ފުލުހުންގެ ތަރުޖަމާނަކަށް މިހާތަނަށް ހުރި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު އެ މަގާމުން ވަކިކޮށް، އެ މަގާމަށް ވަގުތީ ގޮތުން ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު ހަމަމަޖައްސަވައިފި އެވެ.
ފުލުހުން ބުނީ މިއަދުން ފެށިގެން ފުލުހުންގެ ތަރުޖަމާނުކަމުގެ މަގާމާއި ވަގުތީ ގޮތުން ޗީޕް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހާއި ހަވާލުކޮށްފައިވާ ކަމަށެވެ. މި ބަދަލާއެކު ޕޮލިސް މީޑިއާ ސެންޓަރުގެ މީޑިއާ ރިލޭޝަންސް އޮފިސަރގެ ހައިސިއްޔަތުން ދުވަހުން ދުވަހަށް މީޑިއާއަށް މައުލޫމާތު ދިނުމުގައި ހަރަކާތްތެރި ވާނީ ފުލުހުންގެ ޗީޕް ސްޓޭޝަން އިންސްޕެކްޓަރ އާތިފާ ހަސަންކަމަށެވެ.
ފާއިތުވެގެން ދިޔަ ދޮޅު އަހަރެއްހާ ދުވަހު ފުލުހުންގެ ތަރުޖަމާނުގެ މަޤާމާއި ޙަވާލުވެ ހުންނެވި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ އަށް ނޫސްވެރިން ދެއްވި އެއްބާރުލުމަށާއި ބެހެއްޓެވި ގާތްކަމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި ފުލުހުންނާއި މީޑިއާތަކާއި އޮންނަ ގުޅުން ހަރުދަނާކޮށް ކުރިއެރުވުމަށް އިޒްމިއާ ކުރައްވާފައިވާ އަގުހުރި މަސައްކަތައް ޝުކުރު އަދާކޮށްފަ އެވެ.
ފުލުހުން ބުނީ މިހާރެކޭ އެއްގޮތަށް ދުވަހުން ދުވަހަށް ބޭނުންވާ މައުލޫމާތު ހޯދުމަށް މީޑިއާ އޮފިޝަލުންނަށް ގުޅައިގެން ކުރިޔަށް ގެންދެވޭނެ ކަމަށެވެ. އަދި މި ގެނެވުނު ބަދަލަކީ އާންމު އުސޫލުގެ މަތީން އިދާރީ ގޮތުން ގެނެވުނު ބަދަލެއް ކަމަށެވެ.