twitterviber whatsapp telegramfacebookyoutube instagram
26th April 2024

ގެދޮރުވެރިކަމާއި، މަސްވެރިކަމަށް ސައުދީން 771 މިލިއަން ރުފިޔާގެ އެހީއެއް

ޚަދީޖާ އާދަމް
Jul 5, 2020

ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫއު އާއި، މަސްވެރިކަން ތަރައްގީ ކުރަން ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން 771 މިލިއަން ރުފިޔާގެ އެހީ ދިނުމާ ބެހޭ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި ދެ މަޝްރޫއާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރު ޝާހިދު ސޮއިކުރެއްވީ މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި އެހީއާއެކު މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވައި، އަތްފޯރާ އަގެއްގައި ދިވެހިންނަށް ބޯހިޔާވަހިކަން ހޯދުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް އަންނާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

އަދި ސައޫދީއިން މި އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ކޮވިޑް-19 އާ ގުޅިގެން އިގުތިސޯދަށް ދިމާވި ހީނަރު ކަމާއެކު، ބޭރުގެ މާލީ އެހީތެރި ކަމަށް ރާއްޖެއިން ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި އެއްބަސްވުންތަކާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫއަށް 25 މިލިއަން ޑޮލަރު އަދި މަސްވެރިކަން ތަރައްގީ ކުރުމަށް 25 މިލިއަން ޑޮލަރު ހަމަޖެހިގެން ދާނެއެވެ.

މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ހިންގާ ސޯޝަލް ހައުސިން ޕްރޮޖެކްޓުން 2700 މީހުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށާއި، މަސްވެރިކަމުގެ ސިނާއަތުގައި ހިންގާ މަޝްރޫއުން މަސްވެރިކަމާ ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ 25000 ދިވެހިންނަށް އެކަމުގެ ސަބަބުން ފައިދާވެގެންދާނެ ކަމަށް މިނިސްޓަރު ޝާހިދު މިއަދު ފާހަގަކުރެއްވިއެވެ.

ސައޫދީއިން އަބަދުވެސް ރާއްޖެއަށް ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ސައޫދީ ރަސްގެފާނު، ދެ ހަރަމްގެ ހާދިމް ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައޫދާއި، ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައޫދަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުއާއި ދިވެހި ސަރުކާރާ ރައްޔިތުންގެ ފަރާތުން ހާއްސަ ޝުކުރެއް މިނިސްޓަރު ޝާހިދު އަދާކުރެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355