އަތޮޅުތެރޭގެ އެއްރަށަކުން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ށ ނަރުދޫންނެވެ. އެކަމާ ހެދި ރައްޔިތުންގެ ނުތަނަވަސްކަމާ ކަންބޮޑުވުން އިންތިހާއަށް އެބައޮތެވެ. އެރަށުން 11 މީހުން ބައްޔަށް ޕޮޒިޓިވްވެ، ރަށް މޮނިޓަރިންގެ ހާލަތަށް ވަނީ ގެނެސްފައި އެވެ.
ރޯދަމަހުގެ މި ހާލަތުގައި ނަރުދޫއަށް އެންމެ ބޮޑަށް ބޭނުންވެފައިވަނީ ރޯމަހެވެ. ނަރުދޫ ކައުންސިލްގެ ރައީސް އަހުމަދު އާރިފް ވިދާޅުވީ، މި ނުތަނަވަސްކަމުގެ ތެރޭގައި މަސްވެރިކަމަށް ނުނިކުމެވުމުގެ ސަބަބުން ރަށް ރޯމަހަށް ޖެހިފައިވާކަމަށް އާރިފް ވިދާޅުވި އެވެ.
މިކަން އެ އަތޮޅު ގޮއިދޫ ރައްޔިތުންނަށް އެނގުމާއެކު އެރަށުގެ ޒުވާނުން މަސައްކަތްކުރީ މިވަގުތު އެރަށަށް އެންމެ ބޭނުންޖެހިފައިވާ ކަމެއް ކޮށްދެވޭތޯ އެވެ. އެގޮތުން ގޮއިދޫ ޒުވާނުން މަހަށް ނުކުމެ އެރަށަށް މިވަނީ މަސް ހަދިޔާކޮށްފައި އެވެ.
މިކަމުގައި އިސްކޮށް އުޅުނު އިބުރާހިމް ނިޝާމް ނަރުދޫއަށް އެންމެ ބޭނުން ޖެހިފައިވަނީ ކޮންކަމެއް ތޯ އެރަށު ކައުންސިލަށް ގުޅައި ގޭބިސީތަކުގެ އަދަދާއި އިތުރު މައުލޫމާތު ސާފުކުރުމުން އެނގިގެންދިޔައީ ރޯމަހަށް ޖެހިފައިވާ ތިބި ކަމަށެވެ. އެހެންވުމުން ރަށުގެ ޒުވާނުން އިސްނަގައި މަހަށް ނުކުތީ އެވެ.
އޭނާ ބުނީ، މިދުވަސްވަރަކީ ގިނަ ބަޔަކު އެއްވެގެން އުޅެވޭ ދުވަސްވަރަކަށް ނުވާތީ މަސައްކަތަށް ނުކުތުމަށް ނިންމީ ޒުވާނުންކަމަށެވެ. އެހެންނަމަވެސް މިކަމުގައި ކޮންމެވެސް ވަރަކަށް މެދު އުމުރުގެ ރައްޔިތުންވެސް ބައިވެރިވި އެވެ. ތިން ދުވަހަށް ބަހާލައިގެން ދޯނިފަހަރުތަކުގައި ޒުވާނުން މަހަށް ނުކުމެ 340 ކިލޯގެ މަސް ބޭނި އެވެ.
ވިއްސަކަށް ޒުވާނުން އިސްގައިގެން ކުރި މިމަސައްކަތުގައި ފުރަތަމަ ދިޔައީ މުށި މަހަށެވެ. އެއަށްފަހު ފަރުމަހަށެވެ. މިކަމުގެ ރަށުގެ ހުރިހާ ދޯނި ފަހަރުތަކާއި ޑިންގީތައް ބައިވެރިވި އެވެ. ބޭނި މަސްކޮޅު މިއަދު ވަނީ ނަރުދޫ ރައްޔިތުންނަށް ހަދިޔާކޮށްފައި އެވެ. މަސް ހިފައިގެން ނަރުދޫއަށް ދިޔައީވެސް ގޮއިދޫ ޒުވާނުންނެވެ.
""އަތޮޅުގައި ބޮޑެތި ރަށްތައް އޮއްވާ ގޮއިދޫ ފަދަ ރަށަކުން މިދަނޑިވަޅުގައި މިކަމަށް އިސްނެތީ ރައްޔިތުންގެ ފަރާތުން ގޮއިދޫ ޒުވާނުންނަށް ޝުކުރުއަދާކުރަން."ނަރުދޫ ކައުންސިލްގެ ރައީސް
ނިޝާމް ބުނީ ނަރުދޫއަށް މަސް ހިފައިގެންދިޔައި ރަށުގެ ޓާސްކް ފޯސްއިން ވަނީ މަސް އަޅާނެ ޓަޕް ފަދަ ތަކެތި ތޮށިގަނޑު މަތީގައި ބަހައްޓާފައި ކަމަށެވެ. އަދި ގައިދުރުކުރުމުގެ ގޮތުން އެ މީހުން ތިބީ ވަރަށް ދުރުގައި ކަމަށާ ރަށަށް ނުފައިބައި މަސްކޮޅު ޓަޕްތަކަށް އަޅާފައި އެނބުރި ރަށަށް އައީކަމަށެވެ. މަސްތައް ހުރީ ރަނގަޅަށް ކޮތަޅަށް އަޅައި ބަންދުކޮށްފަ އެވެ. ކޮންމެ ގޭބިސީއަކަށް ހަދިޔާކޮށްފައިވަނީ ދެ ކިލޯ މުށި މަހާއި ދެ ކިލޯ ފަރުމަހެވެ. މަސްތައް ހުރީ ރީތިކޮށް ކަނޑައި ސާފުކޮށްފަ އެވެ.
ނިޝާމް ވަނީ މިކަމުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް ހާއްސަ ޝުކުރެއް އަދާކޮށްފައި އެވެ. މިފަދަ ވަގުތެއްގައިވެސް ރައްޔިތުންނާއި ކައުންސިލްތައް އަދި ޒުވާނުން ފަރާތުން ފެނިގެންދިޔައީ އާދަޔާ ހިލާފް ހިއްވަރެއްކަމަށާއި އެކަމަށްޓަކާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރާ ކަމަށެވެ.
އޭނާ ބުނީ މިފަދަ ދަނޑިވަޅެއްގައި އެހީތެރިކަން ފޯރުކޮށްދެވުމުން ވަރަށް ހިތްހަމަޖެހިފައިވާ ކަމަށާއި އަދާޔާ ހިލާފު އުފާވެރިކަމެއް ލިބިފައިވާ ކަމަށެވެ. ނަރުދޫ ކައުންސިލްގެ ރައީސް އާރިފްވެސް ވަނީ ގޮއިދޫގެ ރައްޔިތުން ހާއްސަކޮށް ޒުވާނުން އިސްނަގައި މިފަދަ ދީލަތި އެހީތެރިކަމެއް ފޯރުކޮށްދިނީތީ ވަރަށް އުފަލުންނެވެ. އެކަމަށްޓަކާ ނަރުދޫގެ ރައްޔިތުންގެ ފަރާތުން ގޮއިދޫގެ ރައްޔިތުންނަށް އާރިފް ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައި އެވެ.