މިހާރު ތިބި ކައުންސިލަރުންގެ ދައުރާ މެދު ގޮތެއް ނިންމުމަށް ސުޕްރީމްކޯޓަށް ދާން ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވޭތީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމައިލުމަށް ގާނޫނު އަސާސީ އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރޭގައި ފާސްކުރި އެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އެ ނިންމުމާ ދެކޮޅަށް ބައެއް މެމްބަރުން މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި އެވެ. އެއީ އެގޮތަށް ފާސްކުރަން ޕީޖީގެ ނިންމުން ފާސްކުރަން ވޯޓް ނުދެއްވި މެމްބަރުންނެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި 55 މެމްބަރުންގެ ތެރެއިން ފާސްކުރަން ވޯޓު ނުދެއްވަނީ 13 މެންބަރެކެވެ.
ކޮވިޑް-19 ފެތުރޭތީ ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފައިވާއިރު މިހާރު ތިބި ކައުންސިލްތަކުގެ ދައުރު އަންނަ މަހުގެ ތިން ވަނަ ދުވަހު ހަމަވާނެ އެވެ. އެހެންކަމުން އުފެދޭ ގާނޫނީ ހުސްކަމާ މެދު އިސްތިޝާރީ ލަފައެއް ހޯދަން ސުޕްރީމްކޯޓަށް ދާން ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށައެޅުއްވީ ގާނޫނު އަސާސީ ބަދަލުކުރަން ތްރީލައިން ވިޕެއް ނެރެން އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ވޯޓް ދެއްވި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ އެވެ.
ގާނޫނުއަސާސީގެ 95 ވަނަ މާއްދާގައި އޮންނަނީ ގާނޫނުގައި އޮންނަ ކަމަކާ މެދު އުފެދޭ މުހިންމު ސުވާލުތަކާއި ގާނޫނީ ގޮތުން ކަމެއް އޮތް ގޮތާ މެދު ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ހުށަހެޅިދާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕީޖީން، ގާނޫނުއަސާސީ އިސްލާހުކުރަން ފެންނަ ކަމަށް ލިބުނީ 42 މެމްބަރުންގެ ވޯޓެވެ. އެ ހުށަހެޅުމާ ދެކޮޅަށް ނުވަ މެމްބަރަކު ވޯޓް ދެއްވި އިރު، ހަތަރު މެމްބަރަކު ތިއްބެވީ ވަކި ކޮޅަކަށް ވޯޓު ނުދެއްވަ އެވެ.