twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމަށް ހިންގާ އޮޕަރޭޝަން ބަޔަކު "ފަނިކޮށްލައިފި"

އަބްދުލް ވާހިދު ޙަސަން
Jun 20, 2020
2

ކުޅުދުއްފުށީގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދައި އެ މީހުން އަނބުރާ ގައުމަށް ފޮނުވާލުމަށް ފަށާފައިވާ އޮޕަރޭޝަން ފެއިލްކޮށްލުމަށް ބަޔަކު މަސައްކަތްކޮށްފި އެވެ.

ގަވައިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންގެ މައްސަލަ ބޮޑުވީ ކޮވިޑް-19 އާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ސަބަބުން، އެ މީހުން ކުރަމުންދިޔަ މަސައްކަތް ހުއްޓި، އަދި އެ މީހުން ގެންގުޅެމުންދިޔަ ދިވެހިން އެ މީހުން ވަޒީފާތަކުން ވަކިކޮށް، މަގުމަތި ކޮށްލުމުގެ ސަބަބުންނެވެ. އެހެންވުމުގެ ސަބަބުން ގަވައިދާ ހިލާފަށް އުޅެމުންދިޔަ ގިނަ ބިދޭސީތަކެއް ހާލުގައި ޖެހި ކާނެ އެއްޗެއްސާއި ޒަރޫރީ ބޭނުންތަކަށް ދިޔައީ ރަށުގެ ތެރޭގައި ސަލާން ޖަހަމުންނެވެ.

އެކަމަށް ހައްލު ހޯދުމަށް ކައުންސިލުން އިސްނަގައިގެން އެކޮނޮމިކް މިނިސްޓްރީއާއެކު ކުރި މަސައްކަތުން ކުޅުދުއްފުށީގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ފެށި އެވެ. އެގޮތުން ފުރަތަމަ ބުރުގައި 13 އަދި ދެވަނަ ބުރުގައި 33 ބިދޭސީއަކުން ވަނީ ގައުމަށް ފޮނުވާލާފައި އެވެ.

ކުޅުދުއްފުށީގައި ހުރި މުވައްސަސާތަކާ ގުޅިގެން ވަރަށް ކާމިޔާބުކަމާއެކު މި ޕްރޮގުރާމު ކުރިއަށްގެންދަން ފެށުމުން ގަވައިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތްކުރަމުންދާ ދިވެހިންނަށް މިކަންވީ ހަޖަމްކުރަން ދަތިވި ކަމަކަށެވެ. އެހެންވުމުން އެކަމަށް ހުރަސް އެޅޭތޯ ދިޔައީ މަސައްކަތްކުރަމުންނެވެ. އެގޮތުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ލައްވައި މަސައްކަތްކުރާ ބައެއް މީހުން ބުނަމުންދިޔައީ އެ މީހުންގެ މަސައްކަތްތަކުގައި އުޅެމުންދާ ބައެއް ބިދޭސީން ގައުމަށް ފޮނުވާލުމަށް މާލެ ގެންދަނީ އެ ބިދޭސީންނާއި ހަވާލުވާނެ ދިވެހިން ތިއްބަ ކަމަށެވެ.

އަދި ބައެއް މީހުން ބުނެފައިވަނީ ކައުންސިލުން މާލެ ފޮނުވާލި ބިދޭސީންގެ ތެރޭގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއްދީ، އެ މީހުން ރެޖިސްޓަރީ ވާން ސަރުކާރުން ހުޅުވާލި ފުރުސަތުގެ ބޭނުންކޮށް ރެގިއުލޭޝަން ޕްރޮގުރާމް ފުރިހަމަކޮށްފައިވާ ބިދޭސީންވެސް ތިބި ކަމަށެވެ. ކޭއޯއަށް އެނގިފައިވާ ގޮތުގައި އެކަމުގެ ޝަކުވާ ވަނީ މިނިސްޓްރީއާ ހަމައަށް ގެންގޮސްފައި އެވެ. އެހެންވުމުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމަށް ކުޅުދުއްފުށީގައި ކުރިއަށްގެންދާ މަސައްކަތް މިހާރު އޮތީ ކޮންމެވެސް ވަރަކަށް މަޑުޖެހުމެއް އައިސްފައި އެވެ.

ކައުންސިލުންގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، މިކަން ކުރަމުންދަނީ ހަމައެކަނި ކައުންސިލުން ނޫން ކަމަށާ މި ޕްރޮގުރާމް ކުރިއަށްދަނީ އެކޮނޮމިކް މިނިސްޓްރީ އާއި ކައުންސިލާއި އަދި ކަމާ ގުޅުން ހުރި މުވައްސަސާތަކާއި ޓާސްކް ފޯސްގައި ހިމެނޭ މުވައްސަސާތަކުގެ ވެރިންގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ކަމަށެވެ. އެހެންވުމުން މިކަމުގައި އޮޅުވާލުމުގެ އެއްވެސް ފުރުސަތެއް އެއްވެސް ބަޔަކަށް ނޯނާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ އޮޕަރޭޝަން އޮތީ މިހާރު ހުއްޓިފައި ތޯ ސުވާލުކުރުމުން ލަތީފް ވިދާޅުވީ، އެކަން ހުއްޓުނީކަމަށް ނުބަލަން ކަމަށެވެ. " އަދި މިދަނީ ސަރުކާރާ މަޝްވަރާކުރަމުން ކުރިއަށްދެވޭނެ ގޮތްތަކަކާ ބެހޭ ގޮތުން. އެހެންވީމަ އަދި ހުއްޓިފައިއެއް ނޫން އޮތީޔެއް." ލަތީފް ވިދާޅުވި އެވެ.

އެކަމަކު ލަތީފް ވިދާޅުވީ، ކުރިން އެގެންދިޔަ ރޫޓުން ފަހަރެއްގައި އެކަން ނުގޮސްދާނެ ކަމަށާ އެހެންނަމަވެސް ބޭނުންވާ މަޤުސަދު ހާސިލުކުރެވޭނެކަމަށް އެކޮނޮމިކް މިނިސްޓްރީ ބުނެފައިވާ ކަމަށެވެ.

" އެކަމުގައި ރޭގައިވެސް މިނިސްޓްރީއާ ވަނީ ވާހަކަދެކެވިފައި. ދެން މި ހަފްތާއަށް ބަލާފައި ސީދާ ހުއްޓުނީކަމަށް އަޅުގަނޑަށް ދެންނެވޭނީ. " ލަތީފް ވިދާޅުވި އެވެ.

"ޖުމްލަ ގޮތެއްގައި ހުރިހާ ރައްޔިތުންގެ ފަރާތުންވެސް އެއްބާރުލުން ލިބުނު. އެ އޮޕަރޭޝަން ކުރިއަށްގެންދާ ގޮތާމެދު ހިތްހަމަނުޖެހިގެން ޝަކުވާ އައީ އެންމެ ފަރާތްތަކުން. އެންމެ ފަރާތްތަކުން ޝަކުވާކުރުމަކީ މައްސަލައެއް ނޫން. އެއްވެސް ކަމެއް ނޯނާނެ ހުރިހާ އެންމެ އެއްބަސްވާ ގޮތެއް. ދެން އަނެއްކާ އެ ފަރާތުން އެ ކުރި ޝަކުވާއަކީ އަޅުގަނޑުމެންނަށް އެހާ ބަލައިގަނެވޭނެ ޝަކުވާއެއްވެސް ނޫން." ލަތީފް ވިދާޅުވި އެވެ.

އެކޮނޮމިކް މިނިސްޓްރީން ކައުންސިލަށް ފޮނުވާ ލިސްޓްގައި ނުހިމެނޭ އެއްވެސް ބިދޭސީއަކު މާލެ ފޮނުވާލާފައެއް ނޯނާނެކަމަށް ލަތީފް ތަކުރާރުކޮށް ޔަގީންކޮށްދެއްވި އެވެ.

އެ އޮޕަރޭޝަން ކުރިއަށްދާ ގޮތް އިތުރަށް ސާފުކޮށްދެއްވަމުން ލަތީފް ވިދާޅުވީ، މިނިސްޓްރީ އަންގާފައިވާ ގޮތަށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު ޓާސްކް ފޯސްއިން ހޯދުމަށްފަހު އެ މައުލޫމާތުތައް ކަށަވަރުކުރުމަށް ފޮނުވަނީ އެކޮނޮމިކް މިނިސްޓްރީއަށް ކަމަށެވެ.

"އަލުން އަނެއްކާވެސް މިނިސްޓްރީން އެ ލިސްޓް ފޮނުވުމުން، އެ ލިސްޓްގައި ހިމެނޭ މީހުން ހޯދައި އެމީހުން މި ފޮނުވާލަނީ. އެ ލިސްޓުން މީހަކު އުނިކުރަން އަންގައިފިނަމަ އެކަންވެސް ކުރަން. މަގުމަތީގައި ސަލާން ޖަހާއިގެންވެސް އެބައުޅޭ ބިދޭސީން، އެ މީހުން ނުފޮނުވިގެންވެސް އަދި މިއުޅެނީ މިނިސްޓްރީން ފޮނުވާ ލިސްޓަކަށް މީހުން ނަގަމުންދާތީ." އެމްޑީޕީއަށް ނިސްބަތްވާ ލަތީފް ވިދާޅުވި އެވެ.

ގަވައިދުތަކުގެ ތެރެއިން ވަރަށް ގިނަ މީހުން ބިދޭސީން ގެނެސްގެން ރަށުގައި މަސައްކަތްކުރަމުންދާ ކަމަށާ އެއީ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް މިހާރު ކުރެވޭނީ އެ މީހުން ބޭނުންކޮށްގެން ކަމަށްވާތީކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ގަވައިދުގެ ތެރޭގައި ހުރި އެއްވެސް ބިދޭސީއަކު ފޮނުވާލަން ކައުންސިލުން މަސައްކަތްކޮށްފައިނުވާނެކަމަށް ލަތީފް ވިދާޅުވި އެވެ.

މިކަމުގައި އެކޮނޮމިކް މިނިސްޓްރީގެ ކޮމެންޓެއް ހޯދުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ނުވެފައި އެވެ.

ކޭއޯއަށް އެނގިފައިވާ ގޮތުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީގެ ކަންކަން ބެލުމަށް ގާއިމުކޮށްފައިވާ އޮފީހެއްގެ ޒިންމާދާރު މަގާމެއް ހުރި މުވައްޒަފެއްގެ އާއިލީ ވިޔަފާރިއެއްގައި އުޅުނު ބިދޭސީއެއް ފޮނުވާލައިގެން އެ މައްސަލަ ވަނީ މިނިސްޓްރީއާހަމައަށް ގޮސްފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355