ކޮވިޑް-19 އާ ގުޅިގެން އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ބާރުއެޅުވުމުގެ ގޮތުން މިއަދުން ފެށިގެން އޮންލައިންކޮށް ޗެކިން ވެވޭނެ ކަމަށް މޯލްޑިވިއަން އިން ބުނެފި އެވެ.
އެގޮތުން ފްލައިޓް އޮންނަ ގަޑީގެ 12 ގަޑިއިރު ކުރިން ޑޮމެސްޓިކް ފްލައިޓްތަކަށް އޮންލައިން ޗެކިންވެވޭ އިރު އިންޓަނޭޝަނަލް ފްލައިޓުތައް އޮންނަ ގަޑީގެ 48 ގަޑިއިރު ކުރިން ފެށިގެން އޮންލައިންކޮށް ޗެކިންވެވޭނެ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ. ޗެކްއިން ބަންދުވާނީ ފްލައިޓްތަކުގެ ޗެކިން ފުރުމުގެ ހަތަރު ގަޑިއިރު ކުރިންނެވެ.
މިގޮތަށް އޮންލައިން ވުމުން އީމެއިލް މެދުވެރިކޮށް ބޯޑިން ފާސް ލިބޭނެ އެވެ. އީމެއިލް މެދުވެރިކޮށް ލިބޭ ބޯޑިން ފާސް އެއާޕޯޓަށް ފުރަން ދިޔުމުގެ ކުރިން ރަނގަޅަށް ޗެކް ކުރުމަށް މޯލްޑިވިއަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މޯލްޑިވިއަނުން ބުނީ ދަތުރުކުރާ ފަރާތްތަކުން ލަގެޗާއެކު ފްލައިޓު ފުރުމުގެ އެއްގަޑި އިރު ކުރިން އެއާޕޯޓަށް ދާން ޖެހޭނެ ކަމަށާއި އަދި ބޯޑިން ފާހުގައި ފްލައިޓުން ޖާގަ ލިބޭނެ ކަމަށް ޖަހާފައިވާ ޖާގަ އެހެނިހެން ސީޓަކަށް ބަދަލު ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.
ނަމަވެސް މިގޮތަށް ސީޓު ބަދަލު ކުރާނީ ކޮވިޑް-19 އިން ރައްކާތެރި ވުމަށް އަޅާފައިވާ ފިޔަވަޅު ދަށުން ކަމަށް އެއެއާލައިނުން ވަނީ ބުނެފަ އެވެ.