ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިދިޔަ މަހު 15 ވަނަދުވަހުން ފެށިގެން މާލެ ސަރަހައްދަށް އިއުލާނުކޮށްފައިވާ ލޮކްޑައުން އުވާލިޔަސް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ އިތުރު ކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ދެއްވައިފި އެވެ.
ކޮވިޑް-19 އަކީ "ޕެންޑެމިކް" އެއް ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅުމާ ގުޅިގެން މުޅި ރާއްޖޭގައި އާންމު ސިއްހީ ކުއްލި ނުރައްކަތުގެ ހާލަތު ސަރުކާރުން އިއުލާނު ކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހު އެވެ.
ހެލްތް މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވާނީ މި މަހުގެ 31 ށެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރް އަށް ލިބިގެންވާ ބާރުގެ ދަށުން މާލޭ ސަރަަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުން އަށް ދޫދޭން ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.
ރޭ ރާއްޖެ ޓީވީގެ ކޮވިޑް-19 ކަވަރޭޖުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ސިއްހީ ކުއްލި ހާލަތު އުވާލުމާއި ގުޅޭގޮތުން އަދި ގޮތްތަކެއް ނިންމާފައި ނުވާ ކަމަށެވެ. މި ހާލަތުގައި ބަލި ކޮންޓްރޯލް ކުރަން މަަސައްކަތް ކުރުމަށް ގިނަ ފަސޭހަތަކެއް ލިބޭތީ، ލޮކްޑައުން އުވާލި ނަމަވެސް ސިއްހީ ކުއްލި ހާލަތުގެ މުއްދަތު އިތުރު ވުމަކީ ވެދާނެ ކަމެއް ކަމަށެވެ.
އަމީން ވިދާޅުވީ، ނިންމާ ނިންމުންތައް ރިޔާއަތް ކުރަނީ ރާއްޖޭގެ ހާލަތަށް އަންނަ ބަދަލުތަކަށް ބެލުމަށް ފަހު އެކަމާއި ބެހޭ ފަރާތްތަކާއި އެކު މަޝްވަރާ ކޮށްގެން ކަމަށެވެ.
މާލެ ސަރަހައްދުގެ ލޮކްޑައުންއަށް ލުޔެއް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ގައުމާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ވަނީ ވިދާޅުވެފަ އެވެ.
ރޭ ރައީސް ވިދާޅުވީ މާލެ ސަރަހައްދުގެ ލޮކްޑައުންއަށް ލުޔެއް ދޭއިރު، އެކަން ކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާ އެގޮތުން ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި، މިހާރަށްވުރެ ފަސޭހަ އިންތިޒާމަކުން އާންމު ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުން ހިމެނޭ ކަމަށެވެ.