ކޮވިޑް-19 އާ ގުޅިގެން ވަޒީފާގެ ހާލަތަށް ބަދަލުއައިސްވާފައިވާ ފަރާތްތަކަށް އިނާޔަތް ދޭނެ ޝަރުތުތަކާއި އަމަލު ކުރާނެ އުސޫލު އާންމުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލަވާލާ އާންމުކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ އިންކަމް ސަޕޯޓް އެލަވެންސް ގެ ކަންތައް ކުރިއަށްދާނީ އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށާއި އެލަވެންސް ދޫކުރާނީ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެމްއެމްއޭ ނުވަތަ އެންސްޕާ އިން ކަމަށެވެ.
މިއީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ އާމްދަނީއަށް އައިސްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުން އެ ފަރާތްތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދޭ އެލަވަންސެކެވެ.
އުސޫލުގައިވާ ގޮތުން މި އެލަވަންސް ދޭނީ މާޗް އެއްވަނަ ދުވަހުގެ ފަހުން، ކޮވިޑް-19 ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކޮށްފައިވާ ފަރާތްތަކަށާއި ނޯޕޭ ލީވް އަށް ފޮނުވާލާފައިވާ ފަރާތްތަކަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބަޔެއް އުނިކޮށްފައިވާ ފަރާތްތަކަށެވެ.
އަދި މާޗު އެކަކާއި ހަމައަށް އެއްވެސް ފަރާތެއްގެ ދާއިމީ ނުވަތަ ވަގުތީ ވަޒީފާގައި ހުރި ކޮންމެ ފަރާތަކަށްވެސް ވަޒީފާ އަދާކުރުމުގެ އެއްބަސްވުމެއް އޮތްނަމަވެސް އަދި ނެތް ނަަމަވެސް މި އެލަވެންސް ލިބިދެވޭނެ ކަމަށާއި މީގެ ތެރޭގައި ޕްރޮބޭޝަނުގައި ތިބޭ ފަރާތްތައް ހިމެނޭނެ ކަމަށާއި ވަގުތީ ވަޒީފާ ވާންވާނީ އެ ފަރާތަކަށް މުސާރަ ލިބޭ ހަމައެކަނި ވަޒީފާއަށް ކަމަށް ބުނެފައިވެ އެވެ.
އެ ފަރާތް ތަކަށް މި އުސޫލުގެ ދަށުން 5،000 ރުފިޔާ ލިބޭއިރު ނޯޕޭ އަށް ފޮނުވާފައިވާ ފަރާތްތަކަށްވެސް މި އަދަދަށް އެލަވެންސް ލިބޭނެ އެވެ. މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާ އަށްވުރެ ދަށް އަދަދެއް ނަމަ، 5000 ރުފިޔާ އިންް މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ދޭނެއެވެ.
އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާ އަށްވުރެ ބޮޑު އަދަދެއްނަމަ އެ މީހަކަށް އެލަވެންސް ނުލިބޭނެ ކަމަށްވެސް އުސޫލު ބުނެ އެވެ.
މި އެލަވެންސް ދޭނީ އޭޕްރީލް އިން ޖޫން އަށް، ތިން މަހުގެ ނިޔަލަށެވެ. ކޮންމެ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން އެލަވެންސް ދޭނެ ކަމަށާއި ތިން މަސް ހަމަވުމުގެ ކުރިން ވަޒީފާ އާންމު ހާލަތަށް ރުޖޫއަވާ ފަރާތްތަކަށް އެލަވެންސް ދިނުން ހުއްޓާލާނެ ކަމަށް ބުނެފައިވެ އެވެ. އަދި ވަޒީފާ އާންމު ހާލަތަށް އަަންނަކަން ޖޮބްސެންޓަރާ ހިއްސާ ކުރަންވާނެ ކަމަށްވެސް އުސޫލުގައި ބުނެފައިވެ އެވެ.
އެލަވެންސް ހޯދުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭނީ ޖޮބްް ސެންޓަރަށެވެ. އެލަވެންސް ދޭނީ ރާއްޖޭގައި މަސައްކަތްކުރާ، ދިވެހިން ކަމަށާއި އެއީ، މާޗު އެކަކާއި ހަމައަށް ވަޒީފާގައި ދެމިހުރި އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހޭނެ ކަމަށެވެ.
އެލަވެންސް ހޯދުމަށް އެދޭ ފަރާތަކީ ސަރުކާރުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެތެރެއިން ކަނޑައެޅޭ ޕްރޮގްރާމެއްގައި ބައިވެރިވެ އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައި ވާންޖެހޭނެ ކަމަށް އެލަވެންސް ދިނުމުގެ ޝަރުތުގެ ތެރޭގައި ބުނެފައިވެ އެވެ.
ތިން މަސްދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ވަޒީފާއަށް ރުޖޫއަވާ ފަރާތްތަކަށް ނުވަތަ އެހެން ވަޒީފާއެއް ހަމަޖެހޭ ފަރާތްތަކަށް ވަޒީފާ ލިބޭ ނުވަތަ ވަޒީފާ ރުޖޫއަވާ ހިސާބުން ފެށިގެން ދެމުން އައި އެލަވަންސް މެދުކެނޑޭނެ ކަމަށް އުސޫލުގައި ވެ އެވެ.
މިހާތަނަށް އާމްދަނިއަށް އަސަރުކޮށްގެން ޖޮބް ސެންޓަރަށް 2291 މީހަކު އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.