twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ޖަޕާނުން އަނެއްކާވެސް 86.4 މިލިއަން ރުފިޔާގެ ބޮޑު އެހީއެއް

ނަބީލާ އިސްމާޢީލް
Jun 7, 2020

ޖަޕާނު ސަރުކާރުން ރާއްޖެ އަށް އަނެއްކާވެސް 86.4 މިލިއަން ރުފިޔާގެ ބޮޑު އެހީ މިއަދު ދީފި އެވެ.

ރާއްޖެއަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓް ގަތުމަށް ޖަޕާނުން ރާއްޖެއަށް ދޭ 600 މިލިއަން ޖަޕަނީޒް ޔެން (86.4 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެހީގެ އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޖަޕާނުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ އެހީގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް، 10 ބެޑް ސައިޑް އެކްސްރޭ މެޝިނާއި 65 ބެޑްސައިޑް މޮނީޓަރާއި 19 ޕޯޓަބަލް އަލްޓްރާ ސައުންޑް އިމޭޖް ސިސްޓަމާއި، 200 އޮޓޮމޭޓެޑް އެކްސްޓާނަލް ޑިފިބްރިލޭޓާސް އަދި 160 ސިރިން ޕަމްޕް ހޯދުމަށް ހަމަޖެހިފައިިވާ ކަމަށެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވަނީ ކޮވިޑް19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ބައިނަލްއަގްވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، އެ އެއްބާރުލުން ޖަޕާނުން ލިބޭނެކަމަށް ވިދާޅުވެފައެވެ.

ކޮވިޑާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ޖަޕާނުން ދީފައިވާ ދީލަތި އެހީތެރިކަމަށް މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ޖަޕާނުން ވަނީ ޔުނިސެފް މެދުވެރިކޮށް 5.6 މިލިއަން ރުފިޔާ، މޯލްޑިވްސް ރެޑް ކްރެސެންޓް މެދުވެރިކޮށް 2.9 މިލިއަން ރުފިޔާގެ އެހީއެއް އަދި ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް، ޔޫއެންޑީޕީ މެދުވެރިކޮށް، ކުދި ވިޔަފާރިތަކަށް އެހީވުމަށް 21.5 މިލިއަން ރުފިޔާގެ އެހީ ވަނީ އެ ގައުމުން ދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355