twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގާނޫނީ ކޮލަމް: ކޮވިޑް-19 އާ ގުޅިގެން ކައުންސިލުން އަންގާ އެންގުންތަކަށް ތަބާވާންޖެހޭނެތަ؟

May 14, 2020
4

ދުނިޔެއަށް ކުރިމަތިވެފައިމިވާ ކޮވިޑް-19ގެ އާލަމީ ވަބާގެ ރާޅުތައް ދިވެހި ކަނޑުއޮޅިތައް ހުރަސްކޮށް، ރާއްޖޭގެ ގޮނޑުދޮށްތަކަށް ބީއްސަމުންދާއިރު އެހެން ޤައުމުތަކެކޭވެސް އެއްފަދައިން، ރާއްޖޭގައި މިބަލިން ރައްކާތެރިވުމުގެގޮތުން ތަފާތު ފިޔަވަޅުތައް އަޅާފައިވެއެވެ. ރާއްޖެއަކީ، ޤުދުރަތީގޮތުން ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމަކަށްވާއިރު، މިއިން ކޮންމެ ރަށެއްގައިވެސް، އެރަށެއްގެ އެންމެ އިސް އިދާރާއިން ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ ލާޒިމުކަމެކެވެ. މިގޮތުން، އެކިރަށްރަށުގެ ކައުންސިލްތަކުން އެކައުންސިލެއްގެ އިޚްތިޞާޞްގެ ދަށުގައިވާ ހިސާބުތަކުގައި، ބަލި ފެތުރުނަ ނުދިނުމަށްޓަކައި ތަފާތު ފިޔަވަޅުތައް އަޅަމުންގެންދާކަން ވޭތުވެދިޔަ ދުވަސްތަކުގައި ފެނިގެންދިޔައެވެ. ވީމާ، ޤާނޫނީގޮތުން މިޙާލަތުގައި ކައުންސިލްތަކަށް ލިބިދޭ ބާރުތަކަށް ބަލާލަމާތޯއެވެ.

ކައުންސިލްތަކަށް މަސައްކަތްތައް ހަވާލުކުރުން

ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެ ޞިއްޙީ ނުރައްކަލުން އަރައިގަތުމަށްޓަކައި، ބަލި ފެތުރުން މަދުކުރުމަށްޓަކައި ނުވަތަ ހުއްޓުވުމަށްޓަކައި އެއްވެއުޅުން މަނާކުރުމާއި، ވެކްސިންދިނުމާއި، ކަރަންޓީނުކުރުމާއި، އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރުކުރުން މަނާކުރުންފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް، ޤާނޫނު ނަންބަރ 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ލިބިގެންވެއެވެ. އަދި މިފަދައިން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެދަށުން، ބައެއް މަސައްކަތްތައް ކައުންސިލްތަކުން އެކައުންސިލެއްގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުގައި ތަންފީޛުކުރުމަށް ހަވާލުކުރެވިދާނެއެވެ. މިސާލަކަށް، ކޮވިޑް-19 އަށް ވެކްސިނެއް ތައްޔާރުކުރެވި، އެ ވެކްސިން ދިނުމަށް މަގުފަހިވެއްޖެނަމަ، އެރަށެއްގެ ރައްޔިތުންނަށް ވެކްސިން ދިނުމުގެ އެންމެހާ ކަންކަން ބެލެހެއްޓުން، އެރަށެއްގެ ކައުންސިލާއި ހަވާލުކުރެވިދާނެއެވެ.

ކައުންސިލާއި ހަވާލުކުރެވިފައިވާ މަސައްކަތްތައް

ކޮވިޑް-19 އާއި ގުޅިގެން ކައުންސިލްތަކާއި ހަވާލުކޮށްފައިވާ މަސައްކަތަކީ، އެކައުންސިލްތަކުގެ އިޚްތިޞާޞް ހިންގާ ސަރަޙައްދުގައި އެއްވެއުޅުމާއި، އިޖުތިމާޢީ ގައިދުރުކަން ޤާއިމުކުރުމަށް ފިޔަވަޅުތައް އެޅުމެވެ. މިފަދައިން ކައުންސިލްތަކުން ފިޔަވަޅުތައް އަޅަންވާނީ، އެ ސަރަޙައްދެއްގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އޮތްވަރަށާއި، އެރަށެއްގެ ޙާލަތަށް ބެލުމަށްފަހުގައެވެ. މިގޮތުން، އެރަށެއްގައި ކޮމިއުނިޓީ ސްޕްރެޑެއް، ނުވަތަ މުޖުތަމަޢުގައި ބަލި ފެތުރެމުންދާ ރަށެއްގެ ކައުންސިލުން އަޅާ ފިޔަވަޅުތަކާއި، ބައްޔަށް ފައްސިވެފައިވާ ވޭދަނައެއް ފެނިފައިނުވާ ރަށެއްގައި ގައިދުރުކަމާއި އެއްވެއުޅުން ހުއްޓުވުމަށްޓަކައި އެރަށެއްގެ ކައުންސިލުން އަޅާ ފިޔަވަޅުތަކާއި ތަފާތު ވެދާނެއެވެ.

މީގެއިތުރުން، އެ ކައުންސިލެއްގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އެންގުމުގެމަތިން އެކަހެރި ކުރާ ފަރާތްތަކަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ކަރަންޓީންކުރުމަށް އަންގާ ލިޔުން ދޫކުރުމާއި، ކަރަންޓީނުން ދޫކޮށްލުމުގެ ލިޔުން ދޫކުރުންވެސް، މިހާރު މިވަނީ ކައުންސިލްތަކާއި މަތިވެފައެވެ. އެހެންކަމުން، އިސްވެދެންނެވުނު ކައުންސިލްތަކާއި މަތިކުރެވިފައިވަ މަސައްކަތްތަކުގެ ދަށުން ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންވެއެވެ.

ކައުންސިލަށް ލިބިގެންވާ ބާރުގެ ދާއިރާ

ބަލިން ރައްކާތެރިވުމަށް އެރަށެއްގެ ޙާލަތަށް ރިޢާޔަތްކޮށް އެންމެ އެކަށީގެންވަނީ ހަރުކަށި ފިޔަވަޅުތަކެއް އެޅުންކަމުގައި ކައުންސިލަށް ފެންނަނަމަ، އެފަދައިންވެސް ޢަމަލު ކުރެވިދާނެއެވެ. ނުވަތަ ރައްޔިތުންގެ ފަރާތުން ކައުންސިލްގެ އަމުރުތަކަށް ތަބާވުމުގައި ލިބޭ އެއްބާރުލުމަށް ރިޢާޔަތްކޮށް، ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމާއި ލުއިދިނުމުގެ ބާރުވެސް ކައުންސިލަށް ލިބިގެންވެއެވެ. ހަނދާނުގައި ބަހައްޓަންވީކަމަކީ، ކޮވިޑް-19 އާއި ގުޅިގެން އެބަލިން ރައްކާތެރިވުމަށް ކައުންސިލަކުން އަޅާ އެއްވެސް ފިޔަވަޅަކީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ދީފައިވާ ބާރުގެ ދާއިރާގެ ތެރެއިން އަޅާ ފިޔަވަޅަކަށް ވީހިނދު، އެއީ ޣައިރު ޤާނޫނީ ފިޔަވަޅެއް ނޫންކަމެވެ. އަދި ކައުންސިލްތަކަށް ލިބިގެންމިވާ ބާރަކީ ޚުދުމުޚުތާރީ ބާރެއްވެސް ނޫނެވެ. އެހެނީ ކަމާބެހޭ ދައުލަތުގެ ވަޒީރު، ނުވަތަ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ކަނޑައަޅާ އުޞޫލުތަކާއި ޚިލާފަށް އެއްވެސް ކަމެއްކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިގެނެއްނުވެއެވެ. އަދި ކައުންސިލްތަކާއި ހަވާލުކޮށްފައިމިވާ ޒިންމާތަކަކީ، އެއްވެސް ޙާލެއްގައި ކައުންސިލްތަކުން އެކަމަކުން ބަރީޢަވެވޭނެ ޒިންމާތަކެއް ނޫނެވެ.

ކައުންސިލްގެ އެންގުންތަކަށް ތަބާނުވުން

ކައުންސިލްތަކުން އަންގާ އެންގުންތަކަށް ތަބާނުވުމަކީ، ކައުންސިލްގެ އަމުރަށް ނުކިޔަމަންތެރިވުން ކަމުގައިވީހިނދު، އެފަދަ ފަރާތްތައް ޖޫރިމަނާކުރުމުގެ ބާރުވެސް ކައުންސިލްތަކަށް ލިބިގެންވެއެވެ. މިސާލަކަށް، ރަށުގައި ކޮވިޑް-19 ފެތުރިދާނެ ފުރުސަތު އޮތް މިންވަރަށް ބަލާ ރަށް ފުރަބަންދުކޮށް، ފުރަބަންދުގައި ޢަމަލަކުރުމަށް އެކުލަވާލާ އުޞޫލުތަކާއި ޚިލާފަށް ޢަމަލުކުރާ ފަރާތްތައް ޖޫރިމަނާ ކުރެވިދާނެއެވެ.

ނިންމުން

ކޮވިޑް-19 ގެ އާލަމީ ވަބައިން ރާއްޖެ ސަލާމަތްވެ، "ޢާންމު ޙާލަތަކަށް" އަވަހަށް ރުޖޫޢަވެވޭނީ، ދައުލަތުގެ ކުރިހާ މުޢައްސަސާތަކަކުން އަންގާ އެންގުންތަކަށް ތަބާވެގެންނެވެ. ހަމައެހެންމެ، ބަލިން ރައްކާތެރިވުމަށް ފަރުދީ ޒިންމާ އަދާކޮށް، އެންމެހާ އިދާރާތަކަށް އެއްބާރުލުން ދީގެންނެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355