އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން 98 ވިޔަފާރިއަކަށް ލޯނު ދޫކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މިރޭ ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެގޮތުން ކޮވިޑް19 އާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން އިއުލާނުކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ރިޒޯޓުތަކާއި އަމިއްލަ ވިޔަފާރިތަކުން ލިބިފައިވާ ހުށަހެޅުންތަކުގެ ތެރެއިން 157 ހުށަހެޅުމަކަށް ލޯނު ދޫކުރަން ނިންމާފައިވާކަމަށެވެ.
އަދި އޭގެ ތެރެއިން މިހާތަނަށް 98 ވިޔަފާރިއަކަށް ލޯނު ދޫކޮށްފަ އެވެ. ސަރުކާރުން ވަނީ ރާއްޖޭގެ އިގްތިސާދަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ރިޒޯޓުތަކާއި އަމިއްލަ ވިޔަފާރިތަކަށް ލޯން ދިނުމަށް ނިންމާފައެވެ.
ޓޫރިސްޓް ރިސޯޓްތަކަށް ލޯން ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ. މި ސްކީމުގެ ދަށުން ކޮންމެ ރިސޯޓަކަށްވެސް ގިނަ ވެގެން ދޫކުރާނީ 7.71 މިލިއަން ރުފިޔާއެވެ. އަދި ރިސޯޓްތަކަށް ލޯން ދޫކުރުމުގައި ދިވެހި އޯނާޝިޕްގެ ނިސްބަތަށާއި، ރިސޯޓްގައި ދިވެހި މުވައްޒިފުން ވަޒީފާގައި ގެންގުޅޭ ނިސްބަތް 45 އިންސައްތައަށް ނުވަތަ އެއަށްވުރެ މަތީތޯ ބަލައި އިސްކަން ދެވޭނެ ކަމަށް ފިނޭންސްގެ އުސޫލުގައިވެއެވެ. އަދި އެކަންކަން ސަރުކާރުން ބަލާ، ބޭންކް އޮފް މޯލްޑިވްސްއާ ހިއްސާ ކުރާނެ ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން ރިސޯޓް ނުވަތަ ވިޔަފާރީގެ ނަން-ފާފޯމިން އެސެޓްސް ނެތްތޯއާ، 2019 ވަނަ އަހަރު ވިޔަފާރިއަށް ފައިސާވެފައިވޭތޯއާ، ކުރިއަށް އޮތް ތިން އަހަރުގެ ކޭޝްފްލޯ ފޯކާސްޓް ޕޮޒިޓިވްކޮށް ހުރިތޯ ބަލާ އިސްކަންދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އަދި ކޮވިޑް-19 އާ ގުޅިގެން މުވައްޒިފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯ ޕޭ ނަގަން މަޖުބޫރުކުރުވާފައިވާ ފަރާތްތަކަށް ލޯން ނުލިބޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އަދި ކުދި ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް، އެސްޑީއެފްސީ މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ލިބުނު ހުށަހެޅުންތަކުގެ ތެރެއިން، 396 ވިޔަފާރިއަކަށާއި އަމިއްލަ މަސައްކަތްކުރާ 134 މީހަކަށް ލޯނު ދޫކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.