twitterviber whatsapp telegramfacebookyoutube instagram
19th April 2024

އުރީދޫން ރާއްޖެއަށް 2.5 މިލިއަން ރުފިޔާ އެހީއެއް

May 17, 2020

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް އުރީދު އާއި އުރީދޫ ގްރޫޕުގެ ފަރާތުން 2.5 މިލިއަން ރުފިޔާ ދޭން ނިންމައިފި އެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް އާއި މިއަދު އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަ ދައްކަވަމުން، އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ ނަޖީބް ޚާން ވިދާޅުވީ، މިއީ ދިވެހިރާއްޖޭގައި ކޯވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މުހިއްމު މަސައްކަތްތަކަށް ބޭނުންވާ ވެންޓިލޭޓަރ، ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އަދި ޓެސްޓިންގ ކިޓް ހޯދުމުގައި ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުރީދޫ އިން ފޯރުކޮށްދީފައިވާ އެހީތެރިކަމެއް ކަމަށެވެ.

"އުރީދޫ އަކީ އަބަދުވެސް ދިވެހިންނާ އެކު ތިބި ބަޔެ. ކޮވިޑް-19 ޕެންޑެމިކް އާއި ގުޅިގެން މުޖުތަމައުގެ އެކި ފަރާތްތަކަށް ދިމާވެފައިވާ ދަތިކަމަށް ލުޔެއް ހޯދައިދިނުމުގައި އަޅުގަނޑުމެންގެ މަސައްކަތްތައް ކުރިޔަށް ގެންދާނެކަމުގެ ޔަގީންކަން އަރުވަން. މި ހާލަތުގައި ރާއްޖެއަށް އެހީތެރިވުމަށް ކުރެވޭ މަސައްކަތުގައި ދެއްވަމުން ގެންދަވާ އެއްބާރުލުމަށްޓަކައި، އުރީދޫ ގްރޫޕްގެ ވެރިންނަށް ޚާއްސަ ޝުކުރެއް ދަންނަވަން. އަޅުގަނޑުމެންގެ ދުޢާއަކީ، އުރީދޫއިން ފޯރުކޮށްދޭ އެހީތެރިކަމާއެކު ސަރުކާރުން ކުރައްވާ މަސައްކަތަށް އިތުރު ހިއްވަރެއް ލިބި، ކޮވިޑް-19 ޕެންޑެމިކްގެ އަސަރުކޮށްފައިވާ ރާއްޖޭގެ އެންމެހާ ފަރާތްތަކާއި ގައުމުގެ އިގްތިސާދަށް ރަނގަޅު ހެޔޮ ބަދަލެއް الله ސުބުޙާނަހޫ ވަތަޢާލާ މިންވަރުކުރެއްވުން." ނަޖީބް ޚާން ވިދާޅުވި އެވެ.

ރައީސް އޮފީސް، ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) އަދި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދަނީ މި ޕެންޑެމިކްއާ ދެކޮޅަށް ގައުމީ ފެންވަރުގައި ކުރެވެމުންދާ އެންމެ މުހިންމު މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން ކުރެވިފައިވާ ކަންކަމުގެ ތެރޭގައި އިންޓަނެޓް ކަނެކްޝަންގެ އެހީތެރިކަމާއި، ކޮވިޑް-19 އާއި ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި، އޮންލައިންކޮށް ކިޔަވާދިނުމަށާއި ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ.

ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމުގައި ކުރިޔަށް އޮތްތަނުގައިވެސް ދެމި އޮންނާނެކަމަށް އުރީދޫން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355