30 އޭޕްރިލް ވަނަ ދުވަހު ކުޅުދުއްފުށީގައި މެންދުރު ފަހު 3:30 އިން ހެނދުނު 6:00 އަށް ހިންގާފައިވާ ކާފިއުގެ މުއްދަތު 14 މެއި ގެ ރޭގަނޑު 12:00 އާއި ހަމައަށް އިތުރުކުރަން ކުޅުދުއްފުށި ކޮވިޑް-19 ޓާސްކް ފޯސްއިން ވަނީ ނިންމަވައިފި އެވެ.
ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ކުޅުދުއްފުށި ސިޓީ ލޮކްޑައުންކޮށް ކާފިއު އިޢުލާން ކުރެވިފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ 39/2020 ނަންބަރު އެންގުމުގެ ނުކުތާ ނަންބަރު 1 (އެކެއް) ގައި ލޯކަލް ކައުންސިލްގެ އިޙްތިޞާޞް ހިނގާ ސަރަހައްދުތަކުގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރަށާއި ހާލަތަށް ރިއާޔަތްކޮށް އެއްވެ އުޅުން ހުއްޓުވުމަށާއި އިޖުތިމާއި ގައިދުރުކަން ގާއިމު ކުރުމަށް ފިޔަވަޅު އެޅުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އެ ކައުންސިލަށް ދެއްވާފައިވާ ބާރުގެ ދަށުންކަމަށެވެ.
މި ބަޔާނުއްގައި ބުނެފައިވަނީ ކާފިއު އިއުލާންކޮށްފައިވާ ވަގުތު ތަކުގައި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެއްކަމަށާއި، އަދި އެ ވަގުތުތަކަގައި ވިޔަފާރީއެއް އާންމުންނަށް ހުޅުވާލައިގެން ހިދުމަތް ދިނުމަކީވެސް މަނާކަމެއްކަމަށެވެ. އަދި ކާފިއު ނޫން ގަޑިތަކުގައި ވިޔަފާރިތަކުން އާންމުންނަށް ހިދުމަތް ދިނުމަށް އިޖްތިމާއީ ގައިދުރުކަން ކަށަވަރު ކުރެވޭ ފަދަ ގޮތަކަށް ކަންކަން ރޭވުމަށްވެސް ވަނީ އެދިފައެވެ.
މީގެ އިތުރުން ކާފިއުގެ އެންގުމާއި ހިލާފުވާ ފަރާތްތަކާމެދު މައްސަލައިގެ ކުޑަބޮޑު މިނަށް ބަލައި 500-5000 ރުފިޔާ ދެމެދު އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށްވެސް ކައުންސިލް ގެ ބަޔާނުގައި ބުނެފައި ވެއެވެ.