ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ރޯގާ އިން ސާފުވީ އަމިއްލައަށް ހައްދާ ތަކެތިން ކައިބޮއި އުޅެންޖެހޭކަން ކަމުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކާބަފައިން ޒަމާނުންސުރެން ރާއްޖެ އަކީ ދަނޑުގޮވާމުގެ މަސައްކަތް ކޮށް އުޅުނު ތަނެކެވެ. ދަނޑު ހައްދާނެ ބިމުގެ ދަތިކަން ގިނަ ރަށްރަށުގައި އޮތް ނަމަވެސް އެއިރާ އަޅާބަލާއިރު މިޒަމާނު މިފަދަ މަސައްކަތެއް ކުރުމަކީ ފަސޭހަ ކަމެކެވެ. ދިރިއުޅޭ ގޯތި ތެރޭގައިވެސް ކޮންމެސްވަރެއްގެ ދަނޑެއް ހައްދާނުލެވޭނެ އޮންނާނީ މަދު ގެއެކެވެ.
ނ. ކެނދިކުޅުދޫގެ ޒުވާނުންތަކެއް ބަނބުކެޔޮގަސް އިންދާ މަންޒަރުތަކެއް ޝެއާ ކުރަމުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކެނދިކުޅުދޫގެ ރައްޔިތުންނަށް ހަމަ އައްސަރިބަހާއި ސާބަސް ދަންނަވާ ކަމަށާއި މި ފަހަރުގެ މިބޮޑު ރޯގާއިން ސާފުވީ އަމިއްލައަށް ހައްދާ ތަކެތިން ކައި ބޮއެއުޅެން ވެއްޖެ ކަމެވެ.
ދާދިފަހުން ކެނދިކުޅުދޫގެ ޒުވާނުން ނުކުމެ އެ ރަށުގައި ގިނަ އަދަދެއްގެ ބަނބުކެޔޮ ނިރު އިންދުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.
ޓްވީޓްގައި އިތުރަށް ރައީސް ނަޝީދު ވިދާޅުވީ ރޯގާ ރަނގަޅުވި ނަމަވެސް ރޯގާގެ ތަދު އަދި ކުރިއަށް އޮތްކަމަށް ފެންނަ ކަމުގައެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރެމުން މިދާ ދުވަސްވަރަކީ ދުނިޔޭގައި ވެސް މި ބަލި ކޮންޓްރޯލްނުވެ ހަލުވިކަމާއި އެކު ފެތުރެމުންދާތީ ބައިނަލްއަގުވާމީ ދަތުރުފަތުރުތައް ހުއްޓުމަކަށް އައިސް ރާއްޖެއަށް ކާބޯތަކެތި އެތެރެވާ މަގުތައް ބަންދުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އެގޮތުން ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށް ރާއްޖޭގައި ހައްދަން އެންމެ ރަނގަޅު ބާތްތަކުގެ ތެރޭގައި ހިމެނެނީ ފަލަމަޑިއާއި ފަތްކޭލުގެ ބާވަތްތަކެވެ.