twitterviber whatsapp telegramfacebookyoutube instagram
18th April 2024

ތިބާގެ މައިންބަފައިން - ތިބާ ޖަންނަތަށް ވާސިލްކޮށްދޭނެ މަގެއް

އަހުމަދު ހާމީ
Jun 5, 2020
3

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރައްވާފައި ވެއެވެ.

عَنْ مُعَاوِيَةَ بْنِ جَاهِمَةَ السَّلَمِيِّ أَنَّ جَاهِمَةَ جَاءَ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ يَا رَسُولَ اللَّهِ أَرَدْتُ أَنْ أَغْزُوَ وَقَدْ جِئْتُ أَسْتَشِيرُكَ فَقَالَ هَلْ لَكَ مِنْ أُمٍّ قَالَ نَعَمْ قَالَ فَالْزَمْهَا فَإِنَّ الْجَنَّةَ تَحْتَ رِجْلَيْهَا

މާނައީ: "މުޢާވިޔަތު ބިން ޖާހިމާ އައްސުލަމީ ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަރިހަށް ވަޑައިގެން ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނުގެ އަރިހަށް ތިމަން މިއައީ ހަނގުރާމައަށް ދިޔުމަށް ޤަޞްދުކުރާތީ، އެކަމުގައި ކަލޭގެފާނުގެ ލަފާފުޅަކަށް ބޭނުންވެގެންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ތިބާގެ މަންމަ ދުނިޔޭގައި އެބަ އިން ހެއްޔެވެ. ތިމަން ދެންނެވީމެވެ. އާދޭހެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. އެހެންވިއްޔާ މަންމައަށް ޚިދުމަތް ކުރުމުގައި ތިބާ ދެމިހުންނާށެވެ! ފަހެ، ހަމަކަށަވަރުން ސުވަރުގެ ވަނީ މަންމަގެ ފައިތިލަ ދަށުގައެވެ."

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ވަރަށް ގިނަ ޙަދީޘްތަކުން އެނގެން އެބައޮތެވެ. އޭގެ ތެރެއިންވެސް މަތީގައި ބަޔާންކޮށްފައިވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ވަރަށް ވެސް ހާއްސައެވެ. އެހެނީ އެ ޙަދީޘުން ތިބާއަށް ޖަންނަތަށް ދިޔުމަށް ތަނަވަސްވެފައިވާ މަގެއް ދައްކައިދީފައިވެއެވެ. އަދި ކިއެއްތަ، މިހަދީޘުން ތިބާ މައިންބަފައިންނަށް ކަމޭހިތުމުގެ މުހިއްމުކަން ވިސްނައިދެއެވެ. މައިންބަފައިންނަށް ކަމޭހިތައި ހެޔޮކޮށް އަމަލުކުރުމަށް ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި މާތްﷲ އަންގަވާފައިވެއެވެ.

އާދެ! ރެޔާއި ދުވާލު އަޅުގަނޑުމެންގެ ތެރެއިން އެއްބަޔަކު މަސައްކަތް ކުރަނީ މާދަމާ ޤިޔާމަތް ދުވަހުން ސުވަރުގެ ހާސިލް ކުރުމުގެ ބޭނުމުގައެވެ. ދެންތިބި މީހުންވެސް ބޭނުންގޮތަކަށް އުޅެމުން ދިޔަ ނަމަވެސް، އެމީހަކަށް ބޮޑުކަމެއް ދިމާވުމުން ކުރެވުނު ކަންތަކާ ދެރަވެ ސުވަރުގޭގެ ނިޢުމަތަށް އެދި ދަންނަވައެވެ. ވުމާއެކު، މައިންބަފައިންގެ ހައްގުތަށް ފުރިހަމައަށް އަދާކުރުމަށް އަވަސްވެ ގަންނަމާތޯއެވެ. އެމީހުންނަށް ދެރަކޮށް ހިތައި ހިތުގައި ޖެއްސިފައިވާނަމަ، މަޢާފަށް އެދޭށެވެ. އެއަށްފަހު، މައިންބަފައިންނަށް ކަމޭހިތުމަށް އަލުން އާފެށުމަކުން ފަށަމާތޯއެވެ. މިދުނިޔެއަކީ ވަގުތީ މަންޒިލެކެވެ. ތިބާގެ މައިންބަފައިން މާދަމާވެސް ދުނިޔެއިން ވަކިވެދާނެއެވެ. ނޫނީ ތިބާ އެދެމީހުންނާ ވަކިވާން ޖެހިދާނެއެވެ. ވަގުތު އޮއްވާ އަވަހަށް މަސައްކަތް ފަށާމާހެވެ.

މައިންބަފައިންގެ ހައްގުތައް:

މައިންބަފައިންގެ ހައްގުތައް ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްތަކުންނާ ޢަމަލުފުޅުން އަޅުގަނޑުމެންނާ ހަމަޔަށްވަނީ ވަރަށް ސާފުކޮށް އައިސްފައެވެ. މީގެ ތެރެއިން ކީރިތި ޤުރުއާނުގެ އަލްއިސްރާ ސޫރަތުގެ 23 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ.

"އެކަލާނގެއަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނު ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެދެމީހުންކުރެ އެކަކު، ނުވަތަ އެދެމީހުން ތިބާގެ ގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުއްފުވެސް ނުބުނާށެވެ! (އެބަހީ ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!"

މައިންބަފައިންގެ ހައްގުތައް ފުރިހަމައަށް އަދާ ނުކުރާ މީހާއަށް ދުނިޔެ އާއި އާޚިރަތުގައިވެސް ކާމިޔާބެއް ނުލިބޭނެއެވެ. ސުވަރުގެ އެދޭ ހާލު ތިބާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ކުރެވިދާނެ ބައެއްކަންތައް:

1. އެމީހުންގެ ޚިޔާލާއި ވާހަކަތައް އަޑުއެހުން
2. އެއްވެސް ކަމަކާ ގުޅިގެން އަޑުހަރުކޮށް ބާރަށް ވާހަކަ ނުދެއްކުން
3. އެމީހުން ކޮޅަށް ހުއްޓައި ތިބާ އިށީނދެ ނުތިބުން
4. އެދެމީހުން ވާހަކަ ދައްކަމުން ދަނިކޮށް އުނދަގޫވާގޮތަށް ކަންތައް ނުކުރުން
5. ރިވެތި ބަހުން ލޯތްބާއި ކުލުނާ މަޑުމައިތިރިކޮށް އެމީހުންނަށް މުޚާތަބުކުރުން
6. ރުޅި އައިސްގެން ތިބެ އެދެމީހުންނަށް ނުބެލުން
7. ދުނިޔޭގައި ނެތްނަމަ އެމީހުންނަށް ފައިދާ ލިބޭނެ އަމަލުކުރުން
8. އެދެމީހުންނަށް ހެޔޮ ދުޢާ ކުރުން

ނިންމާލުމުގެ ކުރިން މައިންބަފައިންނަށް ކުރުމަށް ޚާއްސަ ދުޢާއެއް، ތިބާއަށާއި އަޅުގަނޑުގެ ފައިދާއަށް ހިމަނާލަމެވެ. ކީރިތި ޤުރުއާނުގެ އަލްއިސްރާ ސޫރަތުގެ 24 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ މިދުޢާގައިވަނީ:

رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا

ކުޑަ ކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެދެމީހުންނަށް ރަޙްމަތް ލައްވައިފާނދޭވެ!) އާމީން.

ނޯޓް: ލިޔުމުގައި ހިމަނާފައިވާ ޤުރުއާނާއި ހަދީޘްތައް، ނަކަލު ކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައިވާ ލިޔުންތަކުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355