ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ރޭ ފާސްކޮށްފި އެވެ.
ރޭ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ދެ ވަނަ ޖަލްސާގައި ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 74 މެންބަރުންގެ ވޯޓުންނެވެ.
ކޮވިޑް-19 އާ ގުޅިގެން މިދިޔަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްތަކުގެ އިންތިހާބު ވަނީ ފަސް ކުރެވިފަ އެވެ. މިހާރު ތިބި ކައުންސިލްތަކުގެ މުއްދަތު މާދަމާއަށް ހަމަވާތީ އެކަމަށް ހައްލެއް ގެނައުމަށް ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ 5 ވަނަ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމެވެ.
މުޅި މަޖިލީހުގެ ކޮމެޓީން ބިލު ދިރާސާކުރުމަށްފަހު، އެ ބިލްގެ އެއް ވަނަ މާއްދާ އުނި ކުރުމަށްފަހު ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް ދެ އަކުރު އިތުރުކުރުމަށް ވަނީ ފާސްކޮށްފަ އެވެ. އެ ދެ ހުށަހެޅުން ވެސް ހުށަހަޅާފައިވަނީ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.
މި ބިލުގެ ބަހުސް މަރުހަލާގައި މި ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ކުރެވޭނެތޯ މެންބަރުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުން ތަކާއެކު މަޖިލީހުން ވަނީ މިކަމުގައި އިސްތިޝާރީ ލަފަކަށް ސުޕްރީމް ކޯޓުގައި އެދިފަ އެވެ.
ސުޕްރީމް ކޯޓުން ލަފާދީފައި ވަނީ ގާނޫނު އަސާސީ އިސްލާހުކުރުމަށެވެ. އަދި މަޖިލީހުން ބިލުގެ މަސައްކަތް ނިންމާފައި ވަނީ ވެސް ސުޕްރީމް ކޯޓުން ދިން ލަފަޔާ އެއްގޮތަށެވެ.