twitterviber whatsapp telegramfacebookyoutube instagram
22nd November 2024

އުތުރުގައި މަސްކިރުވޭނެ އިންތިޒާމު ލަސްވާތީ ޔާސިރުގެ ނުރުހުން ޒަހާއަށް

އަބްދުލް ވާހިދު ޙަސަން
May 30, 2020
5

އުތުރުގެ މަސްވެރިން ބާނާ މަސް ކިރުވޭނެ އިންތިޒާމެއް ހަމަނުޖެހި ލަސްވަމުންދާތީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ހިތްހަމަނުޖެހުންފާޅުކޮށްފި އެވެ.

އެޖެންޑާ 19 ގެ ދަށުން މަޖިލީހުން ފާސްކުރި މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް އެކުލަވާލަން ގާނޫނުގައި ބުނެފައިވާ މުއްދަތު ހަމަވެގެން ދިޔައިރު ވެސް ގަވާއިދުތައް ހެދިފައި ނުވާ މައްސަލާގައި، އެކަން ދިރާސާކުރުމަށްފަހު ގަވާއިދު ކޮމިޓީން ހުށަހެޅި ރިޕޯޓަށް ބަހުސް ކުރައްވަމުން ޔާސިރު ވިދާޅުވީ، ސަރުކާރުން މަސްވެރިންނަށްވެފައިވާ ވައުދުތައް ފުއްދުމުގެ ގޮތުން މަޖިލީހުން މަސްވެރިންނާ ބެހޭ ބިލެއް ފާސްކޮށް ރައީސުލް ޖުމްހޫރިއްޔާ އެ ގާނޫނު ތަސްދީގުކޮށް، ފިޝަރީޒް މިނިސްޓްރީއާ ހަވާލުކޮށްފައިވާތީ އެތަކެއް ދުވަސްތަކެއްވެފައިވާ ކަމަށެވެ.

"އެހެންނަމަވެސް މިއަދު މި ބަހުސްކުރެވޭ ރިޕޯޓުން މި ފާހަގަވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުން ހައްދަން ޖެހޭ ގަވައިދުތައް އެ ގާނޫނުގެ 86 ވަނަ މާއްދާގައި ވާގޮތުގެ މަތިން އެއްގޮތަށް ހެދިފައިނުވާކަން. އަދި ވަރަށް ސާފުކޮށް މި އެނގޭ ވާހަކައަކީ މި ރިޕޯޓުން މި ކަންތައްކަށް އެކަމަނާއަށް އިހުމާލުވެފައިވާކަން. އަދި އެކަމަށް އެއްވެސް އުޒުރެއްވެސް ދެއްކިފައިނުވާކަން." މިނިސްޓަރު ޒަހާ ޒިންމާ އަދާނުކުރައްވާކަމަށް ވިދާޅުވެ ވާހަކަދައްކަވަމުން ޔާސިރު ވިދާޅުވި އެވެ.

އުތުރުގެ މަސް ގަންނަ ސެންޓަރުގެ ގޮތުގައި ސަރުކާރުން މީގެ އެތަކެއް އަހަރު ހަމަޖައްސާފައިވަނީ ށ ކީކިމިންޏެވެ. އެހެންނަމެވެސް އެރަށުގައި އެ މަސައްކަތް ނުކުރެވި ގިނަ އަހަރުތަކެއް ވަނީ ފާއިވެގެންގޮސްފައިވެ އެވެ. އެރަށުގައި އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މަޝްރޫހު ވިޔަފާރި ގާސިމް އިބުރާހިމްގެ ހިއްސާ އޮންނަ ކުންފުންޏަކަށެވެ.

ކީކީމިނި މައްސަލައަށް އަލިއަޅުވާލައި ވާހަކަދައްކަވަމުން ޔާސިރު ވިދާޅުވީ، އެކްސްކުލޫސިވް ރައިޓްސްގެ ދަށުން އެރަށް އުތުރުގެ މަސްވެރިން މަސްވިއްކުމަށްޓަކާ ދީފައިވާ އޮންނަތާ މިހާރު އެތަކެއް އަހަރެއްވެފައިވާ ކަމަށެވެ. އެ މައްސަލާގައި މިނިސްޓަރު ޒަހާ މަޖިލީހުގައި މީގެ ކުރިން ވިދާޅުވެފައިވަނީ އެކަން މިނިސްޓްރީން ކުރިއަށްގެންދާ ކަމަށާއި މިހާރު އެޓާނީ ޖެނެރަލް އޮފީހުގެ ލަފަޔަކަށް އެދިފައިވާކަމަށެވެ. އެކަމަކު ކޮމެޓީ ރިޕޯޓްގައި އެކްސްކްލޫސިވް ރައިޓްސްގެ ވާހަކަ ނެތުމުން ކަންބޮޑުވާކަމަށް ޔަސީރު ވިދާޅުވި އެވެ.

"ށ އަތޮޅު ކީކިމިނި މި އެކްސްކުލޫސިވް ރައިޓްސްގެ ދަށުން އަޅުގަނޑުމެން އުތުރުގެ މަސްވެރިން މަސްވިއްކުމަށްޓަކާ ދީފައި އޮންނަތާ އެތަކެއް އަހަރެއް. މިނިސްޓަރު މި މަޖިލީހުގައި އަޅުގަނޑުމެންނަށް ޖަވާބުދެއްވަމުން އެކްސްކުލޫސިވް ރައިޓްސްގެ ވާހަކަ އޮތް ކަމަށް ދަންނަވާފައި. ކޮމެޓި ރިޕޯޓްގައި ފާހަގަވޭ އެ އެގްރިމެންޓްތަކުގައި އެކްސްކުލޫސިވް ރައިޓްސްގެ ވާހަކަ ނެތްކަމަށް. މިއަދު އަޅުގަނޑުމެން މަސްވެރިންގެ ވާހަކަ ދައްކަވާއިރު ހަގީގަތުގައިވެސް އަޅުގަނޑުމެން އެބަދެރަވޭ." ޔާސިރު ވިދާޅުވި އެވެ.

"އަޅުގަނޑު ދައްނަވާލަން ބޭނުންވާ ވާހަކައަކީ އުތުރުގެ މަސްވެރިންގެ ވާހަކަ އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން. އަޅުގަނޑުމެންނަށް ވަކިން ހާއްސަކޮށް ހދ އަތޮޅުގައި މަސްވެރިކަން މިހާ ދަށަށްގޮސްފައިމިވަނީ އެއްވެސް ވަރަކަށް އަޅުގަނޑުމެންނަށް އަޅާނުލެވިގެން." އެމްޕީ ޔާސިރު ވިދާޅުވި އެވެ.

ޔާސިރު ވިދާޅުވީ، ހަމައެކަނި މިވަގުތުގައިވެސް ކުޅުދުއްފުށީގައި މަހަށް ފުރާ 8 ދޯނިއެބަތިބި ކަމަށާ އެ ދޯނިތަކުގައި 78 ފަރާތްތަކުން މަހަށްދާ ކަމަށެވެ. އަދި މިވަގުތު 20 ކުދި އުޅަނދުގައި މަހަށް ފުރާ ކަމަށާއި އެއީ އެއިން ކޮންމެ ކުޑަ އުޅަނދެއްގައި ވަރަކަށް މީހުން މަހަށްދެ އެވެ. އެއީ ގާތްގަނޑަށް 60 އަކަށް އާއިލާކަމަށް ޔާސިރު ވިދާޅުވި އެވެ. އެހެންނަމަވެސް މިފަރާތްތަކަށް މަސްވިއްކޭނެ ގޮތެއް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުގައި މިހާ ހިސާބަށް އައިއިރުގައި މަސްވެރިންނަށްޓަކާ މި މަޖިލީހުން ފާސްކުރި ގާނޫނުގެ ދަށުން ފިޝަރީޒް މިނިސްޓްރީއަށް އެއްވެސް ކަމެއް ކުރެވިފައިނުވާކަމާއި އެކަމާ ހިތާމައާއެކު ފާހަގަކުރާ ކަމަށެވެ.

"އަޅުގަނޑު މިދަންނަވާލަން ބޭނުންވާ ވާހަކައަކީ އަޅުގަނޑުމެން ވެރިކަމަށް އަންނައިރުގައި މިދައްކާ ވާހަކަތައް ތަންފީޒުކުރެވޭނެ މިނިސްޓަރުން އެބަތިބެން ޖެހޭ. އަޅުގަނޑުމެން އެޖެންޑާ 19 ގެ ދަށުން މަސްވެރިންނަށް ވަރަށް އިސްކަމެއްދީގެ ރަނގަޅު ގާނޫނެއް އެކުލަވާލެވުނުކަމަށް ގަބޫލުކުރަން." ޔާސިރު ވިދާޅުވި އެވެ.

ސަރުކާރަށް އަންނައިރުގައި އެ ދައްކާ ވައުދުތައް ނުފުއްދޭ އަދި ރައީސުލް ޖުމްހޫރިއްޔާ އަންގައި އެންގުންތައް ތަންފީޒުނުކުރެވޭ އަދި މި މަޖިލީހުން ދިވެހި ރައްޔިތުންނަށްޓަކާ ހަދައި ގާނޫނުތައް ތަންފީޒުނުކުރެވޭނެ މިނިސްޓަރެއް ބޭނުން ނޫންކަމަށްވެސް ޔާސިރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355