ކުޅުދުއްފުށީ ސިޓީގައި އަންނަ ހަފްތާގެ ތެރޭގައި ކޮވިޑްއަށް ޓެސްޓު ކުރަން ފެށުމަށް ތައްޔާރު ވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު ވިދާޅުވީ މިހާރު ކޮވިޑް-19ށް ރާއްޖޭގައި ދުވާލަކު 1000 ށްވުރެ ގިނަ ޓެސްޓު ހެދޭ ކަމަށެވެ. ކުޅުދުއްފުށީގައި އަންނަ ހަފްތާ ޓެސްޓް ހެދޭނެކަން ރައީސް ފާގަހސގަ ކުރައްވާފައިވާއިރު އައްޑޫގައި މިމަހުގެ 21 ވަނަ ދުވަހު ވަނީ ޕީސީއާރް ޓެސްޓު ހަދަން ފަށާފައެވެ.
އައްޑޫ ސިޓީއަކީ މާލެ ސިޓީ ފިޔަވަ ރާއްޖޭގައި ކޮވިޑަށް ޓެސްޓު ކުރެވޭ ފުރަތަމަ ސިޓީއެވެ. މާލޭގައި ކޮވިޑް-19ށް ޓެސްޓު ކުރަމުންދަނީ އައިޖީއެމްއެޗްގެ ނެޝަނަލް ރިފަރެންސް ލެބޯރަޓަރީގަ އާއި އޭޑީކޭގެ އިތުރުން ފުލުހުންގެ ލެބޯރަޓަރީގައެވެ.
އައްޑޫ ސިޓީގައި ދުވާލެއްގެ މައްޗަށް 100 ޓެސްޓު ހެދޭނެ ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19ށް ޝައްކުވެގެން ފުރަތަމަ ނެގި ހަތް މީހުންގެ ސާންޕަލް ވެސް ޓެސްޓު ކުރުމަށް ފޮނުވީ ރާއްޖެއިން ބޭރަށް ކަމަށެވެ. ނަމަވެސް ކުރެވުނު ގިނަ މަސައްކަތްތަކުން ބޮޑެތި ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮވިޑް-19 އަށް ދެ ބާވަތެއްގެ ޓެސްޓެއް ހަދާއިރު، ފުރަތަމަ ހަދާ ޓެސްޓަކީ ސްކްރީނިން ޓެސްޓެވެ. ސްކްރީނިން ޓެސްޓަކީ ވަރަށް އަވަހަށް ނަތީޖާ ލިބޭ ޓެސްޓެކެވެ. އެ ޓެސްޓުން ބަލަނީ ކޮވިޑް-19 ހުރިތޯ ނުވަތަ ނޫންތޯ އެވެ. ނަމަވެސް އެ ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވެއްޖެނަމަ ޖެނެޓިކް ޓެސްޓެއް އިތުރަށް ހަދައެވެ. މި ޓެސްޓު ކުރެވިގެންދަނީ ވައިރަސްގެ އާރްއެންއޭ ނުވަތަ ޑީއެންއޭ ހުރިތޯ ބަލާށެވެ.