ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އިދިކޮޅު ޕާޓީތަކުގެ މެންބަރުން އެހެންޔާވެސް އާންމުކޮށް ވަގުތަށް ޖަލްސާއަށް ވަޑައި ނުގަންނަވާ ކަމަށާއި އެހެންކަމުން މިއަދުގެ ޖަލްސާއަށް ވެސް އެ މެންބަރުން ވަޑައިގެންފައި ނުވާ ކަން ފާހަގަ ނުކުރެވުނު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މި މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު، އަހްމަދު ޝިޔާމު ތަޅުމުން ބޭރުކުރުމަށް އެމްޑީޕީގެ ބައެއް މެމްބަރުން އަމަލުކުރި ގޮތުން، މަޖިލީހުގައި އިދިކޮޅު މެމްބަރުންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު، ގާނޫނީ ޒިންމާ އަދާކުރެވޭނެ މާހައުލެއް އޮތްކަމަށް ނުފެންނާތީ، އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އިދިކޮޅު ކޯލިޝަންގެ މެމްބަރުން ބައިވެރި ނުވާނެކަން އެންގިއެވެ.
އެ ޖަލްސާގައި ޝިޔާމްގެ ނަން ރައީސް ނަޝީދު އިއްވި ނަމަވެސް ޖަލްސާ ދޫކުރައްވަން ޝިޔާމް ދެކޮޅު ހެއްދެވި އެވެ. ތަޅުމުން ޝިޔާމް ނެރުނީ އެމްޑީޕީގެ މެންބަރުންތަކެއް އޭނާ ހިފައިގަނެގެން ގެންގޮހެވެ. އެކަމުގެ ތެރޭގައި ޝިޔާމަށް އަނިޔާވުމުން އޭނާ ވަނީ އެ މައްސަލަ ފުލުހަށް ވެސް ރިޕޯޓްކޮށްފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތް އެއް ކަމަކީ ވ. ފުލިދޫ ގިރަމުންދާތީ އެކަމުގައި ކުރެވެން ހުރި ކަންކަން ކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައި ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ފަޒުލް ރަޝީދު ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރެއްވުމެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން މަޖިލީހުގެ ރައީސް ވިދާޅުވީ ފަޒުލްއާއި އެހެން ދެތިން މެމްބަރަކު މަޖިލީހަށް ވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް އެއީ އާންމުކޮށް ވެސް އެހެން އުޅުއްވާ އިއްޒަތްތެރި މެމްބަރުންނަށް ވާތީ އެކަން ފާހަގަ ނުވަނީ ކަމަށް ވެދާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މިދިޔަ ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހު ފުރަތަމަ ކިޔުން އިއްވާފައިވާ އެ ގަރާރުުގެ މިއަދު ތަޅުމަށް ހުށަހެޅެން ނެތް ކަމަށެވެ. އަދި މެމްބަރު ފަޒުލް މިއަދުގެ ޖަލްސާއަށް ސަލާމް ވިދާޅުވެ، އެކަން މަޖިލީހުގެ އިދާރާއަށް އަންގާފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ގަރާރު ހުށަހަޅުއްވާ މެމްބަރު ޖަލްސާގައި ނެތް ނަމަވެސް، ބައެއް ފަހަރު އެ ޕާޓީގެ އެހެން މެމްބަރަކު ގަރާރު ހުށަހަޅުއްވައިގެން މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އަދި މެމްބަރު މަޖިލީހުގައި ވަޑައިގެން ނެތް ނަމަވެސް، ފުލިދޭ ގިރަމުންދާ މައްސަލަ، އެރަށު ރައްޔިތުންނަށް އޮޅޫންފިލުވައިދެއްވާނެ ކަމަށާއި އަދި އެކަމަށް ކުރެވެން ހުރި މަސައްކަތްތައް ކޮށްދެއްވާނެ ކަމަށެވެ.
ރައީސް ނަަޝީދު ވިދާޅުވީ، އެ އިއްޒަތްތެރި މެންބަރުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ މަޖިލީހުގެ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށާއި އެއީ އެ މެންބަރުން ތަމްސީލު ކުރައްވާ ދާއިރާގެ ރައްޔިތުން ވެސް ބޭނުންވާނެ ގޮތްކަމަށެވެ.