނަށް ރަނގަޅު ތަޢްލީމެއް ދިނުމަށް އެންމެ ކުޑަ އިރުއްސުރެ ވަރަށް މަސައްކަތް ކުރަމުއެވެ. ރަށުގައި ހުރި ކިޔަވައިދިނުމަށް އެންމެ ރަނގަޅު ސްކޫލަކަށް ކުއްޖާ ވައްދާ، އެންމެ މޮޅެތި ޓީޗަރުން އެކުދިންނަށް ކިޔަވައިދޭން ޓިއުޝަނަށް ގެނެސް އެތައް ހޭދައެއް އެކުދިންގެ ކިޔެވުމަށް ކުރަމުއެވެ. ނިޔަތަކީ ހަމަ އެންމެ ކަމެކެވެ. މުޖުތަމަޢުގެ އެންމެން ޤަދަރުކުރާ ރިވެތި އާދަތަކެއް ލިބިފައިވާ ރަނގަޅު ތަޢްލީމެއްގެ ވެރި ދަރިޔަކަށް އެކުއްޖާ ވުމެވެ.

ނަމަވެސް، މައިންބަފައިން ދަރިންނަށް ރަނގަޅު ތަޢްލީމެއް ދިނުމަށް ކިތަންމެ މަސައްކަތެއް ކުރިޔަސް ބައެއްފަހަރު ކުދިން ރަނގަޅު މަގުން ކައްސާލައެވެ. އަނެއްބައި ކުދިން ކިތަންމެހާވެސް ރަނގަޅަށް ކިޔަވައި މަތީ ފާސް ހޯދިޔަސް، އުޅުމެއް ނެތުމުން، ކިޔެވި އެއްޗެއްގެ ބޭނުން ނުހިފި، މުޖުތަމައު ޢަށް ހުރި ނުރައްކަލަކަށް އެކުއްޖާވެގެން ގޮސްފައިވާކަމީ އަޅުގަނޑުމެންގެ މިކުޑަ މުޖުތަމަޢުންވެސް ފެންނާންހުރި ކަންތައްތަކެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި ރަނގަޅު އަޚްލާޤް، އާދެ! ރަނގަޅު އާދަތައް ދަސްކޮށްދިނުން މުހިންމުވަނީ މިހެންވެ އެވެ. މީހެއްގެ ކިބައިގައި ހުންނަ ރަނގަޅު އާދަތަކަކީ އެމީހާގެ އާއްމު ދިރިއުޅުންވެސް ކާމިޔާބު ވުމުގެ އެންމެ މުހިންމު އެއް މަސްދަރެވެ. މާތްވެގެންވާ އިސްލާމް ދީނުގައިވެސް، ރަނގަޅު އާދަތަކަށް ވަރަށްބޮޑު އަހައްމިއްޔަތުކަމެއް ދީފައިވެއެވެ. ދަރިންގެ ކިބައިގައި އަށަގެންނެވުން މުހިންމު ބައެއް ރަނގަޅު އާދަތަކަށް މިހާހިސާބުން ބަލައިލާނަމެވެ.

1- ބޮޑެތި މީހުންނަށް އިޙްތިރާމްކުރުން

ބޮޑެތި މީހުން ނުވަތަ ދުވަސްވީ މީހުންނަކީ، ދުނިޔޭގެ އާދަތަކާ ކަންކަން ހިނގާފައިވާގޮތް ޒަމާނުއްސުރެ ތަޖުރިބާކޮށްފައިވާ ގިނަ ކަންކަމަށް ޤާބިލް ބަޔެކެވެ. އެހެންކަމުން ތިމާގެ އެދުރުންނާ ތިމާއަށްވުރެ ބޮޑެތި ކޮންމެ މީހަކަށްވެސް އިޙްތިރާމް ކުރަން ކުދިންނަށް ދަސްކޮށްދޭންޖެހެއެވެ. ވަކިން ޚާއްސަކޮށް މައިންބަފައިންނާއި މާމަ އަދި ކާފައަށް ކުރަންޖެހޭ އިޙްތިރާމުގެ މުހިންމުކަން އެކުދިންނަށް ވިސްނައިދޭން ޖެހެއެވެ. އަޅުގަނޑުމެންގެ ދީނުގައިވެސް، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށާއި ނުރުހުމުގެ ގޮތުން އުއްފުވެސް އެމީހުންނާ ދިމާލަށް ނުބުނުމަށް އަންގަވާފައިވާކަމާ، ބޮޑެތި މީހުންނަށް ޤަދަރުކުރުމަށް އަންގަވާފައިވާކަން އެކުދިންނަށް ކިޔައިދޭންޖެހެއެވެ.

ދަރިންގެ ޚިޔާލަށްވުރެ މައިންބަފައިންދޭން ޚިޔާލު އެކުދިންގެ ކުރިމަތީގައި އިސްކުރުމުންނާއި، ތަނެއްގައި އިށީނދެގެން ތިއްބައި އެއިން މީހަކު އައިސްފިނަމަ ތެދުވެ އެމީހުންނަށް ޖާގަ ދިނުން ފަދަ ކަންކަން ކުރުމުން، އެކުދިންނަށް ކަމުގެ މުހިންމުކަން ވިސްނި ދިރިއުޅުމުގައި އެކަންކަން އަމަލީގޮތުން ކުރުމަށް އެހީއަކަށް ވާނެއެވެ.

2- ދޮގު ނުހެދުން

އެންމެ ކުޑައިރުއްސުރެވެސް ދަރިންނަށް ދޮގު ނުހެދުމަށް ދަސްކޮށްދޭށެވެ. ދޮގު ހެދުމުގެ ނުބައިކަމާ އެކަމުން ދުނިޔެއާ އާޚިރަތުގައިވެސް އަޒާބު ލިބޭނެކަމެއްކަން ބުނެދޭށެވެ. މީހުންގެ އިޙްތިރާމާއި ލޯބި ގެއްލޭނެކަމާ ދޮގުހަދާ ކުދިންދެކެ އެންމެންވެސް ފޫހިވާނެކަން އަންގައިދޭށެވެ. މައިންބަފައިންވެސް މިކަމުގައި ސަމާލުކަންދޭންޖެހެއެވެ. ދަރިންނަށް މިވެނި އެއްޗެއް ހޯދައިދޭނަމޭ ބުނެ އެކަން ނުކުރުމުން އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ. ބައެއް ފަހަރު ކުއްޖާ ތެދަށް ކަންތައްވީގޮތް ބުނުމުގެ ބަދަލުގައި އެކި އެކި އުޒުރު ދައްކާ ހެދުމުން، އަޅުގަނޑުމެން އެކަން މަޖާ ކަމަކަށް ހަދަމުއެވެ. ނަމަވެސް، މިހެން ހެދުމުން އެކުދިންނަށް ކުރެވުނީ ގޯސްކަމެއްކަން ނުވިސްނި އަލުން އެކަމަށް ހިތްވަރު ލިބުމަށް މަގު ފަހިވެއެވެ.

3- ތިމާގެ އެއްޗެހި އެހެންކުދިންނަށް ހިއްސާކުރުން

ގިނަ ކުދިން އުޅޭ ގެއެއްގައި ނަމަ މިއީ ވަރަށް މުހިއްމު އާދައެކެވެ. އެހެންކުދިންނާ އެކު ކުޅެން އުޅުމުގެ ތެރޭގައި އެއްކުއްޖަކު އަތުގަ އޮންނަ ކުޅޭ އެއްޗެއް އަނެއް ކުއްޖަކަށް ހިއްސާކުރަން ދަސްކޮށްދިނުމުން، ކުދިންގެ ގުޅުން ބަދަހިވެ ކުޅިވަރުގެ ތެރެއިން އެއްކުއްޖެއްގެ ފަރާތުން އަނެއްކުއްޖަކަށް އައު ކަންތައްތައް ދަސްވުމަށް ކޮށެވޭ މަގަކަށް ވެއެވެ. ދަރިންނާއެކު ކުޅެ ހަދާއިރު މިކަމަށް ސަމާލުކަންދީ، ތިބޭފުޅުންގެ އަތުގައި އޮތް އެއްޗެއް ނަމަ އެކުދިންނާ ހިއްސާކޮށް ނަމޫނާ ދައްކާށެވެ.

4- މާފަށް އެދުން

ކަމެއް ގޯސްކޮށް ކުރެވުމުން، އެކަމަށް މާފަށް އެދުމަށް ދަސްކޮށްދިނުމަކީވެސް ކުދިންގެ ކިބައިގައި އަށަގެންނެވުން ވަރަށް މުހިއްމު އާދައެކެވެ. މާފަށް އެދެންޖެހޭ ހާލަތްތައް އޮޅުންފިލުވައިދީ އަދި މިއާއެކު ކޮންމެ ކޮންމެ ކަމަކަށް މާބޮޑަށް ދެރަވެ މާފަށް ނޭދުމަށްވެސް ދަސްކޮށްދިނުން ވަރަށް މުހިއްމެވެ. ތިމާގެ އިހްސާސްތައް ހިއްސާކުރުމުގެ ޤާބިލްކަން ކުދިންގެ ކިބައިގައި ހަރުލެއްވުމަކީ ދިރިއުޅުމުގެ ހަނގުރާމަ ކާމިޔާބުވުމަށް ލިބޭ ބާރެކެވެ.

5- ގަނާ ނުކުރުން

ގަނާ ކުރުމަކީ މުޖުތަމައުގެ ބައެއް ކުދިންގެ ކިބައިގައި ހަރުލާފައިވާ ވަރަށް ނޭދެވޭ ސިފައެކެވެ. ސްކޫލުގަޔާއި އާއްމު ދިރިއުޅުމުގެ ތެރޭގައިވެސް ގަނާ ކުރާ ކުދިން އުޅެއެވެ. ކުދިންގެ ޅައިރުއްސުރެ ގަނާ ކުރުމަކީ ކޮބައިކަމާ، އެކަމުން ދުރުވެ ތިބުމަށް އާދަކުރުވުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. އެހެން ކުދިންގެ ޚިޔާލުތަކާއި އެކުދިންގެ ކަންކަން މަޖަލަކަށް ހަދައިގެން މީހުންގެ ކުރިމަތީގައި އަދި ވަކިން ނަމަވެސް އެވާހަކަތައް ދެއްކުމަކީ، އެކުދިންނަށް ނަފްސާނީގޮތުން ބޮޑެތި ގެއްލުންތަކެއް ކުރުވާ ކަމެކެވެ. ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެއްކަމާއި، ހުރިހާ ކަމެއްގައި އެންމެން ހަމަހަމަ ނުވާނެކަން ވަރަށް ރަނގަޅަށް ކުދިންނަށް އުނގަންނައިދޭން ޖެހޭނެއެވެ. ގަނާކުރެވޭ ކުއްޖާގެ ދިރިއުޅުމަށް އެކަމުން ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހި ހިތާމަވެރި ހާދިސާތައް ހިނގާފައިވާކަން ވިސްނައިދޭށެވެ.

މަތީގައިވާ އާދަތައް ނޫނަސް، ރަނގަޅު ބައިވަރު އާދަތައް އަޅުގަނޑުމެންނަށް އެނގެއެވެ. ތިމާއަށާ މުޖުތަމަޢުއަށް ރަނގަޅު ޞާލިޙް ދަރިޔަކު ނެރުމަށް ބޭނުންވާ ކޮންމެ މައިންބަފަޔަކުވެސް ކުއްޖާއަށް ރަނގަޅު ތަޢްލީމެއް ދޭން މަސައްކަތް ކުރާ ބީދައިން، ކުއްޖާގެ ކިބައިގައި ރަނގަޅު އާދަތައް އަށަގެންނެވުމަށް މަސައްކަތް ކުރުމަށް ދަންނަވަމެވެ. ދުޢާއަކީ، އަޅުގަނޑުމެންގެ ދަރިންނަކީ ހެޔޮލަފާ ރަނގަޅު އާދަތަކެއް ލިބިފައިވާ ދަރިންތަކެއް ކަމުގައި ލެއްވުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355