twitterviber whatsapp telegramfacebookyoutube instagram
25th April 2024

ނުގަވައިދުން އުޅޭ ބިދޭސީން ޓޫރިޒަމް ސިނާއަތުގައި އުޅޭނަމަ ފިޔަވަޅު އަޅަނީ

Jun 1, 2020
1

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޓޫރިޒަމް ސިނާއަތުގެ މަސައްކަތްތަކުގައި ބޭނުންކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ އެ ސިނާއަތުގައި އުޅޭ އޮޕަރޭޓަރުންގެ އިތުރުން ޑިވެލޮޕަރުންގެ މަސައްކަތްތަކުގައި ބޭނުންކުރާ ބިދޭސީންގެ އަތުގައި ގާނޫނާއި ގަވާއިދުތަކުގައި ބަޔާންކުރާ ލިޔެކިޔުން ހުރިތޯ ބަލަން ޖެހޭނެ ކަމަށެވެ.

އަދި ޓޫރިޒަމްގެ އެކި މަސައްކަތްތަކުގައި ބޭނުންކުރާ ބިދޭސީންގެ ވޯކްޕާމިޓް އޮތްތޯ ބެލުމަށް މިހާރު ހިދުމަތް ދެމުންދާ ތަންތަނާއި އަލަށް ފަށައިގަންނަ ތަންތަނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ގަވާއިދާ ހިލާފަށް ބިދޭސީން އުޅޭ މައްސަލަ ބޮޑުވެފައިވާއިރު، ކޮވިޑް19އާ ގުޅިގެން ލޮކްޑައުން ކުރުމުގެ ކުރިން އިކޮނޮމިކް މިނިސްޓްރީން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް ހާއްސަ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

އެ ޕްރޮގްރާމުގެ ދަށުން 43،000 ވަރަކަށް ބިދޭސީން ގަވާއިދުގެ ތެރެއަށް ވައްދާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ހިލާފަށް އުޅޭ ބިދޭސީން ގައުމަށް ފޮނުވާލުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

ވޯކް ޕާމިޓް ނެތް ބިދޭސީންނަށް ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި މަސައްކަތް ނުކުރެވޭނެ ކަމަށާއި އެ ފުރުސަތު އެއްވެސް ކުންފުންޏަކަށް ނުލިބޭނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވެސް މިފަހުން ވަނީ ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355