ކޮވިޑް-19 އާއެކު ރަށްރަށުގައި އެކުލަވައިލި ޓާސްކް ފޯސްތަކަށް ކުރިމަތިވި އެއް ގޮންޖެހުމަކަށްވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކެވެ. ވަޒީފާތަކުން ވަކިކުރުމުންނާއި ދުވަހު މަސައްކަތް ނުލިބުމުގެ ސަބަބުން ކާނެ އެއްޗެއް، ވަންނާނެ ބޯހިޔާވަހިކަމެއް ހޯދުމަށް ގިނަ ބިދޭސީން ދިޔައީ ރަށުތެރޭގައި ސަލާން ޖަހަމުންނެވެ.
ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދާ ކުޅުދުއްފުށީ ކަހަލަ ރަށްރަށުގައި މިމައްސަލަ ދިޔައީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. ބަގްލަދޭޝްއަށް ނިސްބަތްވާ، މުހައްމަދު މިލޮން ހުސެއިން (27އ) އާއި އިގްބާލު ހުސެއިން (28އ)، ކޮވިޑާއެކު ކުރިމަތިވީ ވަރަށް ދެރަ ގޮތެކެވެ. އެ ދެ މީހުން ކުޅުދުއްފުށީ ވެލިގަނޑުގައި އަޅަން ފަށާފައިހުރި ރޯހައުސްތަކުގައި ދިރިއުޅޭތާ މިހާރު ތިންމަސް ވަނީ ވެފައި އެވެ.
އިގްބާލު ހުސެއިން ބުނާގޮތުގައި ނަމަ އޭނާ ކުރިން މަސައްކަތް ކުރަމުންދިޔައީ ރާބެކަޑަ ކެފޭގައި ކަމަށެވެ. އެކަމަކު ލޮކްޑައުންއާ ހަމައިން ވަޒިފާއިން ވަކިކުރީ އެވެ. އެހެންވުމުން މަގުމަތިވެ ކާނެ އެއްޗެއް ހޯދުމަށް ސަލާން ޖަހަނީ އެވެ. މުހައްމަދު މިލޮން ކުޅުދުއްފުއްޓަށް އައީ މީގެ ތިން މަސްކުރިން ނޮޅިވަރަމުންނެވެ.
އޭނާ ބުނާގޮތުގައި ނަމަ ނޮޅިވަރަމްގައި އުޅުމަށްފަހު މާލެ ދިޔުމަށް ކުޅުދުއްފުއްޓަށް އައިތަނުން ލޮކްޑައުންވުމުގެ ސަބަބުން ކުޅުދުއްފުށީގައި ތާށިވީ ކަމަށެވެ. އެހެންވުމުން އަޅާނެލާނެ މީހަކު ނެތި މަގުމަތީވީ އެވެ. ދެ މީހުންވެސް ބުނާގޮތުގައި ނަމަ އެ މީހުން ރާއްޖެ ގެނައީ ނ އަތޮޅުގައި ހިންގަމުންދާ ސަން ޝިޔާމްގެ ދިގުރަށުގައި މަސައްކަތްކުރުމަށެވެ.
އެކަމަކު އެއާޕޯޓާ ހަމައިން ދެ މީހުންގެވެސް ލިޔެކިޔުންތައް އެ މީހުން ގެނައި ކުންފުނިން އަތުލި އެވެ. ކޮންސްޓްރަކްޝަން މަސައްކަތުގައި ދިގު ރަށުގައި ގެންގުޅުމަށްފަހު އެތަނުން އެކަކު މަނަދޫއަށް ދޫކޮށްލީ އެވެ. އަނެއް މީހާ ގެންދިޔައީ މާލެއަށެވެ. އެ މީހުން ބުނާގޮތުން ނަމަ މާލެ ގެންދިޔުމަށްފަހު ކުންފުނިން އެ މީހުން ދޫކޮށްލީ އެވެ.
އެ ދެ މީހުން ސަލާން ޖަހައިގެން ކުޅުދުއްފުށީގައި އުޅޭތާ ތިންމަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އެ މީހުން ފެންވަރައި ފާހަނާކޮށް ހަދަނީ މިސްކިތްތަކުގެ ފާހާނާތަކުން ކަމަށް އެ މީހުން ބުނެ އެވެ. މަސައްކަތެއް ދޭނެ ބަޔަކު ނެތް އިރު ކުޅުދުއްފުށީގައި އުޅޭ ބަންގުލަދޭޝް މީހުންގެ ފަރާތުންވެސް އެހީތެރިކަމެއް ނުލިބޭ ކަމަށް އެ މީހުން ބުންޏެވެ. އެކަމަކު، ވަރަށް ގިނަ ދިވެހިންގެ ފަރާތުން ކާ އެއްޗެހި ލިބޭކަމަށާ މިހާރު ބޭނުންވަނީ ވީ އެންމެ އަވަހަކަށް ގައުމަށް ދާ ކަމަށް އެ ދެ މީހުންވެސް ބުންޏެވެ.
ކުޅުދުއްފުށީ ޓާސްކް ފޯސްގައި ހަރަކާތްތެރިވާ އޮފިޝަލަކު ވިދާޅުވީ، ކޮވިޑާއެކު ކުރިމަތިވި ދަތިތަކުގެ ތެރޭގައި ހައްލުކުރަން އެންމެ އުނދަގޫ މައްސަލައަކަށް ދިމާވީ ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަތަކެވެ. އެހެންކަމުން ސަރުކާރުން މިހާރު ފަށާފައިވާ ޕްރޮގުރާމްގެ ތެރެއިން ބިދޭސީން ފޮނުވާލުމުގެ މަސައްކަތްތައް ކުޅުދުއްފުށީގައި ދަނީ ކުރަމުންނެވެ.
އޮފިޝަލު ވިދާޅުވީ، މިއަދާ ޖެހެންދެން އެ ދެ ބިދޭސީން މާލެ ފޮނުވާލުމަށް މިނިސްޓްރީގައި އެދެމުންދާ ކަމަށާ ނަމަވެސް އެކަން އަދި ނުވެ އޮތީ މިނިސްޓްރީން ކައުންސިލަށް ފޮނުވާ ފައިނަލް ލިސްޓްގައި އެ ދެ މީހުން ހިމަނާފައިނުވާތީ ކަމަށެވެ. އެކަމަކު އެ މީހުންގެ މައުލޫމާތު ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކާ ހިއްސާކުރެވިފައިވާނެކަމަށް އޮފިޝަލް ޔަގީންކަންވެސް ދެއްވި އެވެ.
އެ ދެ ބިދޭސީންގެ ހާލަތު ދެނެގަތުމަށް ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން އާއި ރެޑްކުރެންސެންޓްގެ ފަރާތުން އެތަނަށް ޒިޔާރާތްކޮށް އެ މީހުންގެ ހާލަތު ބަލާފައިވެސް ވެ އެވެ.
ގާނޫނީގޮތުން ބިދޭސީންގެ ކަންތައްތައް ބެލުމަށް ހަވާލުކޮށްފައިވާ މޯލްޑިވްސް އިމިގުރޭޝަންއާ އެވެ. މިކަމާ ގުޅިގެން އިމިގުރޭޝަންއާ ސުވާލުކުރުމުން އެތަނުގެ މީޑިއާ އޮފިޝަލް ހަލީލް ކޭއޯއަށް ވިދާޅުވީ، ކުޅުދުއްފުށީ ރޯހައުސްއެއްގައި ގަވައިދާ ހިލާފަށް ސަލާން ޖަހައިގެން ދެ ބިދޭސީއަކު އުޅޭކަމެއް އެ މުވައްސަސާއަށް އެނގިފައިނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ، އިމިގުރޭޝަނުން ކުރިއަށްގެންދާ ރޫޓިންގގެ މަސައްކަތަށް މިވަގުތަށް މަޑުޖައްސާލާފައިވަނީ ކޮވިޑް-19 އާ ގުޅިގެން އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލު ހާލަތު އިއުލާނުކޮށްފައިވާތީ އާއި ރާއްޖޭގެ ބޯޑަރުވެސް ބަންދުކުރެވިފައިވާތީ ކަމަށެވެ. ނަމަވެސް އާންމު ހާލަތަކަށް އާދެވުމުން ގަވައިދާ ހިލާފަށް އުޅޭ ފަރާތްތަކުން ފުރުވާލުމަށް ކުރަން ޖެހޭ ކަންތައްތައް ރާވަމުންދާ ކަމަށެވެ.
"އިކޮނޮމިކް މިނިސްޓްރީން ބިދޭސީން ފުރުވާލުމުގައި އަތޮޅުތެރެއިން ފޮނުވާ މީހުން އައިޑެންޑިފައި ކުރުމުގެ މަސައްކަތް ކޮށްދޭ. މިގޮތުން ކުޅުދުއްފުށި ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލްއަށް އެހީތެރިކަން ފޯރުކޮށްދޭން ވަނީ ނިންމާފަ." އިމިގުރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މިވަގުތު އިމިގުރޭޝަން އެއްވެސް އޮޕަރޭޝަނެއް ކުރިއަށްނުގެންދާ ކަމަށާ މިވަގުތު ކުރަމުންގެންދާ މަސައްކަތަކީ އެކޮނޮމިކް މިނިސްޓްރީން ފުރުވާލައި ބިދޭސީންގެ އައިޑެންޑީޓީ ކަށަވަރުކޮށްދިން ކަމަށް އޭނާ ވިދާޅުވި އެވެ.
ދެ ބިދޭސީންގެ ހާލަތު އިމިގުރޭޝަން ނޭނގުނުނަމަވެސް ކުޅުދުއްފުށީގައި ބިދޭސީން ފުރުވާލުމަށް ހިންގާ އޮޕަރޭޝަންގައި އިމިގުރޭޝަންގެ އެހީތެރިކަންވެސް ލިބޭކަމަށް ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ކުރިން ވަނީ ހާމަކުރައްވާފައި އެވެ.