ކައުންސިލަރުންގެ ދައުރު ދަންމަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ނިންމަން ފިތުރު އީދުގެ ބަންދުގައި ޖަލްސާތައް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސްް މުހައްމަދު ނަޝީދު މިއަދު ނިންމަވައިފި އެވެ.
މިއަދުގެ ޖަލްސާގައި ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި މަޖިލީހުގެ ރައީސް ވިދާޅުވީ ގާނޫނު އަސާސީ އަށް ބަދަލު ގެނައުމުގެ މަސައްކަތް މިމަހުގެ 26 ،27 އަދި 28 ވަނަ ދުވަހު ކުރިއަށް ގެންދަވަން ގަސްދުކުރައްވާ ކަމުގަ އެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މި ރޯދަ މަހު ދަތިހާލުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި މަޖިލީހުގެ ޔައުމިއްޔާތަކާއި ބަޔާންތައް އަދި ހަބަރުތަކުން އެ މަސަައްކަތްތައް ހިނގައި ދިޔަ ގޮތް ސާފުކޮށް ފެންނަން އޮންނާނެ ކަމަށެވެ.
ކައުންސިލުންގެ ދައުރު ބަދަލުކުރަން ސަރުކާރުން މަޖިލީހަށް ހުށައެޅީ ކޮވިޑް-19 ފެތުރޭތީ ކައުންސިލް އިންތިހާބު ބޭއްވެން ނެތުމުންނެވެ. އެ މައްސަަލަ އަށް ހައްލެއް ހޯދަން ސަރުކާރުން ހުށަހެޅި ސަންސެޓް ގާނޫނުގެ ބިލް މަޖިލީހުން ފާސްކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ތަސްދީގު ވެސް ކުރައްވައިފަ އެވެ.
ނަމަވެސް ނޫނަށް އަމަލުކުރެވޭނީ ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.
ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ އަށް ބަދަލު ގެންނާނީކަން ނުވަތަ ނޫންކަން ނިންމަވާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށާއި އެ ކަމުގައި ގޮތެއް ކަނޑައެޅުމަކީ އެ މަނިކުފާނު ކުރައްވާ ކަމެއް ނޫން ކަމަށެވެ.