twitterviber whatsapp telegramfacebookyoutube instagram
27th April 2024

ދުނިޔޭގައި ކުރިމަތިވާ އިމްތިހާނުތަކުގައި އަމަލުކުރަނީ ކިހިނެއް؟

އަބްދުލް ވާހިދު ޙަސަން
Aug 14, 2023
1

"އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ޢަޒީޒުވަންތަ، ގިނަގިނައިން ފާފަ ފުއްސަވާ ރަސްކަލާނގެއެވެ" ސޫރަތުލް މުލްކް (2)

ޙަޔާތުގައި އިންސާނުންނަށް ތަފާތު ގިނަ އިމްތިޙާނުތަކާއި ކުރިމަތިލާންޖެހެއެވެ. ގާތްތިމާގެ މީހަކު މަރުވުން، ފަޤީރު ނިކަމެތި މީހެއްގެ ގޮތުގައި ދިރިއުޅުން ވޭތުކުރަންޖެހުން، ބޮޑު ބައްޔަކާއި ކުރިމަތިވުން، ޚާއްސަ އެހީއަކާއި ނުލައި ނޫޅެވޭ ފަދަ ނުކުޅެދޭ މީހަކަށްވުން ފަދަ ކަންކަމަކީ، އިންސާނުން މިގޮތުން އިމްތިޙާނު ކުރެވޭ ބައެއް ކަންކަމެވެ. މި ނޫނަސް ބޮޑެތި ކަންތައްތައް މި ދުނިޔޭގައި އިންސާނުންނާ ކުރިމަތިވެއެވެ.

މިފަދަ ކޮންމެ އިމްތިޙާނެއްގެވެސް އެންމެ ބޮޑު ބޭނުމަކީ، އެ ކަމެއް ތަޙައްމަލް ކުރަމުންދާ ވަގުތުގައި ޢަމަލުތައް ހިސާބު ކުރުމެވެ. ރަނގަޅު ގޮތުގައި ހިފެހެއްޓިއްޖެނަމަ ކާމިޔާބުވާނެއެވެ. ކެތްތެރިކަން ގެއްލި ގޯހުން ކަންކަން ކުރަން ފަށައިފިނަމަ، ލިބޭ ގެއްލުން އަދި މާބޮޑެވެ. ވުމާއެކު މިފަދަ ޙާލަތްތަކުގައި ތިމާގެ ޢަމަލުތައް ހެޔޮގޮތުގައި ހިފެހެއްޓުމަށް ޢަމަލުކުރާނީ ކިހިނެއްތޯއެވެ؟

1- ޙާލަތާމެދު ޙިކުމަތްތެރިކަމާއެކު ވިސްނުން

"ﷲ އެ ނަފުސަކަށް، އެ ނަފުސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކުލީފެއް ނުޖައްސަވައެވެ." ސޫރަތުލް ބަޤަރާ (2)

މިދުނިޔޭގައި އިމްތިޙާން ނުކުރެވޭ ހަމަ އެކަކުވެސް ނުވެއެވެ. ރަސޫލުންނާއި ނަބިއްޔުންނަށްވެސް ދުނިޔެވީ އިމްތިޙާނުތަކާއި ކުރިމަތިވެ ވަޑައިގެންފައިވެއެވެ. އަދި އެމީހަކަށް ކުރިމަތިލާންޖެހޭ އިމްތިޙާނަކީ އެމީހަކަށް ކުޅަދާނަވެގެންނުވާ ވަރުގެ ކަމެއް ނޫންކަން ދަންނަންޖެހެއެވެ.

އަޅުގަނޑުމެންނަށް ގިނަފަހަރަށް ކުރެވޭ ކަމަކީ ތަކުލީފުތަކާއި ކުރިމަތިވުމުން، އެކަމުން ތިމާއަށް ލިބުނު ގެއްލުމާއި މެދު ހިތާމަ ކުރުމުގައި ހުރިހާ ވަގުތެއް ހޭދަކުރުމެވެ. ވަޒީފާ ގެއްލުމުން އެކަމުގެ ހިތާމަޔާއި މާޔޫސް ކަމުގައި ޙަޔާތުގެ ދުވަސްތައް ވޭތުކުޅައުމެވެ. ގެއްލިގެންދިޔަ ކަމަށްވުރެ ގިނަ ކަންކަން ތިމާއަށް ލިބިފައިވާކަން ވިސްނާ ފިކުރުކުރުމެއް ނޯވެއެވެ.

އިމްތިޙާނުގެ ވަގުތުގައި ތިމާގެ ޢަމަލުތައް ހެޔޮ ގޮތުގައި ހިފެހެއްޓުމަށްޓަކައި، ލިބިފައިވާ އެހެން ނިޢުމަތްތަކާމެދު ވިސްނާ ފިކުރުކުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

2 - މާތް ﷲ އެކަލާނގެ އަޅުންނަށް އެންމެ ރަނގަޅުގޮތް އަބަދުވެސް މެދުވެރި ކުރައްވާކަން ދެނެގަތުން.

"އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި ﷲ ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ." (ސޫރަތުލް ބަޤަރާ 216)

ހުރިހާ ކަމަކަށް ކުޅަދުންވަންތަ މާތް ﷲ އެކަލާނގެ ހެއްދެވި އަޅުތަކުންގެ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވެއެވެ. ދުނިޔޭގައިވާ ހުރިހާ މިލްކުވެ ވޮޑިގެންވަނީ އެކަލާނގެ އަށެވެ. އަޅުތަކުންގެ ޙާލަތާއި އެ އުރެންނަށް އެންމެ ރަނގަޅު ގޮތް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ. އަޅުގަނޑުމެންނަށް ކުރިމަތިވާ ކަންތައްތަކާއި ގުޅިގެން، އަޅުގަނޑުމެންގެ ވިސްނުން ބެހެއްޓެނީ، އޭގެން އަޅުގަނޑުމެންނަށް ފެންނަން ހުންނަ ކަންކަމަށެވެ. އޭގެ ސަބަބުން މެދުވެރިވާ ކަންކަމަށެވެ. އެ ވަގުތުގެ ޙާލަތަށެވެ. އޭގެ ބޮޑު މަންޒަރު އަޅުގަނޑުމެންނަކަށް ނޭނގެއެވެ. އެހުރިހާ ކަމެއް ދެނެވޮޑިގަތުންވަނީ ހަމައެކަނި މާތް ﷲ އަށެވެ.

އެހެންކަމުން ދިމާވާ ކަންކަމުން ފޫހިނުވެ އެކަމުން ސަލާމަތްވުމަށް މަސައްކަތް ކުރުން ވަރަށް މުހިންމެވެ.

3 - ކެތްތެރިވުމާއި ޝުކުރުވެރިވުމުގެ މުހިންމުކަން ދެނެގަތުން.

"ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައި ހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރި ކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ! އެއުރެންނީ އެއުރެންނަށް މުޞީބާތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ،اللَّه އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟުރަތަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ. އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟުރަތުން މަޣުފިރަތާއި ރަޙުމަތް އެއުރެންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ." (ސޫރަތުލް ބަޤަރާ 155-157)

މިއާޔަތަށް ވިސްނާ ފިކުރުކުރުމުންވެސް ދުނިޔެމަތީ ދިމާވާ އިމްތިޙާނުތަކަށް ކެތްތެރިވުމުގެ މުހިންމުކަން ސާފުވެއެވެ. އަދި އެ އިމްތިޙާނުތަކުގެ ވަގުތުތަކުގައިވެސް އެކަލާނގެ މަތިން ހަނދުމަކޮށް ކެތްތެރިވެ އެކަލާނގެއަށް ޝުކުރުވެރިވުމުގެ އާދަ އަބަދުވެސް އަޅުގަނޑުމެންގެ ނަފުސުގައި އަށަގަންނަވަން ޖެހޭކަން އެނގެއެވެ.

4 - އިމްތިޙާނަށްވުރެ ލިބޭ އޭގެން ލިބޭ އަޖުރު ބޮޑުވާނެކަން.

"އަދި ކަލޭގެފާނު ހައިރާންވެ ވަޑައިގެންވަނިކޮށް، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނަށް މަގުދެއްކެވިއެވެ. އަދި ފަޤީރަކު ކަމުގައި ކަލޭކަލޭގެފާނުވާތީ، އެކަލާނގެ ކަލޭގެފާނު ދެކެވިދެކެވޮޑިގަތެވެ. ދެން އެކަލާނގެ، ކަލޭގެފާނަށް ހިޔާވަހިކަން ދެއްވިއެވެ." (ސޫރަތުލްޝަމްސު 6-7)

އިމްތިޙާނުގެ މި ޢާލަމުގައި ދިރިއުޅޭއިރު ބޮޑެތި ކަންކަމާ ދިމާވެއެވެ. ހިތާމައަކަށްފަހު ހިތާމައެއް ދިމާވެ ހަޔާތަށް ބޮޑު އަނދިރިކަމެއް މެދުވެރިވާ ފަހަރުތައްވެސް އާދެއެވެ.

މިފަދަ ވަގުތުތަކުގައިވެސް ހަނދާން ބަހައްޓަންވީ ކަމަކީ، އުނދަގޫތަކާއި ކުރިމަތިލައި ހިތްވަރުކޮށް އެކަމުން އަރައިގަނެވިއްޖެނަމަ، އޭގެން ލިބެން އޮތް ފައިދާ ބޮޑުކަމެވެ. މާތް ﷲ އަޅަމެންނަށް ދުނިޔެމަތީގައި ހިތްހަމަޖެހޭ ފަސޭހަ ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދެއްވާ ދޭނވެ. އަދި އިމްތިޙާނުތަކާއި ކުރިމަތިވުމުން، ހެޔޮ ނިޔަތުގައި ރަނގަޅު މަގުގައި އެކަމަކުން ސަލާމަތްވުމަށް މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު ދެއްވާ ދޭނވެ. އާމީން.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355