twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ކުމުންދޫގައި ސޯލާ މަގު ބައްތި ހަރުކޮށްފި

ޚަދީޖާ އާދަމް
Jun 29, 2020

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ހދ. ކުމުންދޫގެ ބައެއް މަގުތަކުގައި ސޯލާ ބައްތި ހަރުކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ ކުމުންދޫގައި އަލަށް މީހުން އާބާދުވަމުންދާ ސަރަހައްދުގެ ބޮޑު މަގުގެ ބައްތިތައް އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

މި ޕްރޮޖެކްޓަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގުނު ތަފާތު ޕްރޮޖެކްޓެއް ކަމަށާއި މި ޕްރޮޖެކްޓްގެ ސަބަބުން ކުމުންދޫގެ ކަރަންޓް ގްރިޑަށް ލޯޑް ކުޑަވެ، ކަރަންޓަށް ކުރާ ހޭދައަށް ލުޔެއް ލިބިގެންދާނެ ކަމަށްވެސް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

އަދި މިފަދަ ތިމާވެއްޓާއި ރަށްޓެހި ޕްރޮޖެކްޓަތަކަށް އެ ބޭންކުން ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަންވެސް ވަނި ފާހަގަ ކޮށްފަ އެވެ.

އުންމީދަކީ މި ޕްރޮޖެކްޓުގެ ސަބަބުން ރަށުގެ ރައްޔިތުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ހޭލުންތެރިކުރުވާ އަދި އިތުބާރު އުފެއްދުން ކަމަށްވެސް ބޭންކުން ބުނެއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިއަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން ތިން ފިޔަވައްސަކަށް ބަހާލުމަށްވަނީ ހަމަޖެހިފަ އެވެ.

އަދި ފުރަތަމަ ދެ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވުމަށް ހަމަޖެހިފައިވާއިރު ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވިގެންދާނެ އެވެ. ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355