twitterviber whatsapp telegramfacebookyoutube instagram
26th April 2024

ގާނޫނީ ކޮލަމް: ކުޑަކުދިން ގްރޫމަރުންގެ ވަކިތަކުގެ ދަށަށް!

Jul 2, 2020

ތިމާގެ ދަރިފުޅު އާދަޔާ ޚިލާފަށް ކަންކަން ސިއްރުކުރަނީތޯއެވެ؟ މީހަކު ތިމާގެ ދަރިފުޅާއި ނުވަތަ ތިމާއާއި އާދަޔާ ޚިލާފަށް ގުޅުންބަދަހިކޮށް ހަދިޔާދީ ހަދަނީތޯއެވެ؟ މިފަދަ ކަންކަމަކީ، ކުޑަކުދިން ހައްދާލައިގެން ނުވަތަ އެކުދިންގެ މައިންބަފައިން ނުވަތަ އާއިލާ މީހުންނާއި ގުޅުންބަދަހި ކޮށްގެން ކުދިންގެ ފަރާތުން ނާޖާއިޒު ފައިދާއެއް ހޯދާ މައްސަލަތައް ފެންމަތިވަމުންދާ ދުވަސްވަރެއްގައި، އެކުދިން އެމީހުންގެ ވަކިތަކުން ސަލާމަތްކުރުމަށްޓަކައި، ތިމާ ސަމާލުކަން ދޭންޖެހޭނެ ކަންކަމެވެ.

އެހެންކަމަށްވާއިރު، ކުއްޖަކު ގްރޫމްކުރުވޭ ގޮތާއި، އެފަދަ ކަމެއް ހިނގާކަން ދެނެގަންނާނެގޮތާއި އަދި އެފަދަ ޢަމަލެއް ކުރާމީހަކަށް ޤާނޫނުގެ ދަށުން ހުރި އަދަބުތައް އެނގި ހޭލުންތެރިވުމަކީ މުހިންމުކަމެވެ.

ގްރޫމްކުރުން

ގްރޫމްކުރުމަކީ ކުޑަކުއްޖަކު ލައްވާ ޖިނާޢީ ކުށެއް ކުރުވުމަށް ނުވަތަ ކުޑަކުއްޖަކަށް ޖިންސީ ގޯނާއެއްކުރުމަށް އެކުއްޖަކަށް ނުވަތަ އެކުއްޖެއްގެ މައިންބަފައިންނަށް ނުވަތަ ބެލެނިވެރިންނަށް ނުވަތަ ބެލެހެއްޓުން ހަވާލުވެފައިވާ މީހަކަށް، ފައިސާ ނުވަތަ އެނޫންވެސް ބޭނުންވާ އެއްޗެއް ފޯރުކޮށްދީ، އެކުއްޖާއާއި ޖަޒުބާތީ ގުޅުމެއް ޤާއިމުކޮށް އެކުއްޖާގެ އިތުބާރު ހޯދުމަށްކުރާ މަސައްކަތެވެ.

ގްރޫމްކުރުމަށް ގެންގުޅޭ އުކުޅުތައް

ކުޑަކުއްޖަކު ގްރޫމްކުރުމަށްޓަކައި އާންމުގޮތެއްގައި ގްރޫމަރުން އެފަދަ ޢަމަލުތައް ހިންގަނީ އިންޓަރނެޓްގެ ޒަރީޢާއިން ކަމުގައިވީނަމަވެސް، އެކުދިންނާއި ބައްދަލުކޮށް، ގުޅުންބަދަހިކޮށްގެން އެކަންކުރާ ފަހަރުވެސް މަދެއްނުވާނެއެވެ. އެގޮތުން ކުއްޖާ ކުޑައިރުންސުރެ ދަންނަ، އިތުބާރުކުރެވޭ ފަދަ މަޤާމެއްގައިވާ މީހަކު އެކުއްޖާއަށް ނަސޭހަތްދީ، އެކުއްޖާގެ އިތުބާރު ހޯދުމަށްފަހު އެކުއްޖަކަށް އެންމެ މުހިންމު ފަރާތަކީ ހަމައެކަނި އެމީހަކު ކަމުގައިހަދައެވެ. މިފަދަ މީހުންގެ ތެރޭގައި ގިނަފަހަރަށް ކުއްޖާގެ އާއިލާ ނުވަތަ ތިމާގެ މީހެއް ނުވަތަ ކިޔަވައިދޭ ޓީޗަރުންވެސް ހިމެނިގެންދެއެވެ.

ހަމައެހެންމެ، އެކުއްޖާއާއި އިތުރަށް ގާތްވުމުގެގޮތުން އެކުއްޖާއަށް ހަދިޔާދީ، އެމީހަކަށް އެކުއްޖަކީ ވަރަށް މުހިންމު ކުއްޖެއްކަން ޤަބޫލުކުރެވޭނެ ގޮތަށް ޢަމަލުތައް ބަހައްޓާ ހަދައެވެ. މީގެއިތުރުން ކުއްޖަކު ބްލެކްމެއިލްކުރުމާއި ބިރުދައްކާ ހެދުމަކީވެސް، ގްރޫމްކުރާ މީހުން ގެންގުޅޭ އުކުޅެކެވެ.

ގްރޫމްކުރެވެނީކަން ދެނެގަންނާނެ ގޮތްތައް

ގްރޫމްކުރުމަށް އެކިމީހުން އެކި އުކުޅުތައް ގެންގުޅޭއިރު، ކުއްޖަކު ގްރޫމްކުރެވޭކަން ދެނެގަތުމަކީ ގިނަފަހަރަށް އުނދަގޫކަމަކަށް ވެގެންދެއެވެ. މިފަދަކަމެއް ހިނގާކަމުގެ މައިގަނޑު ދެ ޢަލާމާތަކީ، އާދަޔާ ޚިލާފަށް އެކުއްޖަކު ކުރާކަންކަން ބެލެނިވެރިންނަށް ސިއްރުކުރުމާއި އަދި އެކުއްޖެއްގެ އުމުރާއި ނުގުޅޭ މަޢުލޫމާތު އެކުއްޖަކަށް އެނގުމެވެ. ހަމައެހެންމެ، ކުއްޖާ އިންޓަރނެޓްގައި ގިނަވަގުތު ހޭދަކުރުމާއި، ކަންބޮޑުވުން ފާޅުކޮށް ބެލެނިވެރިންނާއި އާއިލާ މީހުންނާއި ދުރުވުމާއި އެކަހެރިވުމަކީވެސް، މިފަދަ ޙާލަތްތަކުގައި ފެންނަ ޢަލާމާތްތަކެވެ. މީގެ އިތުރުން ކުއްޖާއަށް ލިބޭ ހަދިޔާތަކުގެ ޙަޤީޤަތް ހާމަކުރުމަށް ކުއްޖާ ފަސްޖެހޭ ކަމުގައިވާނަމަވެސް، އެފަދަކަމެއް ހިނގަނީކަމަށް ބެލެވިދާނެއެވެ.

ގްރޫމްކުރުމުގެ ކުށާއި އަދަބު

ކުއްޖަކު ގްރޫމްކުރެވިގެންދާ ފަދަ އިޝާރާތެއް ތިމާއަށް ފެނިއްޖެނަމަ، އެކުއްޖަކާ ވާހަކަދައްކާ ރަނގަޅަށް މަޢުލޫމާތު ސާފުކުރުމަށްފަހު، ކަމާބެހޭ އިދާރާތަކަށް ރިޕޯޓް ކުރަންވާނެއެވެ. އެހެނީ، ޤާނޫނީގޮތުން އެފަރާތްތަކަށް ޙައްޤު އަދަބު ލިބުމަށް މަގުފަހިވެގެންދާނީ އޭރުންނެވެ.

އެގޮތުން ކުޑަކުއްޖަކު ލައްވާ ޖިނާޢީ ކުށެއް ކުރުވުމަށްޓަކައި ގްރޫމްކުރާނަމަ، އެފަދަ މީހަކަށް 3 އަހަރުދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ. އަދި މިފަދަ ކަމެއްކުރަނީ ކުޑަކުއްޖާ އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރިމީހަކުނަމަ، އަދަބު 5 އަހަރުދުވަހުގެ ޖަލު ޙުކުމަކަށް ބަދަލުވެގެންދާނެއެވެ. ހަމައެހެންމެ، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި އެކުއްޖާ ގްރޫމްކޮށްފި މީހާގެ އަދަބަކީ 10 އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. ނަމަވެސް، އެކުށްކުރަނީ އެކުއްޖާ އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރިމީހަކުނަމަ، އެކުށުގެ އަދަބަކީ 15 އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. ހަމައެހެންމެ، އެމީހަކު އެކުއްޖަކާމެދު ގްރޫމްކޮށްގެން ޖިންސީ ގޯނާއެއްކޮށްފިނަމަ، އެކުރި އަނިޔާއަކަށް ޤާނޫނުން އެމީހަކަށް ލިބެންޖެހޭނެ އަދަބުވެސް ލިބިގެންދާނެއެވެ.

ނިންމުން

ކުޑަކުދިން ގްރޫމްކުރާ މީހުންގެ ޝިކާރައަކަށް ވިޔަ ނުދިނުމަށާއި އަދި އެފަދަ ޢަމަލުތައްކުރާ މީހުންނަށް އަދަބު ދިނުމަށްޓަކައި، މިކަމާ ބެހޭގޮތުން ހޭލުންތެރިވުމަކީ މުހިންމުކަމެކެވެ. ހަނދާނުގައި ބަހައްޓަންޖެހޭކަމަކީ، ގްރޫމްކުރެވިގެން މިދަނީ ހަމައެކަނި ކުޑަކުދިން ނޫންކަމާއި، އެކުދިންގެ ބެލެނިވެރިންނަކީވެސް އެކަމުގައި ޝިކާރައަކަށްވެދާނެ ބައެއްކަމެވެ.

އާޓިކަލް ލިޔުނީ އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިން އަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355